ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރު ފެށުމަށް ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާގެ ތެރެއިން އިދިކޮޅު މަޖިލިސް މެމްބަރުން، ރައީސް ޑރ. މުޙައްމަދު މުއިއްޒުގެ މި ސަރުކާރާއި މެދު އޮތް ކަންބޮޑުވުންތަކާއިއެކު ތަފާތު ޝުޢޫރުތައް މަޖިލިސް ތަޅުމަށް ބަންޑުންކޮށްލައިފިއެވެ.
މުޅި މަޖިލިސް ސަރަހައްދުތައް ބެރިކޭޑު ޖަހައި ބަންދުކޮށް، ފުލުހުންގެ ފުލް ސެކިއުރިޓީއާއި އެކު ބުރާސްފަތި ދުވަހު އޮތް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދިޔައިރު، މަޖިލީހުގެ ބޭރުގައި ވެސް އިދިކޮޅު އެމްޑީޕީގެ ސަޕޯޓަރުން އެއްވެ ތިބެ ދިޔައީ މި ސަރުކާރާއި ދެކޮޅު ޝުޢޫރުތައް ފާޅުކޮށް އަޑުއުފުލަމުންނެވެ.
މަޖިލިސް ބޭރުގައި ގިނަ އަދަދެއްގެ މީހުން މި ސަރުކާރާއި ދެކޮޅަށް އަޑުއުފުލަމުން ގެންދިޔައިރު، މަޖިލިސް ތަޅުމުގައި ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުކިޔާ، ރައީސް މުއިއްޒުގެ އިސްތިއުފާއަށް ގޮވާލައި އިދިކޮޅު މެމްބަރުން ވެެސް ދިޔައީ މަޖިލިސްތަޅުމުގައި އެ މީހުންގެ ކަންބޮޑުވުންތަކާއި ޝުޢޫރުތައް ލިޔެފައިވާ ބޮޑުތަކާއި އެކު އަޑުއުފުލަމުންނެވެ.
އެގޮތުން މަޖިލީހުގައި ތިއްބެވި އެމްޑީޕީގެ 12 މެންބަރުން ވެސް ގެންދެވީ މަޖިލީހުގެ ތަޅުމުގައި މި ސަރުކާރުގެ ނޭންގާނީ ކަންކަމުގެ ޝުއޫރުތަކުގެ އަޑު ރައީސް މުއިއްޒަށް އިއްވަވަމުންނެވެ. އެގޮތުން، މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވި ގިނަ ކަންކަން ނުވާކަން ފާހަގަކޮށް، ރައްޔިތުންނަށް ދޮގު ނުހެއްދެވުމަށާއި މާތް ﷲއަށް ބިރުވެތިވުމަށް އިދިކޮޅު މެންބަރުން ދިޔައީ ރައީސް އަށް ހަނދުމަކޮށްދެއްވަމުންނެވެ.
އިދިކޮޅު މަޖިލިސް މެންބަރުންގެ އިތުރުން އެމްޑީޕީގެ ލީޑަޝިޕާއި އެ ޕާޓީއަށް ނިސްބަތްވާ ގިނަ އަދަދެއްގެ އާންމު މެންބަރުން ސޯސަން މަގު، މަޖީދިއްޔާ ސްކޫލު ކައިރި ކަންމަތީގައި އިހުތިޖާޖުކުރަމުންގެންދިޔައިރު، މި މުޒާހަރާއާއި އަދި ރިޔާސީ ބަޔާނާ ގުޅިގެން ސިފައިންނާއި ފުލުހުން ދިޔައީ މަޖިލިސް ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް ހަތިޔާރާއެކު ހަރަކާތްތެރިވަމުންނެވެ.
ރައްޔިތުންގެ މަޖިލިސް މިއަހަރަށް ފެށުމަށް ބުރާސްފަތި ދުވަހު ކުރިއަށްގެންދިއަ ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރާތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ރިޔާސީ ބަޔާން ނުއިއްވިގެން ޖަލްސާ މެދުކަނޑާލަން ވެސް ވަނީ ޖެހިފައެވެ.
ޖަލްސާ ފަށައި ރައީސް މުއިއްޒުގެ ވާހަކަ ފެށުމާއެކު އެމްޑީޕީގެ މެންބަރުން ވަނީ އެކި ޝުއޫރުތައް ލިޔެފައި ހުރި ބޯޑުތަކާއެކު ތަޅުމުގައި އިހުތިޖާޖު ކުރަން ފަށައިފަ އެވެ. އަދި މެންބަރުން ދިޔައީ މާލަމުގައި ވާހަކަ ދައްކައި، އަނގަބަހުން ޝުއޫރުތައް ފާޅުކޮށް އަޑުއުފުލަމުންނެވެ.
އެމްޑީޕީ މެމްބަރުން މަޖިލީހުގެ ތަޅުމުގައި ރައީސް މުއިއްޒަށް ނިސްބަތްކުރައްވާ ފާޅުކުރައްވަމުން ގެންދެވިޝުއޫޜުތަކުގެ ތެރޭގައި އެހާވަރަށް ދޮގުނުހައްދަވާ، ﷲ އަށް ބިރުވެތި ވުމަށާއި، ޑީއެންއާރު ލޫޓުވާލި ވަޒީރު އަލީ އިހުސާން މަޤާމުން ދުރުކުރުމަށާއި، ގެއްލިފައިވާ ރައްޔިތުންގެ ހައްޤު އަލުން އަނބުރާ ހޯދައިދިނުމަށް ގޮވާލުން ހިމެނެއެވެ. އަދި މީގެ އިތުރުން ތަކެތީގެ އަގުބޮޑުވެ، ރައްޔިތުންގެ އަތްމަތި ހުސްވެއްޖެ، ދަނޑުވެރިކަން އުވި ހިގައްޖެ، އަދި ރައްޔިތުންގެ މަޖިލިސް މިނިވަންކުރުމަށް ގޮވާލުންފަދަ ޝިޢާރުތައް އިދިކޮޅު ފަރާތަކުން ތަޅުމުގައި ފާޅުކުރެއްވިއެވެ.
ތިވަރަށް ދޮގުހަދަން ހެޔޮނުވާނެ، ﷲ އަށް ބިރުވެތިވޭ. ތަކެތިގެ އަގު ބޮޑުވެއްޖެ، އަތްމަތި ހުސްވެއްޖެ. ދަނޑުވެރިކަން އުވިއްޖެ. ޑީއެންއާރު ލޫޓުވާލި ވަޒީރު މަޤާމުން ދުރުކުރޭ. ފެލާ ހުސްކޮށްފި. ބޯހިޔާވަކިކަމުގެ އުންމީދުތައް ފުނޑުފުނޑޫކޮށްފި. ޓެކްސީ ޑްރައިވަރުންނަށް ކުރާ އަނިޔާ ހުއްޓާލާ. ނާޤާބިލް ސަރުކާރު އިސްތިއުފާ.އިދިކޮޅު މެމްބަރުން މަޖިލިސް ތަޅުމުގައި ފާޅުކުރެއްވި ޝުޢޫރުތައް![]()
މަޖިލިސް ތަޅުމުގައި އިދިކޮޅު މެމްބަރުންގެ ޝުޢޫރުތައް ފާޅުކުރައްވަމުން ގެންދަވަނިކޮށް ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވަނީ މަޖިލީހުގެ ޤަވައިދަށް ހުރުމަތްތެރިކޮށް ހިއްތެވުމަށް ކަމަށް ވިދާޅުވެ، ނަސޭހަތްތެރިވެފައެވެ. އަދި އެއަށް ފަހު ވެސް އެ މެމްބަރުންގެ ޝުއޫރުފާޅުކުރުން ހުއްޓަވާނުލެއްވުމުން އަބްދުއްރަހީމް ވަނީ މެންބަރުންގެ ނަންތައް ވަކިވަކިން އިއްވައި މަޖިލިސް ތަޅުން ދޫކުރައްވައި ވަޑައިގަތުމަށް އަމުރު ކުރައްވައިފަ އެވެ.
ރައީސްގެ ރިޔާސީ ބަޔާން ކުރިއަށް ގެންދިއުމަށް ހުރަސް އެޅޭކަމަށް ވިދާޅުވެ، އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވިއެވެ. އެހެން ނަމަވެސް އެ މެންބަރުން ގެންދިޔައީ ހުއްޓުމެއް ނެތި ތަޅުމުގައި އަޑުއުފުލާ އިހުތިޖާޖު ކުރަމުންނެވެ.
އިދިކޮޅު މެމްބަރުންގެ އިހުތިޖާޖާއި އެކު، ވާހަކަފުޅު މެދުކަނޑާލަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް، ރައީސް މުއިއްޒަށް އިޝާރާތް ކުރެއްވިއެވެ. އަދި އޭގެ ފަހުން މަޖިލީހުގެ ޖަލްސާ މެދުކަނޑާލިކަން އިއުލާނު ކުރައްވައި ވިދާޅުވީ އަލުން ފަށާނީ ނަން އިއްވި މެންބަރުން މާލަމް ދޫކުރައްވައި ވަޑައިގަތުމުން ކަމަށެވެ.
ޖަލްސާ މެދުކަނޑާލި ފަހުން މަޖިލީހުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުން ވަނީ ބައެއް މެންބަރުން ގަދަކަމުން އުފުއްލައިގެން ތަޅުމުން ބޭރަށް ނެރެފަ އެވެ. ގަދަކަމުން ނެރުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިލް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.
ޖަލްސާގައި، އިދިކޮޅު އެމްޑީޕީގެ މެންބަރުން އިހުތިޖާޖު ކުރާތީ އެ މެންބަރުންގެ ނަން އިއްވައި، މަޖިލީހުގެ ސެކިއުރިޓީ ލައްވާ މެންބަރުން ތަޅުމުން ބޭރުކުރި އިރު، އެ މަންޒަރު މަޖިލީހުން ނުދައްކާ ލައިވް ފީޑު ވެސް ވަނީ ކަނޑާލައިފައެވެ. ރައީސް މުއިއްޒުގެ ރިޔާސީ ބަޔާން އަލުން ކުރިއަށް ގެންދިވީ މެންބަރުން ތަޅުމުން ބޭރުކުރުމަށް ފަހުގައެވެ.
އެމްޑީޕީގެ މެންބަރުން ތަޅުމުން ނެރުނު މަންޒަރު ނުފެންނަ ގޮތަށް ލައިވް ސްޓްރީމް މެދުކަނޑާލުމުގެ އިތުރުން އެ މަންޒަރު ފެންނަ އެއްވެސް ފޮޓޯއެއްވެސް މަޖިލީހުން އާންމެއް ނުކުރެ އެވެ. މަޖިލީހުގެ ތަޅުމަށް އެ އިދާރާ ފިޔަވައި އެހެން ބަޔަކަށް، ވީޑިއޯ ކުރުމުގެ ހުއްދައެއް ވެސް ދީފައެއް ނުވެއެވެ.
ނަމަވެސް ބައެއް މަޖިލިސް މެންބަރުން ދިޔައީ އިދިކޮޅު މެންބަރުން ތަޅުމުން ނެރޭ މަންޒަރު ފެންނަ ގޮތަށް ފޭސްބުކް ގައި ލައިވް ސްޓްރީމް ކޮށްފައި އެވެ. އެ ވީޑިއޯއިން ފެންނަނީ ސެކިއުރިޓީ ގާޑުން މެންބަރުން އަތުލަފިކޮށްގެން ތަޅުމުން ނެރޭ މަންޒަރެވެ.
އެމްޑީޕީ ތަމުސީލު ކުރާ 12 މެންބަރުންގެ ތެރެއިން ގިނަ މެންބަރުންގެ ނަން އިއްވާ މަޖިލީހުން ބޭރުކޮށްފަައިވާއިރު، ތަޅުމުން ބޭރުކުރެވުނު މެންބަރުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް ނާޒިމް އާއި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސެއިން ޒިޔާދު ހިމެނެ އެވެ.