ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި ފެޔެނޫޑާ ދެކޮޅަށް ކުޅުނު މެޗުން އޭސީ މިލާން ބަލިވެއްޖެ އެވެ.
ފެޔެނޫޑުގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން އޭސީ މިލާންގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ފެޔެނޫޑުން ލަނޑު ޖެހީ ވެސް މެޗުގެ ފުރަތަމަ ހާފުގަ އެވެ. މެޗުގައި ލަނޑު ޖަހާނެ ފުރުސަތުތަކެއް އޭސީ މިލާނުން ވެސް ވަނީ ތަނަވަސްކޮށްފަ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ފެޔެނޫޑުން ވަނީ އޭސީ މިލާން ކޮޅަށް ލަނޑު ޖަހައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ އިގޯ ޕައިޒާއޯ އެވެ. މެޗުގައި ލަނޑު ޖެހުމަށް މިލާންގެ ރަފައެލް ލިއާއޯ އަށް ފުރުސަތު ލިބުނުއިރު، އެ ޓީމުގެ ޔާއޯ ފެލިކްސް އަށް ވެސް ވަނީ ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. މެޗުގައި ލީޑު ފުޅާ ކުރުމަށް ފެޔެނޫޑުގެ ހޫލިއަން ކަރަންޒާ އަށް ވެސް ވަނީ ފުރުސަތު ލިބިފަ އެވެ.
ފުރަތަމަ ލެގުން އޭސީ މިލާން ބަލިވެފައިވާއިރު، ޕްލޭ އޮފްގެ ދެ ވަނަ ލެގު އޮންނާނީ އެ ޓީމުގެ އަމިއްލަ ދަނޑުގަ އެވެ. މުބާރާތުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދުމަށް އޭސީ މިލާނަށް ޖެހޭނީ، ފެބްރުވަރީ މަހުގެ 18 ވަނަ ދުވަހު ކުޅޭ ދެ ވަނަ ލެގުގައި ފެޔެނޫޑު ބަލި ކުރާށެވެ.