އިނގިރޭސި އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ޕްލީމައުތާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް މުބާރާތުން ކަޓައިފި އެވެ.
ޕްލީމައުތުގެ އަމިއްލަ ދަނޑު، ހޯމް ޕާކުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ 1-0 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ޕްލީމައުތުން ލަނޑު ޖެހީ ވެސް ދެ ވަނަ ހާފުގަ އެވެ. އެެއީ އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށްގެން ޕްލީމައުތުން ޖެހި ލަނޑެކެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ޕްލީމައުތަށް ޕެނަލްޓީ ލިބުނީ ލިވަޕޫލްގެ އޭރިޔާ ތެރެއިން، ޕްލީމައުތުގެ ކުޅުންތެރިޔަކު ޖައްސާލި ބޯޅަ ލިވަޕޫލްގެ ހާވީ އެލިއޮޓްގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް ޕްލީމައުތަށް ކުރި ހޯދައިދިނީ ރަޔާން ހާޑީ އެވެ.
އޭގެ ފަހުން ވެސް ޕްލީމައުތަށް ވަނީ އިތުރު ލަނޑު ޖަހާނެ ފުރުސަތު ލިބިފަ އެވެ. މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ލިވަޕޫލުން ކުރި މަސައްކަތުގައި އެ ޓީމުގެ ޑިއޭގޯ ޖޮޓާ ފޮނުވާލި ނުރައްކާތެރި ބޯޅަ، ޕްލީމައުތުގެ ގޯލު ކީޕަރު ވަނީ އަތުން ޖައްސައި ބޭރުކޮށްލައިފަ އެވެ. އޭގެ ފަހުން ޕްލީމައުތުގެ އޭރިޔާ ތެރެއިން ލިބުނު ފުރުސަތެއްގައި ލިވަޕޫލްގެ ޑާވިން ނޫނޭޒް ބޮލުން ފޮނުވާލި ބޯޅަ ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.
މި ސީޒަންގައި ރަނގަޅު ކުޅުމެއް ދައްްކަމުން އަންނަ ލިވަޕޫލް އެފްއޭ ކަޕުން ކަޓާފައިވާއިރު، މިއީ މި ސީޒަންގައި އެ ޓީމު ބަލިވި ހަތަރު ވަނަ މެޗެވެ.