ކ. މާލެ
|
11 ފެބްރުއަރީ 2025 | އަންގާރަ 09:49
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ލިވަޕޫލްގެ ކޯޗު އާން ސްލޮޓް
ރޮއިޓާސް
ލިވަޕޫލް
އެފްއޭ ކަޕުން ކެޓުމަކީ ހިތްދަތި ކަމެއް: ސްލޮޓް
އެފްއޭ ކަޕްގައި ދެމި އޮތުމަކީ ލިވަޕޫލް އިން ވަރަށް ބޮޑަށް ބޭނުން ވެފައި އޮތް ކަމެއް ކަމަށާއި، އެ ޓީމު ބޭނުންވީ އެ މުބާރާތުގައި ދެވެން އޮތް އެންމެ ދުރަށް ދިޔުން ކަމަށް ސްލޮޓް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ލިވަޕޫލްގެ ކުޅުންތެރިން މަސައްކަތް ނުކުރެޔޭ ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫނެެވެ.

އިނގިރޭސި އެފްއޭ ކަޕުން ލިވަޕޫލް ކެޓުމަކީ ވަރަށް ބޮޑު ހިތްދަތި ކަމެއް ކަމަށް، އެ ޓީމުގެ ކޯޗު އާން ސްލޮޓް ބުނެފި އެވެ.

އޭނާ މިހެން ބުނީ އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޕްލީމައުތާ ދެކޮޅަށް ކުޅުނު މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުންނެވެ. އެ މެޗުން ބަލިވެ ލިވަޕޫލް ވަނީ މުބާރާތުން ކަޓައިފަ އެވެ. މެޗުން ޕްލީމައުތު މޮޅުވީ، މެޗުގެ ދެ ވަނަ ހާފުގައި ލިވަޕޫލްގެ ހާވޭ އެލިއޮޓްގެ އަތުގައި ބޯޅަ ޖެހުމުން ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

ސްލޮޓް ބުނީ، އެ މެޗުގައި ލިވަޕޫލަށް އެންމެ ރަނގަޅު ކުޅުމެއް ނުދެއްކު ކަމަށާއި، އެ ދުވަހަކީ ލިވަޕޫލަށް އެންމެ ރަނގަޅު ދުވަސް ނޫން ކަމަށެވެ. އަދި އެ ފަދަ ދުވަހެއްގައި މެޗުގެ ނަތީޖާ އަންނާނީ ވެސް އެގޮތަށް ކަމަށް ސްލޮޓް ބުންޏެވެ. އޭނާ ބުނީ އެފްއޭ ކަޕުން ލިވަޕޫލް ކަޓައިގެން ދިޔުމަކީ އެ ޓީމުގެ ކުޅުންތެރިންނާއި، ސަޕޯޓަރުން އަދި ހުދު އޭނާ އަށް ވެސް ވަރަށް ބޮޑު ހިތްދަތި ކަމެއް ލިބުނު ކަމެއް ކަމަށެވެ.

ޚާއްސަކޮށް އެފްއޭ ކަޕްގައި ދެމި އޮތުމަކީ ލިވަޕޫލް އިން ވަރަށް ބޮޑަށް ބޭނުން ވެފައި އޮތް ކަމެއް ކަމަށާއި، އެ ޓީމު ބޭނުންވީ އެ މުބާރާތުގައި ދެވެން އޮތް އެންމެ ދުރަށް ދިޔުން ކަމަށް ސްލޮޓް ބުންޏެވެ. އޭނާ ފާހަގަ ކުރި ގޮތުގައި ލިވަޕޫލްގެ ކުޅުންތެރިން މަސައްކަތް ނުކުރެޔޭ ބުނުމަކީ އެންމެ ރަނގަޅު ގޮތެއް ވެސް ނޫނެެވެ. މެޗުގައި ދެ ޓީމަށް ވެސް އެކަށީގެންވާ ފުރުސަތުތަކެއް ލިބުނު ކަމަށާއި، އެފަދަ މެޗުތައް ބިނާވެފައި އޮންނަނީ "މުހިންމު" ވަގުތެއްގެ މައްޗަށް ކަމަށް ވެސް ސްލޮޓް ވަނީ ބުނެފަ އެވެ. އެހެންކަމުން އެ މެޗުގައި އެފަދަ ވަގުތެއް ލިބުނީ ޕްލީމައުތަށް ކަމަށާއި، އެ ޓީމަށް އެކަން ހައްގުވާ ކަމަށް ވެސް ސްލޮޓް ބުނެފައިވެ އެވެ.

މީގެ އިތުރުން ވާހަކަ ދައްކަމުން ސްލޮޓް ބުނީ، ލިވަޕޫލްގެ ކުޅުންތެރިންގެ އަތުގައި ބޯޅަ އޮންނަ ވަގުތުގައި ވެސް ޕްލީމައުތުގެ ކުޅުންތެރިން ވަރަށް ހުށިޔާރުކޮށް ފެނުނު ކަމަށެވެ. މެޗުގައި ލިވަޕޫލަށް ބައެއް ކަންކަން ރަނގަޅު ކުރެވުނީސް ކަމަށާއި، ޚާއްސަކޮށް ލިބުނު މަދު ފުރުސަތުތައް ނިންމާލުމަށް ސަމާލުކަން ދެވުނީސް ކަމަށް ސްލޮޓް ޤަބޫލު ކުރެ އެވެ. މެޗުގެ އެންމެ ފަގު ވަގުތާ ހަމައަށް ވެސް ލިވަޕޫލްގެ ކުޅުންތެރިން ވަރަށް ބޮޑަށް މަސައްކަތް ކޮށްފައިވާ ކަމަށާއި، މަސައްކަތު ރޭޓުގެ މައްސަލައެއް ދިމާ ނުވާ ކަމަށް ވެސް ސްލޮޓް ބުންޏެވެ. އޭގެ ބަދަލުގައި ލިވަޕޫލަށް ފުރުސަތުތައް ނިންމާނުލެވުނީ ކަމަށާއި، ކުރިއަށް އޮތް މެޗުތަކުގައި އެކަންތައް ރަނގަޅު ކުރުމަށް އިސްކަން ދޭން ޖެހޭ ކަމަށް ވެސް ސްލޮޓް ބުންޏެވެ.

މި ސީޒަނާ ދިމާކޮށް ލިވަޕޫލްގެ ކޯޗުކަމާ ހަވާލުވި ސްލޮޓްގެ އިރުޝާދުގެ ދަށުން އެ ޓީމުން އަަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. މި ސީޒަންގެ މިހާތަނަށް ލިވަޕޫލް ބަލިވެފައި ވަނީ ވެސް އެންމެ ހަތަރު މެޗުންނެވެ. އިނގިރޭސި ޕްރިމިއާ ލީގު އަދި ޔުއެފާ ޗެމްޕިއަންސް ލީގުގައި ވެސް ލިވަޕޫލުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ނަމަވެސް އެފްއޭ ކަޕުން ކެޓުމަކީ މުހިންމު ތައްޓެއް ހޯދުމަށް ކުރަމުން އައި މަސައްކަތް ނިމުން ކަމަަށް ވެސް ސްލޮޓް ވަނީ ބުނެފަ އެވެ.

- ކޮމެންޓް