ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 12:03
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓަރސް
ބާސެލޯނާ
މުހިންމު ތިން ޕޮއިންޓާ އެކު ފްލިކް ހުރީ ހިތްހަމަ ޖެހިފައި!
އޭނާ ބުނީ މެޗުގައި ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތަކެއް ލިބި، އެ ފުރުސަތުގެ ބޭނުން ނުކުރެވި ދިޔަ ކަމަށެވެ. ނަމަވެސް މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާ މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ ވަރަށް މުހިންމު ތިން ޕޮއިންޓު ކަމަށާއި، އެކަމާ މެދު ހިތްހަމަ ޖެހިފައި ހުރި ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެވެ.

އޭނާ މިހެން ބުނީ ލީގުގައި ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުންނެވެ. އެ މެޗުން މޮޅުވެ، ބާސެލޯނާ އިން ވަނީ އަނެއްކާ ވެސް ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފަ އެވެ.

ފްލިކް ބުނީ އެ މެޗުގައި ވަޔެކާނޯ އިން ވެސް ދެއްކީ ވަރަށް ރަނގަޅު އަދި ވަރުގަަދަ ކުޅުމެއް ކަމަށެވެ. އަދި އެ މެޗަކީ ބާސެލޯނާ އަށް ވަރަށް އުނދަގޫ މެޗެއްގެ ގޮތުގައި ފްލިކް ސިފަ ކުރި އެވެ. އޭނާ ބުނީ މެޗުގައި ލަނޑު ޖަހާނެ ވަރަށް ގިނަ ފުރުސަތުތަކެއް ލިބި، އެ ފުރުސަތުގެ ބޭނުން ނުކުރެވި ދިޔަ ކަމަށެވެ. ނަމަވެސް މެޗުން ލިބުނު މުހިންމު ތިން ޕޮއިންޓާ މެދު ހިތްހަމަ ޖެހޭ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

މީގެ އިތުރުން ފްލިކް ބުނެފައި ވަނީ ބާސެލޯނާ މިވަގުތު އެއް ވަނައިގައި އޮތް ނަމަވެސް، އެ ޓީމަށް ލީޑެއް ނެތް ކަމަށެވެ. ޕޮއިންޓުގެ ގޮތުން ދެ ޓީމު ހަމަހަމަ ވެފައިވާއިރު، ދެން ކުރަން ޖެހޭ މަސައްކަތަކީ ކުޅުން ރަނގަޅުކޮށް، އެ ޓީމުގެ ލީޑު ފުޅާ ކުރުން ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ ބާސެލޯނާ ކުރިއަށްދާ މިސްރާބާ މެދު ހިތްހަމަ ޖެހޭ ކަމަށާއި، ބާސެލޯނާ ކުރިއަށް ދަނީ ރަނގަޅު މިސްރާބުގައި ކަމަށް ޤަބޫލު ކުރެވޭ ކަމަށެވެ. ހަމަ އެހެންމެ، ލީގުގައި ކުރިއަށް އޮތް ކޮންމެ މެޗަކީ ވެސް ބާސެލޯނާ އަށް މުހިންމު މެޗެއް ކަމަށާއި، ކޮންމެ މެޗަކުން ވެސް މުހިންމީ ތިން ޕޮއިންޓު ކަމަށެވެ.

ވަޔެކާނޯ އަތުން ހޯދި މޮޅާއެކު ބާސެލޯނާ އެއް ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 51 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް ރެއާލް މެޑްރިޑަށް ވެސް ލިބެނީ 51 ޕޮއިންޓެވެ. ނަމަވެސް ބާސެލޯނާ އިން ކުރި ހޯދަނީ ލަނޑުގެ ގޮތުންނެވެ.

- ކޮމެންޓް