ފަސް ގައުމަކަށް ނޮން ރެޒިޑެންޓު ސަފީރުންގެ ގޮތުގައި އައްޔަނު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފޮނުއްވި ބޭފުޅުންގެ ނަންތަަކަށް ރައްޔިތުންގެ މަޖިލީހުން އަންގާރަ ދުވަހު ރުހުން ދީފި އެވެ.
ޤައުމުތަކަށް ކަނޑައެޅުއްވި ސަފީރުން އައްޔަންކުރުމުގެ މައްސަލަ ދިރާސާކުރީ ޚާރިޖީ ގުޅުންތަކުގެ ކޮމިޓީންނެވެ.
ނޮން-ރެޒިޑެންޓު ސަފީރުން ކަނޑައެޅުއްވީ ސްވިޓްޒަލޭންޑާއި، ކެނެޑާ، މިސްރު، ކުވައިތު އަދި ބޫޓާނަށެވެ.
ނޮން ރެޒިޑެންޓު ސަފީރުކަމަށް އައްޔަންކުރަން ރައީސް ފޮނުއްވި ނަންތަކުގެ ތެރެއިން ކެނެޑާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރަކަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ އެމެރިކާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަބްދުލްގަފޫރު މުހައްމަދުގެ ނަމެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސްކުރީ 71 މެންބަރުންގެ ތާއީދާއެކު އެވެ.
މިސްރަށާއި ކުވެއިތަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުގެ މަގާމަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވާފައި ވަނީ ސައުދީއަރަބިއްޔާއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، އަހުމަދު ސަރީރުގެ ނަމެވެ. މިސްރުގެ ނޮން ރެޒިޑެންޓު ސަފީރުކަމަށް އޭނާ އައްޔަނު ކުރަން ފެންނަ ކަމަށް 71 މެންބަރުން ވޯޓު ދެެއްވިއިރު، ކުވެއިތަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 73 މެންބަރުންނެވެ.
ދިވެހިރާއްޖެއިން ބޫޓާނަށް ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރަކަށް އައްޔަނު ކުރުމަށް ރައީސް ފޮނުއްވީ ބަންގްލަދޭޝްއަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރު، ޝިއުނީން ރަޝީދުގެ ނަމެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްކުރީ 72 މެންބަރުންގެ ތާއީދާއެކު އެވެ.
ސްވިޓްޒަލޭންޑަށް ރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ނޮން ރެޒިޑެންޓު ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރަން ރައީސް ފޮނުއްވީ ޔޫއެންއަށް ދިވެހިރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު، ސަލްމާ ރަޝީދުގެ ނަމެވެ. އޭނާ އެ މަގާމަށް އައްޔަނު ކުރަން ފެންނަ ކަމަށް ފާސްކުރީ 74 މެންބަރުންގެ ތާއީދާއެކު އެވެ.
ބައެއް ޤައުމުތަކަށް ކަނޑައަޅާ ސަފީރުން އައްޔަންކުރުމަށް ފާސްކުރީ ވަކިވަކިން މަޖިލީހުގައި އެހި ވޯޓުންނެވެ.