ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 19:06
މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ އެއަރގެ ޗެއަރަމަން ގާސިމް އިބްރާހިމް
މާމިގިލި ދާއިރާގެ މެންބަރު އަދި ވިލާ އެއަރގެ ޗެއަރަމަން ގާސިމް އިބްރާހިމް
މަޖިލިސް
ކާޑެއްދޫ އެއަރޕޯޓް
ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން މިހުންނެވީ ތައްޔާރަށް: ގާސިމް
ދެ ޕާޓީއަކާއެކު ސޮއިކޮށްފައި އޮއްވާ ތިނަދޫ އަދި ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓް އެޅުމަށް ސަރުކާރުން އިއުލާންކުރުމަށް އިންވެސްޓަރ ކޮންފިޑެންސް ގެއްލުނު
ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެދުމަށް ރައީސް މުހައްމަދު މުއިއްޒު ދެފަހަރެއްގެ މަތިން އެދިވަޑައިގެންނެވި
ކުންފުނީގެ ފައިނޭންޝިއަލް ހާލަތު ހުރިގޮތުންނާއި، ދުނިޔޭގެ މަސްރަހުންނާއި ރާއްޖޭގެ ކްރެޑިޓް ރޭޝިއޯ އޮތްގޮތުން ފައިނޭންސްކުރުމަށް ވަރަށް ދަތިތައް އެބަހުރި

ވިލާ އެއަރ ކުންފުންޏަށް ގެއްލުން ނުވާނަމަ ސަރުކާރާއެކު ޑީލެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓް ދޫކޮށްލަން ހުންނެވީ ތައްޔާރަށް ކަމަށް މާމިގިލީ ދާއިރާގެ މެންބަރު އަދި ވިލާ އެއަރގެ ޗެއަރމަން ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އަންގާރަ ދުވަހު ބޭއްވި އިގްތިސާދީ ކޮމިޓީގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް އެއަރޕޯޓަކަށް ހެެއްދެވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ދެފަހަރެއްގެ މަތިން އެދިވަޑައިގެންނެވި ކަމަށާއި، އެކަން އެގޮތަށް ކުރައްވަން ހުންނެވިކަމަށް ރައީސްގެ އަރިހުގައި އޭނާ ވިދާޅުވިކަމަށް ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ އެ ވިސްނުމުގައި ކުންފުނި އޮތްނަމަވެސް މިވަގުތު ފައިނޭންޝިއަލް ހާލަތު ހުރިގޮތުންނާއި، ދުނިޔޭގެ މަސްރަހު އޮތްގޮތުންނާއި އަދި ރާއްޖޭގެ ކްރެޑިޓް ރޭޝިއޯ އޮތްގޮތާއި ހުރިހާ ކަންކަމަށް ބަލާއިރު ފައިނޭންސްކުރުމަށް ވަރަށް ދަތިތައް އެބަހުރިކަމަށް ގާސިމް ވިދާޅުވިއެވެ.

މިހާރު އަޅުގަނޑު މާމިގިލީގައި ހަދާ އެއަރޕޯޓް މިދަނީ ވައިޑްބޮޑީ އެއަރކްރާފްޓަށް ޖެއްސޭގޮތަށް ތައްޔާރުކުރަމުން. ހުއްޓާނުލާ މަސައްކަތްތައް ކުރިއަށް އެބަދޭ. އަނެއްކާ މަސައްކަތެއް ކުރަންބޭނުންވެއްޖެއްޔާ އަޅުގަނޑުމެންނަށްވުރެ ހަރަދުކުޑަކޮށް އެކަންކުރެވޭނެ ބަޔަކުވެސް ނުތިބޭނެ. އިކްވިޕްމަންޓް، ހުރިހާ މެޝިނަރީއެއް އެއަރޕޯޓް ހަދަންބޭނުންވާ އެންމެ މި ޒަމާނުގެ ފެސިލިޓީސް ހުރިހާ އެއްޗެއް. ދެން ދަންނަވާލަން މިއުޅެނީ އަޅުގަނޑުމެންގެ އިންޓެންޝަނުގައި އޮތީ އެކަން ކުރާ ގޮތަށޭ. އެހެންނަމަވެސް ސަރުކާރުން ވަކިގޮތެއް ބޭނުންވެގެން މިވެނިހެން އެވެނިގެން ވިދާޅުވާނެ ވެއްޖެއްޔާ އަޅުގަނޑުމެން މިތިބީ ދެފަރާތަށް "ރީސަނަބަލް" ގޮތަކަށް ކަމަށް ވަންޏާ، އަޅުގަނޑުމެންނަށް ގެއްލުން ނެތްގޮތަކަށް ވެއްޖެއްޔާ އެކަން ދޫވެސްކޮށްލާގޮތަކަށް. އަޅުގަނޑުމެންގެ ޖަދަލުކުރުމެއްވެސް ނެތް.

މާމިގިލީ ދާއިރާގެ މެންބަރު އަދި ވިލާ އެއަރގެ ޗެއަރމަން ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ ވިލާ އެއަރއާއި މިިނިސްޓްރީ އޮފް ޓްރާންސްޕޯޓާއި ދެމެދުގައި ހެދިފައިވާ އެއްބަސްވުމެއްގެ ދަށުން ކާޑެއްދޫ އެއަރޕޯޓު ހިންގަމުންދާ ކަމަށެވެ. އަދި އެގްރީމެންޓެއް އޮއްވާ ކޮންމެ ބޭފުޅަކު ހުށަހެޅުއްވި މައްސަލައެއް ނަމަވެސް ވިލާ އެއަރއާއި ހަމައަށް އަންނަ އިރު، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ބަހެއް ކޮމިޓިން ހޯއްދަވާފައިވޭތޯ ގާސިމް ސުވާލު އުފެއްދެވިއެވެ.

އަދި ކޮމިޓީއަށް ހާޒިރުވީ ގާނޫނުއަސާސީގައިވާ ގޮތަށް މަޖިލީހުގެ ކޮމިޓީއަކުން ކުރާ ސުވާލަކަށް ޖަވާބުދިނުމަކީ ކުރަންޖެހޭނެކަމެއް ކަމުގައިވާތީ ކަމަށެވެ. އަދި ޓްރާންސްޕޯޓް މިނިސްޓްރީއާއި ސިވިލް އޭވިއޭޝަނުން ވިލާ އެއަރއާއެކު ވެފައިވާ އެއްބަސްވުމާއި ހިލާފުވެފައިވޭތޯ ނުވަތަ ނުވޭތޯ ބެލުން މުހިންމު ކަމަށެވެ. އަދި ގާނޫނުއަސާސީއަށް ތަބާވުމުގެ ގޮތުން "ޑިއު ރެސްޕެކްޓް" ކުރުމުގެ ގޮތުން ކޮމިޓީއަށް ވިލާ އެއަރއިން ހާޒިރުވީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގެ އެއަރޕޯޓްތައް ހިންގަމުން އަންނަނީ ވަރަށް ބޮޑު ހަރަދުތަކެއް ކޮށްގެން ކަމަށެވެ. އަދި މާލޭ އެއަރޕޯޓް ފިޔަވައި ހުރިހާ އެއަރޕޯޓްތަކަކީ ވެސް ގެއްލުމުގެ ހިންގަމުން އަންނަ ތަންތަން ކަމަށާއި އެގޮތަށް ކާޑެއްދޫ އެއަރޕޯޓް ހިންގަނީ ވެސް ވަރަށް ބޮޑު ގެއްލުމެއްގައި ކަމަށެވެ. ގާސިމް ވިދާޅުވީ ލިބެނީ ވަރަށް ކުޑަ އެއްޗެއް ކަމަށެވެ. އަދި ލިބޭ އެއްޗެއްގެ ދެބައިކުޅަ އެއްބައިވެސް ކުންފުންޏަށް ނުލިބޭ ކަމަށާއި، އަދި ލިބެން އޮންނަ އެއްޗެއްވެސް އޮންނަނީ ނުލިބި ޕެންޑިންގައި ކަމަށެވެ.

ކޮންމެ މަހަކުވެސް މިލިއަނަކަށްވުރެ ގިނަ ރުފިޔާ އަޅުގަނޑުމެން ހަރަދުކުރަންޖެހޭ. ދެން ޖަނަރޭޓަރުތައް ވެސް ދެފަހަރަށް އަޅުގަނޑުމެން ބަދަލުކޮށްފިން. ފުރަތަމަ ފަހަރަށް ބެހެއްޓި ޖަނަރޭޓަރުތައް ހަލާކުވެ އަނެއްކާވެސް އައު ޖަނަރޭޓަރުތަކެއް ބެހެއްޓިން. ދެން ކޮވިޑްގެ ވަބާއާއި ގުޅިގެން އަދިވެސް އަޅުގަނޑުމެން މިދަނީ ވަރަށް ބޮޑަށް ބްލީޑްވަމުން. ދެން އަޅުގަނޑުމެންނާއި ޓްރާންސްޕޯޓް މިނިސްޓްރީއާއި ހައުސިންގ މިނިސްޓްރީއާއި ވަރަށް ރަނގަޅު ގުޅުމެއް އޮވެގެން މިދަނީވެސް. ހައުސިންގ މިިނިސްޓްރީގެ ވާހަކަ މި ދެއްެކީ އެހެން މޭރުމަކުން. ދެން ޓްރާންސްޕޯޓް މިނިސްޓަރު އަޅުގަނޑާއި ގުޅުއްވާ ވާހަކަވެސް ދައްކަވާ.

މާމިގިލީ ދާއިރާގެ މެންބަރު އަދި ވިލާ އެއަރގެ ޗެއަރމަން ގާސިމް އިބްރާހިމް

ކޮމިޓީގައި ވިލާއެއަރގެ ފަރާތުން ބުނެފައިވަނި ކާޑެއްދޫ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުން ލަސްވެފައިވަނީ މި ސަރުކާރުން ގދ. ތިނަދޫ އަދި ގއ. ވިލިނގިލީގައި އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްގީކުރުމަށް ނިންމާފައިވާތީ ކަމަށެވެ. މީގެ އިތުރުން ކާޑެއްދޫ އެއަރޕޯޓް ތަރައްގީކުރުމަށް ދެ ފަރާތަކާއެކު ސޮއިކޮށްފައިވީނަމަވެސް، ސަރުކާރުން ތިނަދޫއާއި ވިލިނގިލީގައި އެއަރޕޯޓް އަޅަން އިއުލާންކުރުމަށް އިންވެސްޓަރ ކޮންފިޑެންސް ގެއްލިފައިވާ ކަމަށެވެ.

- ކޮމެންޓް