ޒުވާނުންގެ މަރުކަޒުގައި ސަރުކާރުން ޤާއިމު ކޮށްފައިވާ ފަރުވާދޭ ކޮޓަރި ބޭނުން ނުކުރެވޭ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ފާޅު ކުރަން ފަށައިފި އެވެ.
ޒުވާނުންގެ މަރުކަޒުގައި ފަރުވާދޭ ކޮޓަރި ހުޅުވާފައި ވަނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 15 ވަނަ ދުވަހު އެވެ. އެތަން ހުޅުވައި ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެވެ. އެކަމަށްޓަކައި އޭރު ވަނީ ޚާއްސަ ރަސްމިއްޔާތެއް ވެސް ބާއްވައިފަ އެވެ.
ޤައުމީ އަދި ބައިނަލްއަޤްވާމީ ކުޅިވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ޞިއްޙީ ޚިދުމަތްތަކާ ބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނާފައިވާ ވައުދެކެވެ.
ކުޅިވަރު ކުޅޭ ތަންތަނުގައި ފަރުވާދޭ ކޮޓަރި ވަކި މިންގަނޑަކަށް ޤާއިމު ކޮށްފައި ހުންނަން ޖެހޭއިރު، އެ ތަނުގެ މަޤުސަދަކީ ޤައުމީ މުބާރާތްތައް އަދި ބައިނަލްއަޤުވާމީ މުބާރާތްތައް ކުރިއަށްދާއިރު ކުޅުންތެރިޔަކަށް ނުވަތަ އޮފިޝަލަކަށް ޞިއްޙީ ފުރަތަމަ އެހީ ދޭން ޖެހިއްޖެ ނަމަ، އެހީތެރިވެދިނުމެވެ.
ނަމަވެސް، ޒުވާނުންގެ މަރުކަޒުގައި މިހާރު އެމްބީއޭ ޗެމްޕިއަންޝިޕް ކުރިއަށްދާއިރު، އެތަނުގައި ޤާއިމު ކޮށްފައިވާ ފަރުވާދޭ ކޮޓަރި ބޭނުން ނުކުރެވޭ ކަމުގެ ކަންބޮޑުވުން ބައެއް ފަރާތްތަކުން ވަނީ ފާޅު ކޮށްފަ އެވެ. އަދި އެތަން ހުންނަނީ ތަޅުލާފައި ކަމަށާއި، އެތަން ހުޅުވާފައި ހުންނަ ވަގުތަކާ ދިމާ ނުވާ ކަމަށް ވެސް އެ ފަރާތްތަކުން ވަނީ ބުނެފަ އެވެ.
މީގެ އިތުރުން އެފަދަ ތަންތަން ޤާއިމު ކުރުމަށްފަހު، މުބާރާތްތައް ކުރިއަށްދާއިރު ޓީމުތަކުގެ ކުޅުންތެރިން އަދި އޮފިޝަލުންނަށް ބޭނުންވާ ވަގުތުގައި އެފަދަ ތަންތަން ބޭނުން ނުކުރެވުނީ ކަންބޮޑުވާ ކަމެއް ކަމަށް ވެސް ބުނެފައިވެ އެވެ.