ކ. މާލެ
|
18 ފެބްރުއަރީ 2025 | އަންގާރަ 10:09
ބާސެލޯނާ ކޯޗު ފްލިކް އަދި ކޫންޑޭ
ބާސެލޯނާ ކޯޗު ފްލިކް އަދި ކޫންޑޭ
ރޮއިޓަރސް
ބާސެލޯނާ
ކޫންޑޭ ބެންޗުގައި ބޭންދީ ގަޑި ޖެހުމުން!
ވަޔެކާނޯ މެޗުގެ ފަހުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފްލިކް ބުނެފައި ވަނީ، ފުޓުބޯޅަައިގައި ވަރަށް ގިނަ ކަންކަން ދިމާވާނެ ކަމަށެވެ. ބައްދަލުވުމަށް ގަޑި ޖެހިގެން އައުމަށް އިޝާރާތްކޮށް ފްލިކް ބުނީ، އެ ޒާތުގެ ކަންކަމަކީ ހިނގާނެ ކަންކަން ކަމަށެވެ.

ސްޕެނިޝް ލީގުގައި ބާސެލޯނާ އިން ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޓީމަށް ކުޅެމުން އަންނަ ފްރާންސްގެ ޖޫލްސް ކޫންޑޭ ފުރަތަަމަ 11 ގައި ނުހިމެނީ ގަޑި ޖެހުމުން ކަމަށް ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނެފި އެެވެ.

ހޯމަ ދުވަހުގެ ރޭ ވަޔެކާނޯއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރަތަމަ 11 އިން ކޫންޑޭ އަށް ފުރުސަތު ދީފައެއް ނުވެ އެވެ. އޭނާގެ ބަދަލުގައި މެޗުގެ ފުރަތަމަ 11 ގައި ފްލިކް ހިމަނާފައި ވަނީ ހެކްޓާ ފޯޓް އެވެ. ނަމަވެސް މެޗުގެ 66 ވަނަ މިނެޓުގައި ފްލިކް ވަނީ ކޫންޑޭ ކުޅެން އަރުވައިފަ އެވެ.

އެކަމާ ގުޅިގެން މީޑިއާ ތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ކޫންޑޭ އަށް ފުރަތަމަ 11 އިން ފްލިކް ފުރުސަތު ނުދިނީ މެޗުގެ ކުރިން އޮތް ބައްދަލުވުމަށް އޭނާ ގަޑި ޖެހިގެން ޙާޟިރުވުމުންނެވެ. އެގޮތުން އެއީ ބާސެލޯނާގެ ކޯޗިން އޮފިޝަލުން އަދި ކުޅުންތެރިންނާ އެކު ބޭއްވުނު ޓެކްނިކަލް ބައްދަލުވުން ކަމަށް ވެސް ބުނެފައިވެ އެވެ.

ވަޔެކާނޯ މެޗުގެ ފަހުން އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ފްލިކް ބުނެފައި ވަނީ، ފުޓުބޯޅަައިގައި ވަރަށް ގިނަ ކަންކަން ދިމާވާނެ ކަމަށެވެ. ބައްދަލުވުމަށް ގަޑި ޖެހިގެން އައުމަށް އިޝާރާތްކޮށް ފްލިކް ބުނީ، އެ ޒާތުގެ ކަންކަމަކީ ހިނގާނެ ކަންކަން ކަމަށެވެ.

މި ސީޒަނާ ދިމާކޮށް ބާސެލޯނާގެ ކޯޗު ކަމާ ހަވާލުވި ފްލިކްގެ އިރުޝާދުގެ ދަށުން ބާސެލޯނާ ކުޅެމުން އަންނައިރު، ވަރަށް ގިނަ ކަންކަމަށް އޭނާ ބާރު އަޅާ ކަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެގޮތުން ކުޅުންތެރިން ގަޑި އަށް ޙާޟިރުވާން އަންގާފައިވާއިރު، ގަޑި އަށް ޙާޟިރުނުވާ ކުޅުންތެރިންނަށް އޭނާ އަދަބު ދޭ ކަމަށް ވަނީ ބުނެފަ އެވެ.

ސެވިއްޔާ ދޫކޮށް 2022 ވަނަ އަހަރު ބާސެލޯނާ އަށް ބަދަލުވި ކޫންޑޭ އަކީ އެ ޓީމުގައި މުހިންމު ދައުރެއް އަދާ ކުރަމުން އަންނަ ކުޅުންތެރިޔެކެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 125 މެޗުގައި ހަ ލަނޑު ޖަހައިފަ އެވެ/

- ކޮމެންޓް