ސައުދީ ޕްރޯ ލީގުގައި އަލް ފާތެހާ ދެކޮޅަށް ކުޅުނު މެޗުން، އަލް އަހްލީ ސައުދީ މޮޅުވެއްޖެ އެވެ.
ހުކުރު ދުވަހުގެ ރޭ އަލް ފާތެހާ ދެކޮޅަށް ކުޅުނު މެޗު އަލް އަހްލީ އިން ކާމިޔާބު ކުރީ 2-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އަލް އަހްލީ އިން އެއް ލަނޑު ޖެހިއިރު، ދެ ވަނަ ހާފުގައި ވަނީ އަނެއް ލަނޑު ޖަހައިފަ އެވެ.
މެޗު ފަށައިގެން 17 ވަނަ މިނެޓުގައި އަލް އަހްލީ އަށް ލީޑު ނަގައިދިނީ އިވާން ޓޮނޭ އެވެ. އެއީ އަލް ފާތެހްގެ އޭރިޔާ ތެރެއިން އަލް އަހްލީގެ ރިޔާދު މާރޭޒް އަށް، އަލް ފާތެހްގެ ޙުސެއިން ޤާސިމް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. އެ ފައުލާ ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އެހީތެރިކަން ހޯދުމަށްފަހު، ރެފްރީ ވަނީ ޤާސިމް އަށް ސީދާ ރަތް ކާޑު ދައްކައިފަ އެވެ. މެޗުގެ ދެ ވަނަ ހާފުގައި އަލް އަހްލީ އިން އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހީ ވެސް ޕެނަލްޓީ އަކުންނެވެ. އެއީ މެޗުގެ 57 ވަނަ މިނެޓުގައި އަލް އަހްލީގެ އައިޖޮހާނީ އަށް އަލް ފާތެހްގެ ގޯލު ކީޕަރު ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ. އެ ޕެނަލްޓީ ކާމިޔާބުކޮށް އަލް އަހްލީގެ ދެ ވަނަ ލަނޑު ޖެހީ ވެސް ޓޮނޭ އެވެ.
މޮޅާއެކު އަލް އަހްލީ އޮތީ ލީގު ތާވަލްގެ ފަސް ވަނަ މަގާމުގަ އެވެ. އެއީ އެ ޓީމު ކުޅެފައިވާ 19 މެޗުން 38 ޕޮއިންޓާ އެކު އެވެ. އަލް އަހްލީ އަތުން ބަލިވި އަލް ފޭތެހް އޮތީ ރެލިގޭޝަން ޒޯނުގަ އެވެ. މިހާތަނަށް ކުޅެފައިވާ 19 މެޗުން 10 ޕޮއިންޓާ އެކު އެ ޓީމު އޮތީ 18 ވަނައިގަ އެވެ.