ކ. މާލެ
|
8 ފެބްރުއަރީ 2025 | ހޮނިހިރު 00:00
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހުމަދު ނަސީމް
ރާއްޖެއެމްވީ
ޖޭއެސްގެ ބަޔާން
ޖޭއެސްގެ ބަޔާނުން އެނގެނީ ސްކޫލުތަކަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު - އެމްޑީޕީ
މީކާއިލް ވަނީ ޖޭއެސް އިން އެ ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ނުފޫޒުގެ ސަބަބުން ކަަމަށް ބުނެފަ
މީކާއީލްގެ ޕްރޮފައިލް ނެގުމަށް ފަހު ދަންވަރު އެ ސްކޫލުން ނެރެފައިވާ ބަޔާން ކުށްވެރިކުރާ ކަމަށް އެމްޑީޕީން ބުނޭ

ރައްޔިތުންގެ މަޖިލިހުގެ ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއީލު އަހްމަދު ނަސީމަށް ތައުރީފުކޮށް، ސޯޝަލް މީޑިއާގައި ޖަމާލުއްދީން ސްކޫލު (ޖޭއެސް) އާންމުކުރި ޕޯސްޓް ޑިލީޓްކުރުމަށް ފަހު ޖަމާލުއްދީން ސްކޫލުން އަމަލުކުރި ގޮތުން ސްކޫލުތަކުގެ ހިންގުމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފައިވާ މިންވަރު ހާމަވާ ކަމަށް އިދިކޮޅު އެމްޑީޕީން ބުނެފިއެވެ.

ޖޭއެސްއަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅިވައިގެން އެ ސްކޫލުން ތައުލީމު ހާސިލުކޮށް، ރީތި ނަން ހޯދައިދީފައިވާ ފަރާތްތަކުގެ ވަނަވަރުތައް އެ ސްކޫލުން ވަނީ މީސްމީޑިއާގައި ހިއްސާކޮށްފައެވެ. އެގޮތުން ހާމަކުރި ވަނަވަރުތަކުގެ ތެރޭގައި މީކާއިލްގެ ވަނަވަރުވެސް ހިމެނެއެވެ. ނަމަވެސް ސްކޫލުން ފަހުން ވަނީ އެ ޕޯސްޓް މީސްމީޑިއާއިން އުނިކޮށްފައެވެ.

އެކަމާ ގުޅިގެން މީކާއިލް ވަނީ ޖޭއެސް އިން އެ ޕޯސްޓް ޑިލީޓުކުރީ އެޑިއުކޭޝަން މިނިސްޓްރީގެ ނުފޫޒުގެ ސަބަބުން ކަަމަށް ފާހަގަކޮށް އެކަމާއި މެދު ކަންބޮޑުވުން ފާޅުކުރަށްވާފައެވެ. ޖޭއެސްއިން ފަހުން ނެރުނު ބަޔާނެއްގައި ބުނީ މީކާއިލްގެ ވަނަވަރު އުނިކުރީ މީކާއީލުގެ ފަރާތުން ދަރިވަރުންނަށް ނަމޫނާއަކަށް ފެންނަން ނުޖެހޭ ފަދަ އަމަލުތަކެއް ފެނުމުން ކަމަށެވެ.

އެކަމާއި ގުޅިގެން އެމްޑީޕީން ބުރާސްފަތި ދުވަހު ރަސްމީކޮށް އާއްމުކުރި ނޫސް ބަޔާނެއްގައި ބުނެފައި ވަނީ މީކާއީލްގެ ޕްރޮފައިލް ނެގުމަށް ފަހު ދަންވަރު އެ ސްކޫލުން ނެރެފައިވާ ބަޔާން ކުށްވެރިކުރާ ކަމަށެވެ. އަދި މީކާއީލުގެ ޕްރޮފައިލްގެ ސަބަބުން ދަރިވަރުންނަށް ނުބައި އަސަރުކުރާނެ ކަމަށް ބުނެ އެ ޕްރޮފައިލް ނެގުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ޕާޓީން ބުނީ ޑިމޮކްރެޓިކް ވެއްޓެއްގައި އުނގަންނައިދިނުމުގެ މަސައްކަތްކުރާ އިރު މަސައްކަތް ކުރަން ޖެހޭނީ ދަރިވަރުން މުސްތަގުބަލުގައި ކުރިއަށްދާނެ މަގު ދައްކައިދިނުމަށް ކަމަށެވެ. އަދި ހެޔޮލަފާ ޖީލެއް ބިނާކުރުމަށާ ޑިމޮކްރެޓިކް ވެއްޓަށް އަހުލުވެެރި އަދި އިހުތިރާމުކުރާ ބަޔަކަށް ދަރިވަރުން ހެދުމަށް މަސައްކަތް ކުރަން ޖެހޭ ކަަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

އެ ޕާޓީން އިތުރަށް ބުނީ ގާނޫނު އަސާސީގައި މަޖިލިހަކީ ހާއްސަ އިމްތިޔާޒުތަކަކާއި އެކު އެކުލަވާލާފައިވާ އިދާރާއެއް ކަމަށެވެ. އެހެންކަމުން މީކާއިލްގެ އަގުވައްޓާލަން ދައްކާފައިވާ ވާހަކަތަކުގެ މައްސަލައިގެ ތަރުތީބަށް ބެލުމުން ސްކޫލުތަކުގެ ހިންގުމުގެ ނިޒާމަށް ސިޔާސީ ނުފޫޒު ވަދެފައިވާ ނުރައްކާތެެރި މިންވަރު ހާމަވާ ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ގައުމުގެ ވެރިންނާ އަދި އިސް މީހުން ޒިންމާދާރު ކުރުމުގެ މަސައްކަތަކީ މުހިންމު ކަމެއް ކަމުގައި ދަރިވަރުންނަށް ބުނެދިނުމަކީ އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އެހެންކަމުން މިފަދަ އަމަލުތައް ތަކުރާރުނުވާނެ ގޮތަށް އަމަލުތައް ބެހެއްޓުމަށް އެމްޑީޕީން ވަނީ އެޑިއުކޭޝަން މިނިސްޓްރީ އަށް ގޮވާލާފައެވެ.

- ކޮމެންޓް