ކ. މާލެ
|
13 ފެބްރުއަރީ 2025 | ބުރާސްފަތި 12:08
ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ
ބާސެލޯނާ އަށް ކުޅެމުން އަންނަ ލެވަންޑޯސްކީ
ރޮއިޓާސް
ބާސެލޯނާ
ބާސެލޯނާގެ އެއްބަސްވުން ލެވަންޑޯސްކީ އައު ކުރާނެ
އައު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ބާސެލޯނާ އިން އަންނަނީ ލެވަންޑޯސްކީއާ އެކު ކުރަމުން ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެއްބަސްވުން އައު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ޕޮލެންޑުގެ ފޯވާޑު ރޮބާޓް ލެވަންޑޯސްކީ، އެ ކުލަބާ އެކު ސޮއި ކޮށްފައިވާ އެއްބަސްވުން އައު ކުރާނެ ކަމަށް މީޑިއާ ތަކުގައި ރިޕޯޓުކޮށްފި އެވެ.

އުމުރުން 36 އަހަރުގެ ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ 2022 ވަނަ އަހަރު އެވެ. ޖަރުމަނުގެ ބަޔާން މިއުނިކް ދޫކޮށްލުމަށްފަހު، އޭނާ ބާސެލޯނާ އަށް ބަދަލުވީ ހަ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތްއިރު، އެ ކުލަބުގެ އެއްބަސްވުން އޭނާ އައު ކުރާނެ ކަަމަށް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ.

އެގޮތުން އިތުރު އެއް އަހަރު ދުވަހަށް ބާސެލޯނާގައި މަޑު ކުރުމަށް، ލެވަންޑޯސްކީ އެއްބަސްވުން އައު ކުރާނެ ކަމަށް ބުނެފައިވެ އެވެ. އަދި އައު އެއްބަސްވުމާ ގުޅޭ މަޝްވަރާތައް ބާސެލޯނާ އިން އަންނަނީ ލެވަންޑޯސްކީއާ އެކު ކުރަމުން ކަމަށާއި، ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އެއްބަސްވުން އައު ކުރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް މީޑިއާ ތަކުގައި ވަނީ ބުނެފަ އެވެ. އެއީ ބާސެލޯނާ އާއި ލެވަންޑޯސްކީއާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި އެއްބަސްވުމަަށް އާދެވޭނެ ކަމުގެ ފެހި ސިގްނަލް ލިބަފައިވާތީ ކަމަށް ވެސް ބުނެފައިވެ އެވެ.

ބާސެލޯނާގައި މިހާރު ލެވަންޑޯސްކީ ހޭދަކުރަމުން ދަނީ އޭނާގެ ތިން ވަނަ ސީޒަނެވެ. އޭނާ ވަނީ މިހާތަނަށް ބާސެލޯނާ އަށް ކުޅެދިން 128 މެޗުގައި 90 ލަނޑު ޖަހައިފަ އެވެ. ބާސެލޯނާގައި މިވަގުތު ތިބި ކުޅުންތެރިންގެ ތެރެއިން އެންމެ މުހިންމު އެއް ކުޅުންތެރިޔަކީ ވެސް ލެވަންޑޯސްކީ އެވެ. ޚާއްސަކޮށް ބާސެލޯނާގެ މިހާރުގެ ކޯޗު ހަންސީލ ފްލިކް އެންމެ ބޭނުންވާ ކުޅުންތެރިންގެ ތެރޭގައި ވެސް ލެވަންޑޯސްކީ އަކީ ހިމެނޭ ކުޅުންތެރިޔެކެގެ. އޭނާ ވަނީ ބާސެލޯނާ އާއެކު ތިން ތައްޓެއް ކާމިޔާބު ކޮށްފަ އެވެ.

- ކޮމެންޓް