އިޓާލިއަން ލީގުގައި ފިއޮރެންޓީނާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އިންޓަރ މިލާނުން ފަރަގު އެއް ޕޮއިންޓަށް ކުޑަ ކޮށްފި އެވެ.
އިންޓަރ މިލާންގެ އަމިއްލަ ދަނޑުގައި ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި އިންޓަރ މިލާނުން ކުރި ހޯދާފައި ވަނިކޮށް، ފިއޮރެންޓީނާ އިން ވަނީ ލަނޑު ޖަހައިގެން ނަތީޖާ ހަމަހަމަ ވެސް ކޮށްފަ އެވެ. ނަމަވެސް ދެ ވަނަ ހާފުގައި ލަނޑު ޖަހައިގެން އިންޓަރ މިލާން ވަނީ މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި އިންޓަރ މިލާނަށް ލީޑު ލިބުނީ ފިއޮރެންޓީނާގެ މާރިން ޕޮންގްރާސިސް އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އޭގެ ފަހުން މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވާން އެއް މިނެޓަށް ވެފައި ވަނިކޮށް، ފިއޮރެންޓީނާ އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރޮލާންޑޯ މަންޑްރާގޮރާ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ހަތް ވަނަ މިނެޓުގައި އިންޓަރ މިލާނުން ވަނީ ދެ ވަނަ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ. ކާލޯސް އަގުސްޓޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިންޓަރ މިލާނަށް އެ ލަނޑު ޖަހައިދިނީ މާކޯ އާނައުޓޮވިޗް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މޮޅާއެކު އިންޓަރ މިލާން ދެ ވަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 54 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން އެއް ވަަނައިގައި ނަޕޯލީ އަށް ލިބެނީ 55 ޕޮއިންޓެވެ.