ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓުތަކެއް މި މަސް ތެރޭގައި ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ނަގާނެ ކަމަށް ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
ވަޒީރާ ސުވާލުކުރުމުގެ ފުރުސަތުގައި ތުޅާދޫ ދާއިރާގެ މެންބަރު ހަންނާނު އަބޫބަކުރު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުގައި އައިސް ޕްލާންޓުތައް ފެނަކައާ ހަވާލުކުރުމަކީ ދެރަކޮށް ކޮށްފައި އޮތް ކަމެއް ކަމަށާއި ފެނަކައާ ހަވާލުކޮށްފައި ހުރި ހުރިހާ އައިސްޕްލާންޓުތައް މި މަސް ތެރޭގައި އަލުން ސަރުކާރުގެ މަސް ކުންފުނި މިފްކޯގެ ދަށަށް ނަގާނެ ކަމަށެވެ.
ވަޒީރު ޝިޔާމު ވިދާޅުވީ އައިސްޕްލާންޓު ހަވާލުކޮށްފައި ހުރީ ކަރަންޓު ދޭ ފެނަކަ ކުންފުންޏާއި ކަމަށާއި އެ ކުންފުނީގައި އައިސް ޕްލާންޓާ ކުޅެން އެނގޭ މީހަކުވެސް ނެތްކަމަށެވެ. އެހެން ކަމުން ފެނަކައިން އައިސް ޕްލާންޓުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ގިނަ އައިސް ޕްލާންޓުތަކުގެ އޮޕަރޭޝަންވެސް ހުއްޓިފައިވާ ކަމަށް ވަޒީރު ޝިޔާމު ވިދާޅުވި އެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މި ސަރުކާރު އައި އިރު، މިދިއަ ސަރުކާރުން ފެނަކަ އާއި ހަވާލުކުރި އައިސް ޕްލާންޓުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން، އޮޕަރޭޝަންތައް ހުއްޓިފައި ހުރި ނަމަވެސް މިހާރު އެ ޕްލާންޓުތައް އޮޕަރޭޝަނަށް ގެނެވިފައިވާ ކަމަށެވެ. އަދި ފެނަކައިގެ ބެލުމުގެ ދަށުގައި ހުރި ހުރިހާ އައިސް ޕްލާންޓެއް މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ފެނަކަ ކިޔާ ކަރަންޓު ދޭ ކުންފުންޏަކަށް އައިސްޕްލާންޓު ދީފައި ހުރީ، އައިސް ޕްލާންޓާ ކުޅެން އެނގޭ މީހަކުވެސް އެތާކު ނެތް. އެހެން ކަމުން ފެނަކައިން އައިސް ޕްލާންޓުތައް ރަނގަޅަށް ބެލެހެއްޓިފައި ނެތުމުން ގިނަ އައިސް ޕްލާންޓުތަކުގެ އޮޕަރޭޝަންވެސް ހުރީ ހުއްޓިފަ. އެހެން ނަމަވެސް މިހާރު އެ ޕްލާންޓުތައް ވަނީ އޮޕްރޭޝަނަށް ގެނެވިފަ. އަދި ފެނަކައިގެ ދަށުގައި ހުރި އެ ޕްލާންޓްތައް ނަގާ، މިފްކޯއާއި އަލުން ހަވާލުކުރާނަން.ފިޝަރީޒް އެންޑް އޯޝަން ރިޒޯސަސް މިނިސްޓަރު އަހުމަދު ޝިޔާމް
ވަޒީރު ވިދާޅުވީ އައިސް ޕްލާންޓުތައް ފެނަކައިގެ ބެލުމުގެ ދަށުގައި ހުންނާނީ މި މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ކަމަށާއި އޭގެ ފަހުން އެ ޕްލާންޓުތައް ހުންނާނީ މިފްކޯފެ ބެލުމުގެ ދަށުގައި ކަމަށެވެ. އަދި އައިސް ޕްލާންޓުތަކަށް ބަރޯސާވުން ނިމުމަކަށް ގެނައުމަށްޓަަކައި ދޯނިތަކުގައި އާރްއެސްޑަބްލިއު ނިޒާމު ގާއިމުކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.