ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 16:57
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު
ރައީސް އޮފީސް
ބްލޫސް ހައުސިންގ ކަރަޕްޝަން
އެތައް ގުނައެއް އަގުބޮޑުކޮށް ފުލުހުންގެ ފްލެޓުގެ މަޝްރޫއު ނޫމަޑިއާ ހަވާލުކޮށްގެން ކުރިއަށް ގެންދިޔައީ މުއިއްޒުގެ ލަފާފުޅުގެ ދަށުން
ރައީސް މުއިއްޒު ހުށަހެޅުއްވި ކަރުދާހާއި ގުޅިގެން ރައީސް އޮފީހުން ފޮނުވި ސިޓީގެ ކޮޕީ ވަނީ ލިބިފައި
މިމަޝްރޫއުގެ އަސްލު އަގަކީ 580 މިލިއަން ރުފިޔާ، ނަމަވެސް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވޭ
މިހާރު ބުނަނީ މި މަޝްރޫއުއާ ގުޅޭ މުހިންމު ލިޔެކިޔުންތައް ނެތް ކަމަށް

އެތައް ގުނައެއް އަގުބޮޑުކޮށް ހިންގި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ މަޝްރޫއު ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އާ ހަވާލުކޮށްގެން ކުރިއަށް ގެން ގޮސްފައިވަނީ މިހާރު ރައީސް ކަމުގައި ހުންނެވި ޑރ.މުހައްމަދު މުއިއްޒުގެ ލަފާފުޅުގެ ދަށުންކަން ހާމަވެއްޖެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ހައުސިން މިނިސްޓަރަކަށް ހުންނަވައި ރައީސް މުއިއްޒު ހުށަހެޅުއްވި ކަރުދާހާއި ގުޅިގެން ރައީސް އޮފީހުން ފޮނުވި ސިޓީގެ ކޮޕީ މި ނޫހަށް ވަނީ ލިބިފައެވެ.

އެސިޓީގައި ބުނެފައިވަނީ 7 މެއި 2013 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި ހައުސިން ޔުނިޓް މަޝްރޫއުގެ ދަށުން ޅ.ދިއްފުށިމާދޫ އަކީ ޕްރައިވެޓް ވިލާ އަޅާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމާ ގުޅޭގޮތުން (ހައުސިން މިނިސްޓްރީ) މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހަށް މެންބަރުން މަޝްވަރާކުރެއްވުމަށްފަހު، ޅ.ދިއްފުށިމާދޫ އަކީ ޕްރައިވެޓް ވިލާ އަޅާ ރަށެއްގެ ގޮތުގައި ހަމަޖެއްސުމަށާއި، އަދި ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑަންސަސް އަށް 100 ޕްރައިވެޓް ވިލާ އެޅުމަށް ޅ.ދިއްފުށިމާދޫ ބިން ހަމަޖެއްސުމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ވަޒީރުންގެ މަޖިލީހުން ލަފާ އަރުއްވާފައިވާ ގޮތުގެމަތީން ޅ.ދިއްފުށިމާދޫ އަކީ، ޕްރައިވެޓް ވިލާއަޅާ ރަށެއްގެ ގޮތުގައި ހަމަޖެއްސެވުމަށާއި، އަދި ނޫމަޑި ރިޒޯޓްސް އެންޑް ރެސިޑަންސަސް 100 ފްރައިވެޓް ވިލާ އެޅުމަށް ޅ.ދިއްފުށިމާދޫ ބިން ހަމަޖެއްސުމަށާއި، އަދި ޕޮލިސް އެކަޑަމީ އެޅުމަށް ޅ.މާބިންހުރާ ނުވަތަ ސަރުކާރުން ކަނޑައަޅާ ރަށެއް ހަމަޖެއްސުމަށް ކުރަންޖެހޭ ކަންތައްތައް ކަމާބެހޭ ފަރާތްތަކާ މަޝްވަރާ ކުރައްވައިގެން ކުރިއަށް ގެންދިއުމަށް މުއިއްޒު އަށް ހަވާލު ކޮށްފައިވާ ކަން އެ ސިޓީން އެނގެއެވެ.

މިގޮތަށް ނިންމާފައިވަނީ ނޫމަޑިއަށް ޕްރައިވެޓް ވިލާ އިމާރާތް ކުރުމަށް ދޫކުރެވޭ 100 ފްލެޓްގެ ބިމުގެ ބަދަލުގައި ސަރުކާރުން ކަނޑައަޅާ ރަށްތަކެއްގައި 500 ހައުސިން ޔުނިޓް ''ޕޮލިސް އެކަޑަމީ'' ގެ ފުރަތަމަ ފިޔަވައި އަދި އެހެނިހެން އިންސްފްރާސްޓަކްޗަރ ޕްރޮޖެކްޓްތައް (ނަރުދަމާ އަދި ފެނުގެ މަޝްރޫއު)ތައް އެއްވެސް އަގަކާ ނުލާ ގާއިމްކޮށްދެވޭ ގޮތަށެވެ. އަދި ކޯޕްރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރް) ގެ ދަށުން ހައުސިން ޑިވަލޮޕްމަންޓް ކޯޕްރޭޝަންއާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން ދިގު މުއްދަތެއްގައި އަނބުރާ ފައިސާ ދައްކާ ގޮތަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް 300 ފްލެޓް އަދި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއަށް 300 ފްލެޓު ހުޅުމާލޭގައި އަޅާ ގޮތަށް ހަމަޖައްސާ ގޮތަށެވެ.

ބްލޫސް ހައުސިންގ ޕްރޮޖެކްޓްގެ މަޝްރޫއު ނޫމަޑި އާ ހަވާލުކޮށްގެން ކުރިއަށް ގެން ގޮސްފައިވަނީ މުއިއްޒުގެ ލަފާފުޅުގެ ދަށުންކަން ހާމަވެފައިވާއިރު، މި މަޝްރޫއުގެ ހިޔާނާތުގެ ބޮޑެތި މައްސަލަތަކެއް ވަނީ ފެންމެތިވެފައެވެ. މިމަޝްރޫއުގެ ޚާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

މި މައްސަަލައާއި ގުޅިގެން މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދޭން އޮޑިޓު އޮފީހުގެ ބޭފުޅުން ހާޒިރުވެ ބޭއްވި ބައްދަލުވުމުގައި, އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވީ މި މަަޝްރޫއު ފެށިފައި އޮތީ 2013 ގައި ކަމަށެވެ. ޕޮލްކޯ މެނޭޖްމަންޓާ އޮޑިޓް އޮފީހުން ބައްދަލުކުރުމުން އޭގެ ތެރެއިން ވަރަށް ގިނަ ލިޔެކިޔުންތަކެއް ޕޮލްކޯ ގައި މިހާރު ނެތް ކަމަށާއި، އެއީ ސާވާ އަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް އެ ފަރާތުން ބުނެފައިވާ ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

އޮޑިޓް އޮފީހުން ބުނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރުވެ ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލު ގެނެސްފައިވުމާއި، އަދި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މިމަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.

މީގެ އިތުރުން ރައީސް މުއިއްޒު އިސްކޮށް ހުންނަވައިގެން ނޫމަޑި މައްސަލާގައި ދިވެހި ރައްޔިތުންނަށް ބޮޑު ގެއްލުމެއް ދީފައިވާ ކަމަށާއި، ބިލިއަނެއްހާ ފައިސާ ގެއްލިފައިވާ ކަމަށް ވެސް ކުރީގެ ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

މިމައްސަލާގައި ރައީސް މުއިއްޒުގެ މައްޗަށް ދައުވާ އުފުލި ނަމަވެސް ސާބިތުވެފައިނުވެއެވެ. އެދައުވާގައި ބުނެފައިވަނީ ރައީސް މުއިއްޒު 25 ޖޫން 2019 ދުވަހު، ނޫމަޑި އިން ދިވެހި ސަރުކާރާ ދެކޮޅަށް ނެދަލޭންޑްސްގެ ދަހޭގްގައި ހުންނަ ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަންއަށް ހުށަހަޅާފައިވާ މައްސަލާގައި އެކުންފުނީގެ ހެކިވެރިއަކަށްވެ، ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާ އެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެކުންފުނިން ޝެޑިއުލްއާ އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ބުނެ، އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކުރާގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައިނުވާކަމަށް ބުނެ، ދޮގު ބާޔަނެއް މުއިއްޒު ދެއްވާފައިވާ ކަމަށެވެ.

މިކަންކަން މިހެން ހިނގާފައިވުމުގެ އިތުރުން އެ މަޝްރޫއުގެ މަސައްކަތްތައް ސަރުކާރުގެ ފަރާތުން ހިންގި ހައުސިންގ މިނިސްޓްރީގެ އޮފީސް އިމާރާތްވެސް ދާދި ފަހުން ވަނީ އަނދާ ހުލިވެފައެވެ.

- ކޮމެންޓް