އުމްރާއަށްދާ ފަރާތްތަކަށް ބޭންކް އޮފް މޯލްޑިވްސް އިން ދޫކުރާ 1500 ޑޮލަރުގެ ލިމިޓް ބޭނުންކުރެވޭނީ ސައުދީގައި އެކަނި ކަމަށް އެ ބޭންކުން ބުނެފިއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ ރަމަޟާން މަހާއި ޝައްވާލް މަހުގެ ފުރަތަމަ 6 ދުވަހުގެ ތެރޭގައި ޢުމްރާއަށް ވަޑައިގަންނަވާ އެންމެހާ ކަސްޓަމަރުންގެ ޑެބިޓް ކާޑަށް 1500 ޔޫއެސް ޑޮލަރުގެ ލިމިޓް ދިނުމަށް ބޭންކް އޮފް މޯލްޑިވްސް އިން ނިންމާފައިވާ ކަމަށެވެ. އަދި ކާޑަށް ދޫކުރާ މި ލިމިޓް ބޭނުންކުރެވޭނީ ހަމައެކަނި ސައުދީ އަރަބިއާގައި ކަމަށާއި، މި ލިމިޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ކޮންމެ ކަސްޓަމަރަކަށްވެސް އެއް ޑެބިޓް ކާޑަށް ކަމަށެވެ.
ބޭންކުން ބުނީ ޢުމްރާ ގްރޫޕްތަކާ ގުޅިގެން ދަތުރުކުރާ ޢުމްރާވެރިންނަށް މިކަން ފަހިކޮށްދިނުމުގެ ގޮތުން ޢުމްރާ ގްރޫޕްތަކުން މިކަމުގައި އަމަލުކުރަންވީ ގޮތުގެ ތަފްސީލް ބޭންކުން ވާނީ ޢުމްރާ ގްރޫޕްތަކާ ހިއްސާކޮށްފައި ކަމަށެވެ. އެހެންކަމުން ޢުމްރާ ގްރޫޕްތައް މެދުވެރިކޮށް ޢުމްރާއަށް ވަޑައިގަންނަވާ ބޭފުޅުން އެ ގްރޫޕަކާ ގުޅުމަށް ބޭންކުން ވަނީ ބުނެފައެވެ.
ޢުމްރާ ގްރޫޕެއްގައި ނުހިމެނި ވަކިން ދަތުރުކުރައްވާ ޢުމްރާވެރިން، ފުރުމުގެ 5 ދުވަސް ކުރިން (ބޭންކު ބަންދު ދުވަސްތައް ފިޔަވައި) ބީއެމްއެލް މޮބައިލް އެޕް މެދުވެރިކޮށް ޕާސްޕޯޓް ކޮޕީ އާއި ޓިކެޓް ކޮޕީ ފޮނުވުމުން ބޭންކުން ކާޑު ލިމިޓް ހަމަޖައްސައިދޭނެކަމަށް ބުނެފައިވެއެވެ.
އަދި ޑެބިޓް ކާޑަށް ދޫކުރުމަށް ހަމަޖެހިފައިވާ 1500 ޔޫއެސް ޑޮލަރުގެ ލިމިޓްގެ އިތުރުން، ޑެބިޓް ކާޑުތަކަށް މިހާރުވެސް މަހަކަށް ހަމަޖައްސާފައިވާ 250 ޔޫއެސް ޑޮލަރުގެ ލިމިޓް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެއެވެ. އަދި ކާޑުތަކުގެ ލިމިޓްގެ އިތުރުން، ހުރިހާ ޢުމްރާ ވެރިންނަށްވެސް މިހާރެކޭ އެއްގޮތަށް 500 ޔޫއެސް ޑޮލަރު ބޭންކުން ވިއްކާނެ ކަމަށް ވެސް ބީއެމްއެލްއިން ބުނެއެވެ.