ޕޮލްކޯއިން ހުޅުމާލޭގައި ފުލުހުންނަށް ޚާއްޞަކޮށްގެން އިމާރާތްކުރި ފްލެޓްތަކުގެ މަޝްރޫޢުގައި ވަކި ފަރާތްތަކަކަށް ނާޖާއިޒު ފައިދާ ލިބޭގޮތަށް ކަންކަން ކޮށްފައިވާކަން އޮޑިޓް ރިޕޯޓުން ދައްކާއިރު، މި މަޝްރޫޢުއާ ގުޅޭ މުހިންމު ލިޔެކިޔުންތައް އެތަނުގައި ނެތްކަމަށް އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވެއްޖެއެވެ.
ފުލުހުންގެ ހައުސިން ޕްރޮޖެކްޓް (ބްލޫސް ހައުސިންގ ޕްރޮޖެކްޓް)ގެ ޚާއްސަ އޮޑިޓްގައި ބުނެފައިވާ ގޮތުން އެ މަސައްކަތް ހަވާލު ކުރި އަސްލު އަގަކީ 580 މިލިއަން ރުފިޔާ އެވެ. ނަމަވެސް މިހާތަނަށް މަޝްރޫއަށް 1.06 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިއީ އަކަފޫޓަކަށް (ޖުމްލަ 573،332 އަކަފޫޓު) 1،851 ރުފިޔާގެ ރޭޓުން ކޮށްފައިވާ ހަރަދެއް ކަމަށް އޮޑިޓް ރިޕޯޓްގައި ބުނެފައިވާއިރު، މިފަދަ ކޮންސްޓްރަކްޝަން މަސައްކަތުގެ އެވަރެޖް އަގުކަމުގައި ބެލެވެނީ އަކަފޫޓަކަށް 1300 ރުފިޔާއާއި 1500 ރުފިޔާ ރޭޓުތަކެއް ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އަދި މި ރޭޓުތަކަށް ބަލާއިރު، މިމަޝްރޫއުގެ އަގަށް ޖެހޭނީ 745.3 މިލިއަން ރުފިޔާ އާއި އެންމެ ބޮޑުވެގެން ވެސް 859.9 މިލިއަން ރުފިޔާ ކަމަށެވެ. އެހެންކަމުން މި އަންދާޒާ އަގުތަކަށް ބަލާނަމަ މިމަޝްރޫއަށް 354.7 މިލިއަން ރުފިޔާ އާއި މަދުވެގެން 240.1 މިލިއަން ރުފިޔާ އިތުރަށް ހަރަދުކޮށްފައިވާ ކަމަށް އޮޑިޓުގައި ބުނެފައިވެއެވެ.
މި މައްސަަލައާއި ގުޅިގެން މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ދޭން އޮޑިޓު އޮފީހުގެ ބޭފުޅުން ހާޒިރުވެ ބޭއްވި ބައްދަލުވުމުގައި, އޮޑިޓަރ ޖެނެރަލް ވިދާޅުވީ މި މަަޝްރޫއު ފެށިފައި އޮތީ 2013 ގައި ކަމަށެވެ. ޕޮލްކޯ މެނޭޖްމަންޓާ އޮޑިޓް އޮފީހުން ބައްދަލުކުރުމުން އެ ބޭފުޅުން ވިދާޅުވީ އޭގެ ތެރެއިން ވަރަށް ގިނަ ލިޔެކިޔުންތަކެއް އެ ބޭފުޅުން އަތުގައި މިހާރު ނެތް ކަމަށާއި، އެއީ ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން ކަމަށް ނިޔާޒީ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ އެކަމުގެ ސަބަބުން ބިޑު ކުރުމާއި އިވޭލުއޭޓްކުރުމުގެ ކަންތައް ގޮސްފައި އޮތް ގޮތެއް އެންމެ ރަނގަޅަށް ސާފުވެފައި ނުވާ ކަމަށެވެ. ނިޔާޒީ ވިދާޅުވީ، ޕޮލްކޯއިން އެ މައުލޫމާތުތައް ނުލިބުމުން ގެޒެޓުން އެ ލިޔުންތައް ހޯދަން މަސައްކަތް ކުރި ނަމަވެސް ގެޒެޓުގައި ވެސް އެ ލިޔުންތައް ނެތް ކަމަށެވެ. އެހެންވެ، އެކަން ގޮސްފައި އޮތް ގޮތް ނޭނގޭތީ، ތަހުގީގީ އިދާރާތަކުން އެ މަޝްރޫއު ކުރިއަށް ގެންގޮސްފައި އޮތް ގޮތް ބެލުން މުހިންމު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
އޮޑިޓުގެ ސްކޯޕުގައި އަޅުގަނޑުމެން ހިމެނިން މަޝްރޫއުގެ ބިޑް ކުރުމުގެ ކަންކަން ހިނގާފައި އޮތީ ކިހިނެއްތޯ. އެހެން ނަމަވެސް މަޝްރޫއު ފެށިފައި އޮތީ 2013 ގައި. ދެން ޕޮލްކޯއާ މެނޭޖްމަންޓާ ބައްދަލު ކުރުމުން އެ ބޭފުޅުން ވިދާޅުވީ ލިޔުންތަކެއް އެބޭފުޅުން އަތުގައި މިހާރު ނެތް ކަމަށް. ސާވާއަށް ދިމާވި މައްސަލައެއްގެ ސަބަބުން.އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ![]()
އޮޑިޓަރ ޖެނެރަލް ނިޔާޒީ ވިދާޅުވީ އޮޑިޓް ރިޕޯޓް އާންމުކުރިފަހުން ފޮލްކޯ އިން އެކަމާ ގުޅޭ ބައެއް ސިޓީތައް ފޮނުވި ނަމަވެސް އެ ރިޕޯޓު ނެރުމާ ހަމައަށް ވެސް، އެ މަޝްރޫއުއަށް ބިޑުކުރުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތެއް އެނގޭކަށް ނެތް ކަމަށެވެ.
އޮޑިޓް އޮފީހުން ބުނީ މިމަޝްރޫއުގެ ފުރަތަމަ އެއްބަސްވުމުގެ އަގު ކަމުގައިވާ 580 މިލިއަން ރުފިޔާއާ އަޅާބަލާއިރު، މިމަޝްރޫއަށް މިހާތަނަށް ހިނގާފައިވާ ހަރަދު 481 މިލިއަން ރުފިޔާ އިތުރުވެ ގާތްގަނޑަކަށް ދެގުނަ ހަރަދުކޮށްފައިވުމުން މިފަދަ ބޮޑެތި ޕްރޮޖެކްޓްތައް ހިންގުމުގެ ފަންނީ ގާބިލްކަން ޕޮލްކޯގައި ނެތް ކަމަށެވެ. އަދި ކޮންޓްރެކްޓަރުންނަށް ފައިދާވާ ގޮތަށް އެއްބަސްވުންތަކަށް ބަދަލުގެނެސްފައިވުމާއި، އަދި ފްރޯޑާއި، ކޮރަޕްޝަންގެ އަމަލުތަކަށް ޝައްކުކުރެވޭ ކަންކަން މިމަޝްރޫއުގެ ތެރޭގައި ހިނގާފައިވާ ކަމަށެވެ.
މީގެ އިތުރުން އޮޑިޓް އޮފީހުން ބުނީ ވަކި ފާރާތަކަށް މަންފާވާ ގޮތަށް މިމަޝްރޫއުގެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެމީހާގެ ނަން ހާމަނުކޮށް ރިޕޯޓުގައި ބުނެފައިވަނީ ޕޮލްކޯއިން މިމަޝްރޫއާއެކު ހަދާފައިވާ 628.7 މިލިއަން ރުފިޔާގެ ކޮންޓްރެކްޓްތަކަކީ ''މިސްޓަރ އެކްސް'' އަށް ސީދާ ގޮތުންނާއި ނުސީދާގޮތުން ގުޅިފައިވާ އެސޯޝިއޭޓެޑް ކުންފުނިތަކަށް ކަމަށް ބެލެވޭ ކަމަށެވެ.
ދައުލަތަށް ގެއްލުންލިބޭ ގޮތަށް އަމަލުކޮށްފައިވާތީ އޮޑިޓް ރިޕޯޓުގައި ލަފާދީފައިވަނީ މުޅި މަޝްރޫއުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ކޮންޓްރެކްޓަރުންނާއެކު ވެފައިވާ އެއްބަސްވުންތަކަށް އެކި ފަހަރުމަތިން ބޮޑެތި ބަދަލުތައް ގެނައުމާއި، ކޮންޓްރެކްޓަރުން ނިންމާ މަސައްކަތަށް ފައިސާ ދެއްކުމުގެ ބަދަލުގައި އެކި ނަންނަމުގައި ކޮންޓްރެކްޓަރުންނަށް ފައިސާ ދައްކާފައިވަނީ މި މުއާމަލާތްތަކުގެ ތެރެއިން ކޮންޓްރެކްޓަރަށް ވަކި ބަޔަކަށް ނާޖާއިޒް ފައިދާއެއް ހޯދައިދިނުމުގެ މަގުސަދުގައި ކަމަށް ބެލެވޭތީ މިކަމުގައި ޝާމިލުވާ ހުރިހާ ފަރާތްތައް ހޯދައި، ފިޔަވަޅު އެޅުމަށް މިމައްސަލަ ތަހުގީގު ކުރުމަށް އޭސީސީ އާއި، އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހަޅުމަށެވެ.
އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ޕޮލްކޯ އައިލެންޑް އެކްސްޕާޓާއި، އަދި އެނޫންވެސް ކުންފުނިތަކާ މެދެދު މިމަޝްރޫއުގެ މަސައްކަތް ކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން އެކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ނުކުރުމުގެ ސަބަބުން ދައުލަތަށް ލިބުނު ގެއްލުން ހިސާބުކޮށް ގެއްލުމުގެ ބަދަލު ހޯދުމަށް ކޯޓަށް ހުށަހަޅުމަށާއި، މިމަޝްރޫއުގެ މަސައްކަތްތަކާ ހަވާލުވެ މަސައްކަތް ނިންމުމުގެ ސަބަބުން އެއްބަސްވުން ބާތިލުކުރަންޖެހުނު ކުންފުނިތަކާމެދު ފިޔަވަޅު އެޅުމަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވަނީ ލަފާދީފައެވެ.
ހައުސިން މަޝްރޫއު ފަދަ ބޮޑެތި ޕްރޮޖެކްޓްތައް ޕޮލްކޯ ފަދަ ކޯޕަރޭޓިވް ސޮސައިޓީއިން ކުރިއަށް ގެންދިމުގެ ބަދަލުގައި ކަމާގުގުޅޭ މިނިސްޓްރީން ކުރިއަށް ގެންދިއުމަށް ލަފާދިނުމަށް ވެސް ފިނޭންސް މިނިސްޓްރީއަށް ވަނީ އަންގާފައެވެ.