އިނގިރޭސި އެފްއޭ ކަޕުން ޗެލްސީ ކެޓުމަކީ ލަދުވެތި ކަމެއް ކަމަށް، އެ ޓީމުގެ ކޯޗު އެންޒޯ މަރެސްކާ ބުނެފި އެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޗެލްސީ ވަނީ އެ މުބާރާތުން ކަޓައިފަ އެވެ. ބްރައިޓަންގެ އަމިއްލަ ދަނޑުގައި ކުޅުނު އެ މެޗުގައި ޗެލްސީން ވަނީ ފުރަތަމަ ލަނޑު ޖަހައި ކުރި ވެސް ހޯދައިފަ އެވެ. ނަމަވެސް ބްރައިޓަން އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ޗެލްސީ ކަޓުވާލައި، މުބާރާތުގެ ފަސް ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ.
އެ މެޗަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަމުން މަރެސްކާ ބުނީ، އެފްއޭ ކަޕުން ޗެލްސީ ކަޓައިގެން ދިޔުމަކީ ލަދުވެތި ކަމެއް ކަމަށެެވެ. އަދި އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫން ކަމަށާއި، ޗެލްސީ އަށް ލަދުވެތި ނަތީޖާއަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. މިވަގުތު ޗެލްސީން ޕޮސިޓިވް ކަމެއް ކުރަން ބޭނުންވާ ނަމަ، ދެން އޮތް ގޮތަކީ އިނގިރޭސި ޕްރިމިއާ ލީގު އަދި ޔުއެފާ ކޮންފަރެންސް ލީގަށް ފޯކަސް ކުރަން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އުންމީދަކީ ޕްރިމިއާ ލީގު އަދި ކޮންފަރެންސް ލީގުގައި ޗެލްސީގެ ދަތުރުގައި ކުރިއަށް ދިޔުން ކަމަށް ވެސް އޭނާ ބުންޏެވެ.
މީގެ އިތުރުން މަރެސްކާ ބުނީ މިހާރު ކުރިއަށްދާ ސީޒަންގައި ޗެލްސީން ފާހަގަވާން އޮތް ރަނގަޅު ކަމަކީ، މެޗަކަށްފަހު މެޗެއް ރަނގަޅު ކުރަމުން އައުން ކަމަށެވެ. އަދި ޚާއްސަކޮށް ގޯސް ވަގުުތުތައް ނުވަތަ ހިތްދަތި ވަގުތުތަކާ ވެސް ކެރިގެން ކުރިމަތިލައި ކުރިއަށް ދާން މަސައްކަތް ކުރުން ކަމަށް ވެސް އޭނާ ބުންޏެވެ. އަދި އެއީ ޗެލްސީ އަށް މުހިންމު ކަންތައްތަކަށް ވާދަކުރެވޭ ގޮތް ކަމަށް ވެސް މަރެސްކާ ވަނީ ބުނެފަ އެވެ. އެހެންކަމުން ދެން ބޭނުން ވަނީ ޕްރިމިއާ ލީގު އަދި ކޮންފަރެންސް ލީގުގައި ރަނގަޅު ހިސާބެއްގައި ނިންމާލުން ކަމަށް މަރެސްކާ ބުންޏެވެ.
އިތުރަށް ވާހަކަ ދައްކަމުން މަރެސްކާ ބުނީ މެޗުތަކުން މޮޅުވުމަށް ޗެލްސީން "ދަސްކުރަން" ޖެހޭ ކަމަށެވެ. އެކަން ފާހަގަކޮށް އޭނާ ވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް ޗެލްސީ ކުޅުނު މެޗަށް އިޝާރާތް ކޮށްފަ އެވެ. އެ މެޗަށް އިޝާރާތް ކުރަމުން މަރެސްކާ ބުނީ، އެ މެޗުން ޗެލްސީ މޮޅުވީ އެއް ލަނޑުން ފަހަތުގައި އޮއްވާ، ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ކަމަށެވެ. އެހެންކަމުން ޓީމެއްގެ ހައިސިއްޔަތުން އަދިވެސް މޮޅުވާން "ދަސްކުރަން" ޖެހޭ ކަމަށާއި، އެއީ ބޮޑެތި ޓީމުތަކުން ކަން ކުރާ ގޮތް ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އެފްއޭ ކަޕުން ޗެލްސީ ކަޓާފައިވާއިރު، ލީގުގައި އެ ޓީމު އޮތީ ހަތަރު ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 24 މެޗުން 43 ޕޮއިންޓާ އެކު އެވެ. މި ސީޒަންގެ ލީގުގެ ކުރީ ކޮޅު ޗެލްސީން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެ، ލީގު ތާވަލްގެ ދެ ވަނައިގައި ވެސް އޮވެފަ އެވެ. ނަމަވެސް މި ފަހުން އައިސް އެ ޓީމުގެ ނަތީޖާތައް ދަށްވެ، މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. ޗެލްސީ އާއި ތިން ވަނައިގައި އޮތް ނޮޓިންހަމް ފޮރެސްޓާ ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ފަރަގެކެވެ.