ކ. މާލެ
|
19 ފެބްރުއަރީ 2025 | ބުދަ 09:58
މެޗުގައި ފެޔެނޫޑުން ލަނޑު ޖަހަނީ
މެޗުގައި ފެޔެނޫޑުން ލަނޑު ޖަހަނީ
ރޮއިޓަރސް
ޔުއެފާ ޗެމްޕިއަންސް ލީގު
އޭސީ މިލާން ކަޓުވާލައި، ފެޔެނޫޑް ގަދަ 16 އަށް
މެޗު އެއްވަރުވެ ފެޔެނޫޑަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބުނީ އެގްރިގޭޓް 2-1 ގެ ނަތީޖާ އަކުންނެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ދެ ވަނަ ލެގުގައި އޭސީ މިލާނާ އެއްވަރުކޮށް، އެގްރިގޭޓް ނަތީޖާ އިން ކުރި ހޯދައި ފެޔެނޫޑް އިން މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފި އެވެ.

ފެޔެނޫޑުގެ އަމިއްލަ ދަނޑުގައި މި ދެ ޓީމު ކުޅުނު ފުރަތަމަ ލެގުގެ މެޗު އެ ޓީމުން ވަނީ 1-0 އިން ކާމިޔާބު ކޮށްފަ އެވެ. އެހެންކަމުން، ދެ ވަނަ ލެގަށް ކުރިމަތިލީއިރު ވެސް ފެޔެނޫޑަށް ގަދަ 16 ގެ ފުރުސަތު އޮތީ ބޮޑުވެފަ އެވެ.

އޭސީ މިލާންގެ އަމިއްލަ ދަނޑުގައި އަންގާރަ ދުވަހުގެ ރޭ ކުޅުނު ދެ ވަނަ ލެގުގެ މެޗުގައި މިލާނުން ވަނީ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދައިފަ އެވެ. ނަމަވެސް ފެޔެނޫޑުން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި އޭސީ މިލާނަށް ލީޑު ނަގައިދިނީ ސަންތިއާގޯ ހިމިނޭޒް އެވެ. އޭނާ އެ ލަނޑު ޖެހީ މާލިކް ތިއާއޯ ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު، އޭސީ މިލާންގެ ތިއޯ ހެނާންޑޭޒް އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކައިފަ އެވެ.

އޭގެ ފަހުން ފެޔެނޫޑުން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ 73 ވަނަ މިނެޓުގަ އެވެ. ހޫގޯ ބުއޭނޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އެ ޓީމަށް އެ ލަނޑު ޖަހައިދިނީ ހޫލިއަން ކަރަންޒާ އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ފެޔެނޫޑުގެ ޖިވައިރޯ ރީޑް އަށް ވަނީ ސީދާ ރަތް ކާޑު ދައްކައިފަ އެވެ.

މެޗު އެއްވަރުވެ ފެޔެނޫޑަށް މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ލިބުނީ އެގްރިގޭޓް 2-1 ގެ ނަތީޖާ އަކުންނެވެ.

- ކޮމެންޓް