އިނގިރޭސި ޕްރިމިއާ ލީގުގައި އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުން ލިވަޕޫލް އެއްވަރުވެއްޖެ އެވެ.
އެވަޓަންގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ. މެޗުގައި އެވަޓަން އިން ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ލިވަޕޫލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ލީޑު ނަގައިފަ އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން އެވަޓަން ވަނީ މެޗު އެއްވަރު ކޮށްފަ އެވެ.
މެޗު ފަށައިގެން 11 ވަނަ މިނެޓުގައި އެވަަޓަން އަށް ކުރި ހޯދައިދިނީ ބެޓޯ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖަރާޑް ބްރޭންޑްވެއިޓް އެވެ. އޭގެ ފަސް މިނެޓު ފަހުން ލިވަޕޫލަށް ނަތީޖާ ހަމަހަމަ ކޮށްދިނީ އެލެކްސިސް މެކް އަލިސްޓާ އެވެ. އެ ލަނޑު އޭނާ ޖެހީ މިޞްރުގެ ފޯވާޑު މުޙައްމަދު ޞަލާޙު ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލުން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ޞަލާޙު އެވެ. އޭގެ ފަހުން މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރަށް ދެއްކި ވަގުތުގައި އެވަޓަން އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ ޖޭމްސް ޓާކޮވްސްކީ އެވެ.
މެޗު އެއްވަރުވެ ލިވަޕޫލް އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކުންނެވެ. މިހާތަނަށް ކުޅެފައިވާ 24 މެޗުން އެ ޓީމަށް ލިބެނީ 57 ޕޮއިންޓެެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަަނައިގައި އޮތް އާސެނަލަށް ލިބެނީ 50 ޕޮއިންޓެވެ. އެވަޓަން އޮތީ 27 ޕޮއިންޓާ އެކު 15 ވަނައިގަ އެވެ.