ކ. މާލެ
|
16 ފެބްރުއަރީ 2025 | އާދީއްތަ 13:20
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ޕޮލްކޯ ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް-ކޮމިޓީއިން ފުލުހުންގެ ހައުސިންގ ޕްރޮޖެކްޓް (ޕޮލްކޯ ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްޞަ އޮޑިޓް ރިޕޯޓު ދިރާސާކުރުން
މަޖިލިސް
ޕޮލްކޯ
ޕޮލްކޯގައި ހިންގާ ކޮރަޕްޝަންގެ އައު ވާހަކަތަކުގެ ސިޓީއެއް މަޖިލީހަށް
މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައިވޭ
ފުލުހުންގެ ވެލްފެއަރ ކުންފުނިން ކުރިއަށްގެންދިޔަ "ބްލޫސް ހައުސިންގ ޕްރޮޖެކްޓް" ގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިމެނޭނީ އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުން
ވިސްލްބްލޯވަރގެ ސިޓީ މަޖިލީހަށް ފޮނުވާފައިވަނި ފުލުހުންގެ ވަޒީފާގައި ހުންނެވި ފަރާތެއް

ފުލުހުންގެ ވެލްފެއަރ ކުންފުނި ޕޮލްކޯގައި ހިންގަމުންދާ ކޮރަޕްޝަންގެ އައު ވާހަކަތަކާއެކު ރައްޔިތުންގެ މަޖިލީހަށް ވިސްލްބްލޯވަރއެއްގެ ސިޓީއެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ފުލުހުންގެ ވެލްފެއަރ ކުންފުނިން ކުރިއަށްގެންދިޔަ "ބްލޫސް ހައުސިންގ ޕްރޮޖެކްޓް" ގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހިމެނޭނީ އެ މައްސަލަ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން އަންނަނީ ބަލަމުންނެވެ. އަދި މި މައްސަލަ އޭސީސީއިންވެސް އަންނަނީ ތަހުގީގުކުރަމުންނެވެ.

މި މައްސަލަ ބެލުމަށް މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީއެއް ނަގާފައިވާ އިރު، ވިސްލްބްލޯވަރގެ ސިޓީ މަޖިލީހަށް ފޮނުވާފައިވަނީ ޕޮލްކޯގައި ހިންގަމުންދާ ކޮރަޕްޝަންގެ އައު ކަންތައްތަކެއް ފާހަގަކޮށެވެ. އެގޮތުން އާދީއްތަ ދުވަހު އޮތް މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީގައި ވާހަކަ ދައްކަވަމުން ސަބް ކޮމިޓީގެ މުގައްރިރު، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ މައްސަލަ ބަލަން ފެށުމާއެކު މަޖިލީހުގެ އީމެއިލްއަށް ފުލުހުންގެ ވަޒީފާގައި ހުރި ވިސްލްބްލޯވަރއެއްގެ ފަރާތުން މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ.

އެގޮތުން އެ ސިޓީގައި ވަނީ ފުލުހުންގެ ފުލެޓުގެ މައްސަލައިގެ އިތުރުންވެސް ޕޮލްކޯ ތެރެއިން ފުޅާ ދާއިރާއެއްގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް ތުހުމަތުކޮށް ސިޓީ ލިބިފައިވާ ކަމަށެވެ.

ހަމައެކަނި މި ހައުސިން ކަންތައް ނޫން ކަމަށް. އެތަނުގައި ޕޮލްކޯގެ ފަރާތުން ކޮރަޕްޝަންގެ އަމަލުތައް ހިންގާފައި ހުރީ. އެއަށް ވުރެ މާ ފުޅާ ދާއިރާއެއްގައި މިއީ މުދަލާއި ހިދުމަތް ހޯދުމުގައި ޕޮލްކޯގެ ތެރޭގައި ކޮރަޕްޝަން ހިނގަމުންދާ ކަމަށް.

ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް

ނާޒިމް ވިދާޅުވީ ސިޓީގައި ހަވާލާދީފައި އޮތް އެއް ރިޕޯޓަކީ ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދަށް ފޮނުވާފައިވާ ރިޕޯޓެއް ކަމަށެވެ. އަދި މިއީ ވިސްލްބްލޯވަރއެއް ހުށަހަޅާފައިވާ މައްސަލައެއްކަމުން މި މައްސަލަ ގެންދަންޖެހޭނީ ތަފާތުކޮށް ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނަމަވެސް މި މައްސަލައާއި ގުޅޭގޮތުން ކޮމިޓީގައި ކުރިއަށްގެންދިޔަ އިތުރު މަސައްކަތްތަކެއް ސާފުވެފައި ނުވެއެވެ. އެއީ 30 މިނެޓުގެ މި ކޮމިޓީގެ ބާކީ ބައި ކުރިއަށް ގެންދިޔައީ މައިކް ކަނޑާލައިގެން ކަމުންނެވެ.

ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލީސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1،851 ރުފިޔާގެ ރޭޓުން ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާއިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖް އަގުކަމުގައި ބެލެވެނީ އަކަފޫޓަކަށް 1300 ރުފިޔާއާއި 1500 ރުފިޔާ ރޭޓުތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ރޭޓުތަކަށް ބަލާއިރު، މިމަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ އާއި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި އަންދާޒާ އަގުތަކަށް ބަލާނަމަ މިމަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.

އޮޑިޓް އޮފީހުން ބުނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރުވެ ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި، އަދި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މިމަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން އޮޑިޓް އޮފީހުން ބުނީ ވަކި ފާރާތަކަށް މަންފާވާ ގޮތަށް މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާގެ ނަން ހާމަނުކޮށް ރިޕޯޓުގައި ބުނެފައިވަނީ ޕޮލްކޯއިން މިމަޝްރޫއާއެކު ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ''މިސްޓަރ އެކްސް'' އަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ އެސޯޝިއޭޓެޑް ކުންފުނިތަކަށް ކަމަށް ބެލެވޭ ކަމަށެވެ.

އޮޑިޓް އޮފީހުގެ ރިޕޯޓާއި ގުޅިގެން އޮޑިޓަރ ޖެނެރަލްއާއި އެކު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެފައިވަނީ މި މަަޝްރޫއު ފެށިފައި އޮތީ 2013 ގައި ކަމަށެވެ. ޕޮލްކޯ މެނޭޖްމަންޓާ އޮޑިޓް އޮފީހުން ބައްދަލުކުރުމުން އެ ބޭފުޅުން ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ލިޔެކިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށާއި، އެއީ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ބިޑު ކުރުމާއި އިވޭލުއޭޓްކުރުމުގެ ކަންތައް ގޮސްފައި އޮތް ގޮތެއް އެންމެ ރަނގަޅަށް ސާފުވެފައި ނުވާ ކަމަށެވެ. ނިޔާޒީ ވިދާޅުވީ، ޕޮލްކޯއިން އެ މައުލޫމާތުތައް ނުލިބުމުން ގެޒެޓުން އެ ލިޔުންތައް ހޯދަން މަސައްކަތް ކުރި ނަމަވެސް ގެޒެޓުގައި ވެސް އެ ލިޔުންތައް ނެތް ކަމަށެވެ. އެހެންވެ، އެކަން ގޮސްފައި އޮތް ގޮތް ނޭނގޭތީ، ތަހުގީގީ އިދާރާތަކުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި އޮތް ގޮތް ބެލުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ އޮޑިޓް ރިޕޯޓް އާންމުކުރިފަހުން ފޮލްކޯ އިން އެކަމާ ގުޅޭ ބައެއް ސިޓީތައް ފޮނުވި ނަމަވެސް އެ ރިޕޯޓު ނެރުމާ ހަމައަށް ވެސް، އެ މަޝްރޫއުއަށް ބިޑުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތެއް އެނގޭކަށް ނެތް ކަމަށެވެ.

- ކޮމެންޓް