ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 09:01
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ އުފާ ފާޅު ކުރަނީ
ރޮއިޓާސް
ސައުދީ ޕްރޯ ލީގު
އަލް ފެއިހާ ބަލިކޮށް، އަލް ނަޞްރު ތިން ވަނައިގައި
މޮޅާއެކު އަލް ނަޞްރު ތިން ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 19 މެޗުން 41 ޕޮއިންޓާ އެކު އެވެ.

ސައުދީ ޕްރޯ ލީގުގައި އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އަލް ނަޞްރުން ލީގު ތާވަލްގެ ތިން ވަނަ މަގާމަށް ޖެހިލައިފި އެވެ.

ހުކުރު ދުވަހުގެ ރޭ އަލް ފެއިހާއާ ދެކޮޅަށް ކުޅުނު މެޗު އަލް ނަޞްރުން ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް ނަޞްރުން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ދެ ލަނޑު ޖަހައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފުގެ 22 ވަނަ މިނެޓުގައި އަލް ނަޞްރަށް ލީޑު ނަގައިދިނީ ޖޯން ޑޫރަން އެވެ. އެއީ އަލް ފެއިހާގެ އޭރިޔާ ބޭރުން ލިބުނު ބޯޅައެއް، އެ ޓީމުގެ ދެ ކުޅުންތެރިންގެ ކައިރިން ނައްޓައި ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފުގައި ޑޫރަން ވަނީ ދެ ވަނަ ލަނޑެއް ޖަހައި އަލް ނަޞްރުގެ ލީޑު ފުޅާ ކޮށްފަ އެވެ. އެއީ އެ ޓީމުގެ ސަޑިއޯ މާނޭ ހުރަސްކޮށްދިން ބޯޅައެއް ގޯލަށް ވައްދާލައިގެން އޭނާ ޖެހި ލަނޑެކެވެ. އޭގެ ދެ މިނެޓު ފަހުން އަލް ނަޞްރުގެ ތިން ވަނަ ލަނޑު ޖެހީ ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. އެއީ އަލް ފެއިހާގެ އޭރިޔާ ތެރެއިން އަލް ނަޞްރުގެ ކުޅުންތެރިޔަކު ހުރަސްކޮށްދިން ބޯޅަ، އެއް ފަހަރުން ގޯލަށް ވައްދާލައިގެން ރޮނާލްޑޯ ޖެހި ލަނޑެކެވެ.

މޮޅާއެކު އަލް ނަޞްރު ތިން ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 19 މެޗުން 41 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ހަތަރު ވަނައިގައި އޮތް އަލް ޤަދިސިއްޔާ އަށް ވެސް ލިބެނީ 41 ޕޮއިންޓެވެ.

- ކޮމެންޓް