ގޭންގުތަކުން ހިންގާ ކުއްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމަށް ސަރުކާރުން ހުށަހެޅި ބިލަކީ ކަމާއި ބެހޭ ފަރާތްތަކާއި ވާހަކަ ނުދައްކާ ދިރާސާނުކޮށް ހުށަހަޅާފައިވާ ބިލެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވެއްޖެއެވެ.
މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން މަޖިލީހަށް ހުށަހެޅުއްވި މި ބިލަށް ބަހުސްކުރައްވަމުން ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ ގޭންގުތަކުން ހިންގާ ކުއްތަކާއި އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ބިލު ހުށަހެޅުއްވިކަމަށްޓަކައި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުސްތަފާ ހުސައިން އަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވާ ކަމަށެވެ. މެންބަރު އިބްރާހިމް ވިދާޅުވީ މެންބަރު މުސްތަފާ އަކީ މިފަދަ ބިލެއް ހުށަހެޅުއްވުމަށް ވަރަށް މުނާސަބު ބޭފުޅެއް ކަމަށެވެ.
މެންބަރު އިބްރާހިމް ވިދާޅުވީ މިފަދަ ދެ ބިލެއް އެބައޮތް ކަމަށާއި، އެއީ 2010 ވަނަ އަހަރުން ފެށިގެން އަމަލުކުރަމުންދާ ގޭންގު ކުއްތަކާއި ބެހޭ ގާނޫނާއި، 2011 ވަނަ އަހަރު އަމަލުކުރަން ފެށި ބިރުދެއްކުމާއި، ނުރައްކާތެރި ހަތިޔާރާއި، ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުކަމަށެވެ. އަނެއްކާވެސް މިއަދު މި ބަހުސްކުރަނީ މިކަމާއި ގުޅުން ހުރި 3 ވަނަ ބިލަށް ކަމަށާއި، މިއީ ހިތާމަހުރި ކަންކަން ކަމަށް މެންބަރު ވިދާޅުވިއެވެ.
އަޅުގަނޑުމެން ކިޔަން މިއުޅެނީ ކީކޭތޯ. އަމަން އަމާންކަން ބަލަންތިބީ ދަތްނެތް ސިންގާތަކެއްތޯ؟ ކީއްވެގެންތޯ ތަންފީޒު ނުކުރެވޭފަދަ ގާނޫނުތައް މަތިމައްޗަށް ހަދަމުން މިގެންދަނީ. މީގެ އެއްވެސް ދިރާސާއެއް ކުރުމެއް ނެތި ގާނޫނު ތަންފީޒުކުރަންތިބި މީހުންނާއި އަޅުގަނޑުމެން ވާހަކައެއް ނުދައްކާ ގާނޫނީ ވަކީލުންނާއި ވާހަކައެއް ނުދައްކާ މިފަދަ ބިލުތައް ގެނައިމަ މި މުޅިއެތި ވަނީ އޮޅުން ބޮޅުން.ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް![]()
މެންބަރު އިބްރާހިމް ވިދާޅުވީ މި ބިލު ފަރުމާކުރެވިފައިވަނީ ކުރިން ހުރި ބިލުތައް ނުވަތަ ގާނޫނުތައް ތަންފީޒުނުކުރެވިގެންތޯ، އަދި މި ބިލަކީ އެ ސަބަބުތަކަށް ވިސްނައިގެން ހަދާފައިވާ ބިލެއްތޯ ސުވާލުކުރައްވަން ބޭނުންވާ ކަމަށެވެ. އެގޮތުން ބިލުގައި ކަންބޮޑުވާ މާއްދާތަކެއް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ޖިނާއީ ކުށްކުރާކަމަށް ބެލެވޭ ދެމީހަކު ފުޓުބޯޅަ ކުލަބެއްގައި ހިމެނިއްޖެނަމަ އެ ކުލަބަކީ އިންތިޒާމްވެގެން ކުށްކުރާ ގްރޫޕެއްގެ ގޮތުގައި ލޭބަލްވުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
މީގެ އިތުރުން 6 ވަނަ މާއްދާގެ (ށ) ގައި ވަނީ ޖިނާއީ ކުށެއް ކުރުމުގައި ބައިވެރިވި ދެ ގްރޫޕުގެ ތެރެއިން ދެތިންމީހުން ކަމުގައިވިޔަސް، ކުށްކުރުމުގައި ބައިވެރިނުވާ މީހުންވެސް ހިމަނައިގެން އިންތިޒާމްވެގެން ކުށްކުރާ ގްރޫޕެއްގެ ގޮތުގައި ބެލެވިދާނެކަމަށް ހިމަނާފައިވާ ކަމަށް މެންބަރު ވިދާޅުވިއެވެ.
މިހެން އޮތުމުން ކަމާއިނުބެހޭ މީހުން ކުށުގެ ޒިންމާ އުުފުލަންޖެހޭ ގިނަ ޒިންމާތަކެއް އުފުލަންޖެހޭ ހާލަތްތަކެއް އަތުވެދާނެ. 26 ވަނަ މާއްދާގައި ބުނަނީ އިންތިޒާމުވެ ކުށްކުރާ ގްރޫޕަކާއި ގުޅިފައިވާ އެއްވެސް މީހެއް ނުހައްގު މުއްސަނދިކަން ހޯދައި ލިބިގަތުމަކީ ކުށެއްކަމަށް ކަނޑައަޅާއިރު، އެފަދަ ގްރޫޕަކާއި ގުޅިފައިވާ "އެއްވެސް މީހަކު" މިހެން އޮތުމުން ވަރަށް ފުޅާ މާނަކުރުމަކަށް މަގުފަހިވޭ. ކުށް ސާބިތުނުވިނަމަވެސް ދައުލަތަށް މުދާ ނެގޭ އުސޫލު މި އޮންނަނީ ބިލުގެ 51 ވަނަ މާއްދާގައި. ޝަރީއަތެއްކޮށް މީހެއްގެ މައްޗަށް ކުށް ސާބިތުނުވީމާ އެމީހާ އެހުރީ ކުށުން ބަރީއަވެފައި. ގާނޫނީ ވަކީލުންނާއި މަޝްވަރާކުރުން - މި ގާނޫނުގެ ދަށުން ހައްޔަރުކުރެވޭ މީހުން 48 ގަޑިއިރު ވަންދެން ގާނޫނީ ވަކީލަކާއި ބައްދަލުނުކުރެވޭނެ ކަމަށް އެބައޮތް. މި މާއްދާ މިހެން އޮތީ ކުށްކުރި މީހާ ހެކި ނައްތާލުމަށް ގާނޫނީ ވަކީލު މަގުފަހިކޮށްދީފާނެކަމަށް އެސިއުމްކޮށްދޭންތޯ؟ މިއީ ވިސްނާލަންޖެހޭ ކަމެއް. ގާނޫނީ ވަކީލުންގެ އެހީތެރިކަމަކީ ވަރަށް އަސާސީ ހައްގެއް.ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް![]()
މެންބަރު އިބްރާހިމް ވިދާޅުވީ ކުށް ސާބިތުނުވިޔަސް، މީހެއްގެ މުދަލެއް ދައުލަތަށް ނެގުމަކީ އެއްވެސް ހަމައަކުން ހަމަޖެހޭކަމެއް ނޫން ކަމަށެވެ. އަދި މިފަދަ މާއްދާއެއް ގާނޫނުގައި ހިމެނުމަކީ ކަނޑައެޅިގެން ކޯޓުތަކުގެ ބާރުކަނޑުވާލާ ކަމެއް ކަމަށް މެންބަރު ވިދާޅުވިއެވެ.
މެންބަރު ވިދާޅުވީ ކުރަންވީ ކަންކަން ވަރަށް ބައިވަރު ކަމަށެވެ. ނަމަވެސް ސުވާލަކީ އެކަންކަން ކުރާނެތޯއާއި، މަޖިލީހުން ގާނޫނުތައް ހަދަންވާނީ އޭގައި އޮންނަ އެއްޗެއް ރައްޔިތުންނާއި ގާނޫނޫ ތަންފީޒުކުރަން ތިބޭ ފަރާތްތަކަށް ވެސް ފަސޭހައިން ފަހުމްވާގޮތަށް ކަމަށެވެ. މެންބަރު ވިދާޅުވީ ގާނޫނުތައް ފުރިހަމައަށް ތަންފީޒު ނުވަނީ މި ސަބަބާއި ހުރެ ކަމަށާއި، އެއް ވާހަކައެއް އެކި އިބާރާތުން ގާނޫނުތަކުގައި ލިޔެ ބަލަންޖެހޭ ގާނޫނެއް ސާފުނުވާ ކަމަށެވެ.