ކ. މާލެ
|
22 އޯގަސްޓް 2017 | އަންގާރަ 12:51
ފަނަރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމު
ފަނަރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ވާދަކުރާ ގައުމީ ޓީމު
ފޭސްބުކް
ޒުވާން ގައުމީ ޓީމް
ރާއްޖެ ބަލިކޮށް ނޭޕާލް ސެމީއަށް
ނޭޕާލްއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-0 ގެ ނަތީޖާއަކުން

ނޭޕާލްގެ ކަތަމަންޑޫގައި މިހާރު ކުރިޔަށްދާ ފަނަރަ އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާއި ނޭޕާލް ކުޅުނު މެޗު ނޭޕާލްގެ ފަނަރަ އަހަރުން ދަށުގެ ޓީމުން ކާމިޔާބުކޮށްފިއެވެ.

ނޭޕާލްއިން މި މެޗު ކާމިޔާބުކޮށްފައިވަނީ 6-0 ގެ ނަތީޖާއަކުންނެވެ. މި މޮޅާއިއެކު އެ ޓީމުންވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުނުއިރުވެސް ނޭޕާލްއިން ވަނީ ރާއްޖޭގެ މައްޗަށް ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ.

މި މެޗުގައި ނޭޕާލްއިން ވަނީ ގޯލު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ރާއްޖޭގެ ގޯލަށް އަމާޒުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ.  

މި މެޗުގައި ނޭޕާލްގެ ބްރިޖޭޝް ޗޯދަރީވަނީ އެ ޓީމަށް ދެ ގޯލު ކާމިޔާބު ކޮށްދީފައެވެ. އޭނާގެ އިތުރުން ނޭޕާލްއަށް ގޯލުތަށް ކާމިޔާބު ކޮށްދީފައިވަނީ ކެޕްޓަން ރޯޝަން މަގަރް އާކާޝްއާއި ރޯޝަން ޑޮންގް ގެ އިތުރުން ޑަރްޝަން ގުރުންގެވެ.

މި މެޗުގައި ރާއްޖެއަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ނޭޕާލްގެ ގޯލްކީޕަރުވަނީ ރާއްޖޭގެ ކުޅުންތެރިން ފޮނުވާލި ގިނަ ހަމަލާތަށް ދިފާއުކޮށްފައެވެ.

މި މުބާރާތާއި ރާއްޖޭގެ ޓީމުން ކުރިމަތިލާފައި ވަނީ ބީޖީ އަދި ވިކްޓްރީގެ ކުރީގެ ކޯޗު މުހައްމަދު ޝާޒްލީގެ އިރުޝާދުގެ ދަށުންނެވެ. މި މުބާރާތުގައި ރާއްޖޭގެ ޓީމުން ކުޅުނު ފުރަތަމަ މެޗުން ވަނީ އިންޑިއާ އަތުން ތަފާތު ބޮޑުކޮށް ބަލިވެފައެވެ.

މި މަހު 18 އިން 27 ގެ ނިޔަލަށް ނޭޕާލްގައި ބާއްވާ ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެ ހިމެނެނީ ނޭޕާލް އަދި އިންޑިއާއާ އެކު ގްރޫޕް ބީގައެވެ. ކުޅުނު ދެ މެޗުން ވެސް ބަލިވުމާއިއެކު ރާއްޖޭވަނީ މި މުބާރާތުގެ ގްރޫޕް ސްޓޭޖުން ކަޓާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް