ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 10:22
ޤާނޫނީ ވަކީލް އަނަސް އަބްދުއް ސައްތާރު
ޤާނޫނީ ވަކީލް އަނަސް އަބްދުއް ސައްތާރު
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު
މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހު
އެމްޑީޕީންވެސް ޤަބޫލުކުރަނީ މެމްބަރުންގެ ގޮނޑި ގެއްލޭ އިސްލާހުގެ މައްސަލަ ސުޕްރީމްކޯޓަށް ބެލޭނެ ކަމަށް
ޕާޓީއަކުން މަޖިލީހުގެ މެމްބަރަކު ވަކިކުރުމާއި ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅުނު މައްސަލައެއް ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް އެމްޑީޕިން ބުނޭ
މި މައްސަލައަށް އެމްޑީޕީން ތަދައްހުލުވި ސަބަބަކީ އެޕާޓީގެ މަސްލަހަތު އެ މައްސަލައިގައި ހިމެނޭކަމަށް ޤަބޫލުކުރެވުން ކަމަށް އަނަސް ވިދާޅުވި
ޤާނޫނުއަސާސީއަށް ގެންނަ އިސްލާހަކީ ޤާނޫނުއަސާސީގެ އަސްލު ގެއްލޭފަދަ އެއްޗަކަށް ވެގެން ނުވާނެ ކަމަށް އަނަސް ވަނީ ފާހަގަކުރައްވާފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީން ޤަބޫލު ކުރާ ގޮތުގައި ސިޔާސީ ޕާޓީއަކުން މަޖިލީހުގެ މެމްބަރަކު ވަކިކޮށްފި ނަމަ ނުވަތަ ވަކިވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމްކޯޓަށް ހުށަހަޅާފައިވާ މައްސަލަ ސުޕްރީމްކޯޓަށް ބެލޭނެ ކަމަށް ޤާނޫނީ ވަކީލް އަނަސް އަބްދުއް ސައްތާރު ވިދާޅުވެއްޖެއެވެ.

ޕާޓީ ބަދަލުކުރުމުން މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީ އަށް ގެނެސްފައިވާ އިސްލާހާއި ގުޅިގެން ސުޕްރީމްކޯޓަށް ޤާނޫނީ ވަކީލް އަލީ ހުސައިން ހުށަހަޅުއްވާފައިވާ މައްސަލައިގައި ބޭއްވި އަޑު އެހުމުގައި އަނަސް އެފަދައިން ވިދާޅުވެފައި ވަނީ އެ މައްސަލަ އަށް ތަދައްހުލުވެފައިވާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އެމްޑީޕީގެ ފަރާތުން ފާހަގަކުރަން ހުރި ކަންކަން ހާމަކުރައްވަމުންނެވެ.

އަންގާރަ ދުވަހު އަނަސް ވާހަކަދައްކަވާފައި ވަނީ މި މައްސަލައިގައި ފާހަގަކުރެވޭ އިޖުރާއީ ކަންކަމާއި ގުޅިގެން ކަމަށެވެ. އެ މައްސަލަ އަށް އެމްޑީޕީން ތަދައްހުލުވާން ނިންމި ސަބަބަށް އަލިއަޅުވާލައްވާ ވާހަކަދައްކަވަމުން އަނަސް ވިދާޅުވީ އެ މައްސަލަ އަށް ތަދައްޙުލުވާން އެ ޕާޓީން ނިންމީ އެމްޑީޕީ އަކީ އެންމެ ގިނަ ދުވަސްވީ ސިޔާސީ އެއް ޕާޓީކަމުގައި ވެފައި އެ ޕާޓީގެ މަސްލަހަތު މި މައްސަލައިގައި ހިމެނޭ ކަމަށް އެ ޕާޓީ އަށް ޤަބޫލުކުރެވޭތީ ކަމަށެވެ.

އަނަސް ވަނީ މައްސަލަ ހުށަހެޅުއްވި ފަރާތުން ފާހަގަކުރާ ނުކުތާތަކަށް އެމްޑީޕީން ތާއީދުކުރާކަން ހާމަކުރައްވާފައެވެ. 73 ވަނަ މާއްދާ އަށް (ބ) އިތުރުކުރުމާއި އެކު ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަން މަގުފަހިވާކަމަށް އަނަސް ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން މެމްބަރުންގެ ދުސްތޫރީ ވާޖިބު އަދާކުރުމަށް އެ ބަދަލުގެ ސަބަބުން ހުރަސް އެޅޭ ކަމަށް އަނަސް ފާހަގަކުރެއްވިއެވެ.

މި މައްސަލަ ނުބެލޭނެ ކަމަށް ދައުލަތުން ބުނެފައިވާތީ އެކަމާއި ގުޅިގެން މައްސަލަ ހުށަހެޅުއްވި ފަރާތުން ހުށަހަޅާ އިޖުރާއަތުތަކަށް ވެސް އެ ޕާޓީން ތާއީދުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.

ޤާނޫނުއަސާސީ އަށް ގެންނަ އިސްލާހަކީ ޤާނޫނުއަސާސީގެ އަސްލު ގެއްލޭ ފަދަ އެއްޗަކަށް ވެގެން ނުވާނެ ކަމަށް ފާހަގަކުރައްވާ އަނަސް ވަނީ އެފަދަ މައްސަލަތައް ބެލުމުގެ ބާރު ޖުޑީޝަރީއަށް ލިބިދޭ ސަބަބަކީ އެއީ ކަަމަށެވެ. އެކަމާއި ގުޅުން ހުރި ބައެއް މިސާލުތައް ވެސް އަނަސް ވަނީ ކޯޓަށް ހުށަހަޅުއްވާދެއްވާފައެވެ.

ޤާނޫނުއަސާސީ އިސްލާހުކުރުމުގެ ބާރު ދެނީ އިސްލާހުކުރަން. އެއްގޮތަކަށް ވެސް އެ މުގުރާލާކަށް ނޫން. އެ ގެނެވޭ އިސްލާހަކީ އޭގެ އަސްލު ސިފަ ފަހުން ބަލާ ބޭފުޅުންނަށް އެ އިސްލާހަށް ފަހު އޭގެ އޮރިޖިނަލިޓީ ނޫން ގޮތަކަށް އިސްލާހެއް ނުގެނެވޭނެ ކަމަށް. މި މަބްދައަށްޓަކާ ޖުޑީޝަލް ރިވިއުގެ ބާރު ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށް މި ބުނަނީ.

ޤާނޫނީ ވަކީލް އަނަސް އަބްދުއް ސައްތާރު

މީގެ އިތުރުން މި މައްސަލަ އަކީ އާ މައްސަލައަކަށް ވީ ނަމަވެސް މި މައްސަލައިގެ މައުޟޫއަކީ އާ މައްސަލަ އެއް ނޫންކަމަށް އަނަސް ވިދާޅުވިއެވެ. އެގޮތުން 2018 ވަނަ އަހަރާއި 2024 ވަނަ އަހަރު ވެސް މި ބާވަތުގެ ޤާނޫނުތަކެއް އެކުލަވާލި ކަމަށާއި އެފަދަ ހާލަތުގައި ޖެހިގެން އަންނަ މަޖިލީސްތަކުން އެ ޤާނޫނު އުވާލާފައިވާ ކަމަށް އަަނަސް ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެއީ ޤާނޫނެއްގެ ސިފައިގައި ގެނެސްފައިވާ ބަދަލުތަކެއްކަން އަނަސް ވަނީ ފާހަގަކުރައްވާފައެވެ.

އަނަސް ވަނީ ދެން ފާހަގަކުރަން ހުރީ މައްސަލަ އާއި ގުޅިގެން މައުޟޫއީ ގޮތުން ފާހަގަކުރަން ހުރި ކަންކަން ކަމަށް ވެސް ވިދާޅުވެފައެވެ.

- ކޮމެންޓް