ކޯރާޑިއަކުން މީހަކަށް ހަމަލާދީ، މާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
އާދިއްތަ ދުވަހު ފުލުހުން ބުނީ ހުޅުމާލެ ބޯގަންވިލާ މަގު، ރެހެންދި ޓާފް ދަނޑު ހުޅަނގު ފަޅީގައި މަޑުކޮށްގެން ހުރި މީހަކަށް ސައިކަލެއްގައި އައި ބަޔަކު ހަމަލާ ދީފައިވާ މައްސަލަ ހޮނިހިރު ދުވަހުގެ ރޭ 23:35 ހާއިރު ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދިނުމަށްފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މިމާރާމާރީގައި ހަމަލާދީފައިވަނީ ކޯރާޑިއަކުން ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.
މީގެ އިތުރުން ފުލުހުން ބުނީ މިމާރާމާރީ ހިންގި ކަމަށް ތުހުމަތު ކުރެވޭ ދެމީހުން ފިލައިގެން ހައިވޭ އިން މާލެއަށް ދަނިކޮށް ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.
މިމައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ ހީނާމާގެ، ގދ.ފިޔޯރީ 25 އަހަރުގެ ރުސްތަމް އިބްރާހިމް އަދި ބ.ގޮއެދޫ، 19 އަހަރުގެ ސައިފްﷲ ފައިސަލް އެވެ.
މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.