ޔުއެފާ ޗެމްޕިއަންސް ލީގުގެ ޕްލޭ އޮފްގެ ފުރަތަމަ ލެގުގައި މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން ލިބުނީ ޙައްގު މޮޅެއް ކަމަށް، ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.
ސިޓީގެ އަމިއްލަ ދަނޑުގައި ކުޅުނު ފުރަތަމަ ލެގުގެ މެޗު ރެއާލުން ވަނީ ކާމިޔާބު ކޮށްފަ އެވެ. މެޗުގައި ސިޓީން ދެ ފަހަރެއްގެ މަތިން ލީޑު ނެގިއިރު، ދެ ފަހަރު ވެސް ރެއާލުން ނަތީޖާ ހަމަހަމަ ކުރި އެވެ. އަދި މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.
އެ މެޗަށްފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން އަންޗެލޮޓީ ބުނީ، ރެއާލްގެ އެންމެ ބޮޑު މައްސަލަ އަކީ ޑިފެންސްގައި ދިމާވާ މައްސަލަކަން މީގެ ކުރިން އަބަދު ވެސް އޭނާ ފާހަގަ ކުރާ ކަމަށެވެ. އެހެން ނަމަވެސް ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެއާލްގެ ޑިފެންޑަރުން ވަރަށް ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ. އެ މެޗުގައި ރެއާލްގެ ޑިފެންސްގައި ތިބި ހަތަރު ކުޅުންތެރިންނަކީ މީގެ ކުރިން އެއްކޮށް ކުޅެފައި ނުވާ ކުޅުންތެރިން ކަމަށާއި، ނަމަވެސް ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތުން ޑިފެންސްގައި ރަނގަޅު ކުޅުމެއް ދެއްކި ކަމަށް އޭނާ ބުންޏެވެ.
އަންޗެލޮޓީ ބުނީ ފުރަތަމަ ލެގުން މޮޅުވުމުން ރެއާލް އޮތީ ވަރަށް ހަމަޖެހިގެން އަދި އުފަލުން ކަމަށެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ވެސް ރެއާލުން ރަނގަޅު ކުޅުމެއް ދެއްކިކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، އެ ޓީމަށް ފައިދާ ނަގާނެ ފުރުސަތު ވެސް ލިބުނު ކަމަށެވެ. އަދި ފުރަތަމަ ލެގުގައި ކުރި މަސައްކަތާއި، އެ ލެގުގައި ދެއްކި ކުޅުން ދެ ވަނަ ލެގުގައި ދައްކަން ޖެހޭ ކަމަށް ވެސް އަަންޗެލޮޓީ ވަނީ ބުނެފަ އެވެ. މެޗުގައި ރެއާލަށް ވަރަށް ގިނަ ފުރުސަތުތަކެއް ލިބުނުކަން ފާހަގަކޮށް އަންޗެލޮޓީ ބުނީ، ފަހަތުން އަރައި މެޗުން މޮޅުވުމަކީ ވެސް ފަސޭހަ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން އަންޗެލޮޓީ ބުނީ ރެއާލަށް ލިބުނީ ޙައްގު މޮޅެއް ކަމަށެވެ. އެ މެޗުގައި ސިޓީ އަށް ލިބުނު ޕެނަލްޓީ އާއެކު، އެ ޓީމުން ފައިދާ ތަކެއް ނެގި ކަމަށާއި، ތަފާތަކަށްވީ ރެއާލްގެ ކުރީގައި ތިބި ކުޅުންތެރިން ކަމަށް އޭނާ ބުންޏެވެ. އެ ކުޅުންތެރިން ދެއްކީ ތަފާތު ރޫޙެއް ކަމަށާއި، އެ ކުޅުންތެރިން ބޭނުން އެންމެ ފުރިހަަމަ އަށް ފެނުނު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ.
ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު ފުރަތަމަ ލެގު ރެއާލުން ކާމިޔާބު ކޮށްފައިވާއިރު، ދެ ވަނަ ލެގުގެ ކުޅުން އޮންނާނީ ރެއާލްގެ އަމިއްލަ ދަނޑުގަ އެވެ.