ހިޔާނާތްތެރިންނަށް ފަހި އަމާނަތްތެރިންނަށް ދަތި ޤައުމަކަށް ރާއްޖެ ވެފައިވާކަމަށާއި އެކަން އެހެންވަމުންދާ ސަބަބާއި މެދު މި އަދު އާއްމުން ސުވާލު އުފައްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.
މިހެން ވިދާޅުވީ ޑިމޮކްރެޓްސް އިން ހުކުރު ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ މިނިވަން ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
އިމްތިޔާޒް ވިދާޅުވީ ކުށް ކުރާ މީހުންނާއި ޤާނޫނު އަރާ ހަމަ ނުކުރަނީ ކީއްވެތޯ އާއި އިންސާފު ނުލިބެނީ ކީއްވެތޯ އާއްމުން މިހާރު ސުވާލުކުރާ ކަމަށެވެ. ރައްޔިތުންގެ އަތާއި އަނގަ އާއި ދިމާ ނުވާ ސަބަބާއި މެދު އާއްމުން މިއަދު ސުވާލު އުފައްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރައްޔިތުންގެ ހަށި ފުރާނައިގެ ރައްކާތެރިކަން ނުލިބޭ ސަބަބާއި އިގްތިސާދީ ހަމަހަކަން ނެތް ސަބަބާއި މެދުވެސް އާއްމުން ސުވާލު އުފައްދާ ކަމަށް އިމްތިޔާޒް ވިދާޅުވިއެވެ. އެ ސުވާލުތައް އާއްމުން ދަނީ ތަކުރާރުކުރަމުން ކަމަށާއި ރައްޔިތުންގެ ކިބައިން ހާސްކަން ފިލައިގެން ނުދާ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
ކޮންމެ ބޮލަކަށް ދަރަނި ބޮޑުވާ ސަބަބާއި މެދު އާއްމުން ސުވާލު ކުރޭ. ދަރަނި ބޮޑުވަމުން ބޮޑުވަމުންދާ ސަބަބާއި މެދު އާއްމުން ސުވާލު އުފައްދާ. ހިޔާނާތްތެރިންނަށް ފަހި އަމާނަތްތެރިންނަށް ދަތި ޤައުމަކަށް ރާއްޖެ ވާ ސަބަބާއި މެދު ސުވާލު އުފައްދާ. ޑިމޮކްރަސީގެ މިނިޒާމުން ދިން އުންމީދު ހާސިލްވޭތޯ އެބަ ސުވާލު އުފައްދާ. މި ސުވާލު ރައްޔިތުން އެބަ ކުރަމުންދޭ.ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަދި ޤާނޫނީ ވަކީލް އިމްތިޔާޒް ފަހުމީ
މީގެ އިތުރުން ވެރިކަންތައް ބަދަލުވަމުންދާ އިރު ލިޔެވިފައިވާ ޤާނޫނުއަސާސީއަކާއި ޤާނޫނުތަކެއް ހުރި ނަމަވެސް އޭގައިވާ ކަންކަން އެންމެ ރަނގަޅަށް ތަންފީޒު ނުކުރެވޭ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ ވާހަކަދައްކަވާފައެެވެ. އަދި ފެނިގެންދަނީ އަބަދުވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ނަގާލަން މަސައްކަތްކުރާ މަންޒަރު ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އެކަން ނުކުރެވެނީ ރައްޔިތުން ކުރާ ހިތްވަރުގެ ސަބަބުން ކަމަށް އޭނާ ވިދާޅުވިއެވެ.
ޑިމޮކްރެޓްސް އިން ފެށި މިނިވަން ބަހުސް އަކީ އެފަދަ ވާހަކަތަކަށް ފުރުސަތު ލިބޭނެ ބަހުސަކަށް ވާނެ ކަމަށް އިމްތިޔާޒް ވަނީ ވިދާޅުވެފައެވެ. އިމްތިޔާޒް އިތުރަށް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ނިމިގެން އައި ގޮތުން ވަރަށް ގިނަ ގޯސްތައް ފެށިގެން އައި ކަމަށެވެ. ޤާނޫނުއަސާސީގެ ބާރުތައް ނަގާލުމުގެ ފެށުމަކީ އެއީ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.