އިސްރާއީލާއި ހަމާސްއާ ދެމެދު ވެވުނު ޣައްޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން ހަމާސް އިން އިތުރު 3 އިސްރާއީލުގެ ރަހީނުން ހޮނިހިރު ދުވަހު ދޫކޮށްލައިފިއެވެ.
މިނިވަންކުރި 3 ފިރިހެނުންގެ ބަދަލުގައި އިސްރާއީލުގެ ޖަލުން 183 ފަލަސްތީނު މީހުން ހޮނިހިރު ދުވަހު މިނިވަން ކުރެވުނެވެ.
އިސްރާއީލުން ވަނީ މިނިވަން ކުރި 3 ރަހީނުން ތިބީ އަނަރޫފަ ވެފައި ކަމަށް ބުނެ ޝަކުވާ ކޮށްފައެވެ.
ހަމާސް އިން މި މީހުން ބަންދުކުރިތާ 491 ވަނަ ދުވަހު މިނިވަން ކުރީ ޣައްޒާގެ މެދުތެރޭގައި އޮންނަ ދީރުލް ބަލާހް ސިޓީގައެވެ. އެމީހުން ރެޑް ކްރޮސްއާ ހަވާލު ކުރުމުން، ރެޑް ކްރޮސްގެ އުޅަނދު ތަކުގައި ގެންގޮސް އިސްރާއީލުގެ ދިފާއީ ބާރުތަކާ (އައިޑީއެފް) ގައްޒާގައި ހަވާލުކުރުމުން، އެމީހުން އިސްރާއީލަށް ގެންގޮސް، މެޑިކަލް އެސެސްމަންޓެއް ހެދުމަށްފަހު އާއިލާތަކާ ވަނީ ހަވާލު ކޮށްފައެވެ.
މި މީހުން ދޫކޮށްލިއިރު، ބޮޑު ވަޒީރު ނަތަންޔާހޫ ޣައްޒާގެ ހަނގުރާމަ ހުއްޓާލުމުގެ ދެވަނަ މަރުހަލާގެ މަޝްވަރާ ތަކަށް ދޯހާއަށް މަންދޫބުން ފޮނުވުމަށް ވަނީ ހުއްދަ ދެއްވާފައެވެ. އިސްރާއީލުގެ އިސް ފަރާތަކުން ސީއެންއެން އަށް ހޮނިހިރު ދުވަހު ބުނެފައިވަނީ މި މަންދޫބުންނަކީ "މެދު ފަންތީގެ" އޮފިޝަލުން ކަމަށާއި، އެމީހުން "އެއްބަސްވުމުގެ ޓެކްނިކަލް ތަފްސީލުތަކާ ބެހޭ މަޝްވަރާކުރާނެ" ކަމަށެވެ. އެ އިސް ފަރާތުން ބުނެފައިވަނީ މި ޓީމުން އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތަކެއް ނުކުރާނެ ކަމަށެވެ.
ހަމާސް އިން މިހާރު ވަނީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ޖުމްލަ 16 ރަހީނުން ދޫކޮށްލާފައެވެ. މި ފިޔަވަހީގައި މަރުހަލާތަކަކަށް ބަހާލައިގެން ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 33 މީހުންނެވެ.
އިސްރާއީލު ސަރުކާރުން ބުނާ ގޮތުގައި މި 33 މީހުންގެ ތެރެއިން 8 މީހުން ވަނީ މަރުވެފައެވެ.
ހޮނިހިރު ދުވަހު ތިން ރަހީނުން ދޫކޮށްލި އިރު، ހަމާސް އާއި އެ ޖަމާއަތުގެ ބައިވެރިންގެ އަތްދަށުގައި އަދިވެސް އޮކްޓޯބަރު 7، 2023 ގައި އިސްރާއީލުން ގެންދިޔަ 251 މީހުންގެ ތެރެއިން 73 މީހުން އެބަ ތިބެއެވެ.