ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 16:40
ގައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން
ގައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން
އެފްއޭއެމް
ގައުމީ ސްކޮޑު އެކުލަވާލުން
ދަގަނޑޭ ނުހިމަނާ އޮމާން މެޗަށް ގައުމީ ޓީމު ސްކޮޑު އެކުލަވާލައިފި
ދަގަނޑޭ ސްކޮޑަށް ނުނެގީ އަނިޔާއިން ރިކަވާނުވާތީ
ސްކޮޑަށް ގިނަ ދުވަހަށްފަހު ރިލޭ ވަނީ ނަގާފައި

އަލީ އަޝްފާގު (ދަގަނޑޭ) ނުހިމަނާ އޭޝިއަން ކަޕް ކޮލިފައިންގައި އޮމާންއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗަށް ގައުމީ ޓީމުގެ ސްކޮޑު  އެކުލަވާލައިފި އެވެ.

ޖުމްލަ 23 ކުޅުންތެރިންނާއެކު ގައުމީ ޓީމުގެ ސްކޮޑު އެކުލަވާލާފައިވާއިރު، ނިއުރޭޑިއަންޓްގެ 8 ކުޅުންތެރިޔަކު ހިމެނެއެވެ. މާޒިޔާގެ ހަތް ކުޅުންތެރިޔަކު ހިމެނޭއިރު، ޓީސީގެ ތިން ކުޅުންތެރިން، ގްރީން ސްޓްރީޓްގެ ދެ ކުޅުންތެރިން، ތިނަދޫގެ ދެ ކުޅުންތެރިން އަދި މިލަންދޫގެ ކުޅުންތެރިޔަކު ވެސް ހިމެނެއެވެ.

ރާއްޖެއެމްވީ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިފަހަރު ސްކޮޑަށް ނެގި ކުޅުންތެރިން ތެރޭގައި ދަގަނޑޭ ހިމަނާފައި ނުވަނީ އޭނާ އަށް ލިބިފައިވާ  އަނިޔާއިން އަދިވެސް އެއްކޮށް ރިކަވާ ނުވާތީ އެވެ. އެގޮތުން އަންނަ އެކްޓޯބަރު މަހު ރާއްޖޭގައި އޮމާންއާ ދެކޮޅަށް ކުޅޭ މެޗަށް ދަގަނޑޭ ފިޓުވުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށްވެސް މައުލޫމާތު ލިބެއެވެ.

ގައުމީ ޓީމުގެ ސްކޮޑަށް ގިނަ ދުވަސްތަކެއް ފަހުން މިފަހަރު ވަނީ ނިއުގެ ރިލްވާން ވަހީދު (ރިލޭ) ނަގާފައެވެ. އޭނާގެ އިތުރުން ދެން ނިއުގެ ސްކޮޑަށް ނަގާފައިވަނީ ކީޕަރު މުހައްމަދު ފައިސަލް، މުހައްމަދު ރަޝީދު (ހޮކޭ)، އަހުމަދު އަބްދުﷲ (ލިލީ)، އަލީ ފާސިރު (ސެންޓޭ)، ހަމްޒާ މުހައްމަދު، އަކްރަމް އަބްދުލް ގަނީ އަދި އަބްދުﷲ ޒިޔަޒަން އެވެ.

މާޒިޔާ ޓީމުން ސްކޮޑަށް ނަގާފައިވަނީ އަމްދާން އަލީ (އެންޑީ)، ސަމޫހް އަލީ، އަސްހަދު އަލީ (އަޑުބަރޭ)، މުހައްމަދު އުމެއިރު، އަސަދުﷲ އަބްދުﷲ (އަސައްކޮ)، އިސްމާއިލް އީސަ (މެސީ) އަދި މުހައްމަދު އިރުފާން (އިރޭ) އެވެ. މިފަހަރު ވެސް މާޒިޔާގެ މިޑްފިލްޑަރު މުހައްމަދު އާރިފް (ބަކާ) ގައުމީ ސްކޮޑަށް ނަގާފައެއް ނުވެއެވެ.

ގްރީންގެ ސްކޮޑަށް އަހުމަދު ޝާފިއު އާއި އަހުމަދު ރަޝީދު (އައްމަޑޭ) ނަގާފައިވާއިރު، ޓީސީ ސްޕޯޓްސް ކްލަބުން ނަގާފައިވަނީ ޒާދު އަހުމަދު، ނާއިޒް ހަސަން އަދި އިބްރާހިމް ވަހީދު ހަސަން އެވެ. ތިނަދޫ އިން ނަގާފައިވަނީ އިމްރާން ރަޝީދު އަދި އަހުމަދު ރިޒުވާން އެވެ. މިލަންދޫ އިން ނަގާފައިވަނީ ކީޕަރު މުހައްމަދު އިމްރާން އެވެ.

ގައުމީ ޓިމު އޮމާންއާ ދެކޮޅަށް ކުޅޭ މެޗު އަންނަ މަހުގެ ފަސް ވަނަ ދުވަހު އޮމާންގައި އޮންނައިރު، ތަމްރީން ހެދުމަށް ގައުމީ ޓީމު މި މަހުގެ 27 ވަނަ ދުވަހު ގަތަރަށް ފުރާނެ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް