އިނގިރޭސި އެފްއޭ ކަޕްގައި ބްރައިޓަންއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ޗެލްސީ މުބާރާތުން ކަޓައިފި އެވެ.
އެފްއޭ ކަޕްގެ ހަތަރު ވަނަ ބުރުގައި ބްރައިޓަންގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ކުޅުނު މެޗުން ޗެލްސީ ބަލިވީ 2-1 އިންނެވެ. އެއީ މެޗުގައި ޗެލްސީ އަށް ލީޑު ލިބިފައި ވަނިކޮށް، ފަހަތުން އަރައި ބްރައިޓަން އިން ދެ ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން ފަސް ވަނަ މިނެޓުގައި ޗެލްސީ އަށް ކުރި ލިބުނީ ބްރައިޓަންގެ ގޯލު ކީޕަރު ބާޓް ވާބްރަގަން އަތުން ބައި ކޮޅަށް ވަތް ލަނޑުންނެވެ. އެއީ ބްރައިޓަންގެ އޭރިޔާ ތެރެއިން ލިބުނު ބޯޅައެއް ޗެލްސީގެ ކޯލް ޕާމާ ފޮނުވާލި ވަގުތު، އެ ބޯޅަ މަތަކުރަން އުޅުމުގެ ތެރޭގައި އޭނާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.
އޭގެ ފަހުން ފުރަތަމަ ހާފުގެ 12 ވަނަ މިނެޓުގައި ބްރައިޓަން އިން ވަނީ ލަނޑު ޖަހައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެއީ ޗެލްސީގެ އޭރިޔާ ބޭރުން ބްރައިޓަންގެ ޖޮއެލް ވެޓްމަން ހުރަސްކޮށްދިން ބޯޅަ ބޮލުން ގޯލަށް ވައްދާލައިގެން ޖިއޮޖީނިއޯ ރުޓާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން 12 ވަނަ މިނެޓުގައި ބްރައިޓަންގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ނަގައިދިނީ ކޯރޫ މިޓޮމާ އެވެ. އެއީ ރުޓާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ.
ބްރައިޓަން އިން ލީޑު ނެގި ފަހުން ޗެލްސީން ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފަ އެވެ. ޗެލްސީގެ ޕާމާ ބޮލުން ފޮނުވާލި ބޯޅަ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށް ދިޔައިރު، އެންޒޯ ފެނާންޑޭޒް ފޮނުވާލި ބޯޅަ ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވި އެވެ.