ކ. މާލެ
|
6 ފެބްރުއަރީ 2025 | ބުރާސްފަތި 10:53
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް
ރޮއިޓާސް
ބާސެލޯނާ
ފްލިކް ބުނީ ބާސެލޯނާގައި ކުރާ ކަހަލަ ތަޖުރިބާއެއް މީގެ ކުރިން ކޮށްފައި ނެތް ކަމަށް
އޭނާ ބުނީ އެ ޓީމާ އެކު ކުރިއަށް ދިޔުމުގައި އެތައް ގޮތަކުން ފަސޭހަވާ ކަމަށާއި، ކުޅުންތެރިންނަކީ ޓީމަށްޓަކައި މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ކަމަށެވެ. ބާސެލޯނާގައި އޮންނަަ ރޫހާއި، ކުޅުންތެރިންގެ ވިސްނުމަށް ބަލާއިރު، އޭނާގެ ކެރިއަރުގައި މިހަލަ ތަޖުރިބާއެއް މީގެ ކުރިން ކޮށްފައި ނެތް ކަމަށް ވެސް ފްލިކް ބުންޏެވެ.

ސްޕެއިންގެ ބާސެލޯނާގައި ކުރަމުން އަންނަ ކަހަލަ ތަޖުރިބާތަކެއް، އޭނާގެ ކެރިއަރުގައި މީގެ ކުރިން ކޮށްފައި ނެތް ކަމަށް، ބާސެލޯނާ އަށް އިރުޝާދު ދެމުން އަންނަ ޖަރުމަނުގެ ހަންސީ ފްލިކް ބުނެފި އެވެ.

ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ މިހާރު ކުރިއަށްދާ ސީޒަނާ ދިމާކޮށެވެ. އެއީ އޭނާގެ ކުރިން އެ މަގާމުގައި ހުރި ބާސެލޯނާގެ ލެޖެންޑު ޒަވީ ހެނާންޑޭޒް، ވަކި ކުރުމަށްފަހު އެވެ. ބާސެލޯނާގެ ކޯޗުކަމާ ފްލިކް ހަވާލުވީ ފަހުން އެ ޓީމުން އަންނަނީ ރަނގަޅު ނަތީޖާތަކެއް ނެރެމުންނެވެ. ސީޒަންގެ ފުރަތަމަ ކޮޅު ސްޕެނިޝް ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެ، އެއް ވަނައިގައި އޮތް ނަަމަވެސް، މުހިންމު މެޗުތަކަކުން މޮޅު ނުވެވި މިހާރު އެ ޓީމު އޮތީ ތިން ވަނައިގަ އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ އެއް ވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަ ކޮށްފަ އެވެ.

ފްލިކްގެ އިރުޝާދުގެ ދަށުން މި ސީޒަންގެ ޗެމްޕިއަންސް ލީގުގައި ވެސް ބާސެލޯނާ އިން ވަނީ ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ. އެ ޓީމު ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނަ ބުރުން ޖާގަ ހޯދައިފަ އެވެ. އަދި ދާދި ފަހުން ވަނީ ވާދަވެރި ރެއާލް ބަލިކޮށް، ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ.

ބާސެލޯނާގައި ކުރަމުން އަންނަ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ފްލިކް ބުނީ، ބާސެލޯނާ ދެކެ އޭނާ ލޯބިވާ ކަމަށެވެ. ޚާއްސަކޮށް ބާސެލޯނާގައި ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަނީ އެންމެ ހިތްހަަމަ ޖެހިގެން ކަމަށާއި، އެ ޓީމުގެ ޓެކްނިކަލް މުވައްޒަފުން އަދި ކޯޗިން އޮފިޝަލުންނާ އެކު ކުރެވެނީ ރަނގަޅު މަސައްކަތެއް ކަމަށް ވެސް ފްލިކް ވަނީ ބުނެފަ އެވެ.

މީގެ އިތުރުން އޭނާ ބުނީ ބާސެލޯނާގައި މިހާރު އޮތް ސްކޮޑަކީ މޮޅެތި އަދި ހުނަރުވެރި ކުޅުންތެރިންގެ މައްޗަށް އެކުލެވިގެންވާ ވަރުގަދަ ސްކޮޑެއް ކަމަށެވެ. އޭނާ ބުނީ އެ ޓީމާ އެކު ކުރިއަށް ދިޔުމުގައި އެތައް ގޮތަކުން ފަސޭހަވާ ކަމަށާއި، ކުޅުންތެރިންނަކީ ޓީމަށްޓަކައި މަސައްކަތް ކުރާ ކުޅުންތެރިންތަކެއް ކަމަށެވެ. ބާސެލޯނާގައި އޮންނަަ ރޫހާއި، ކުޅުންތެރިންގެ ވިސްނުމަށް ބަލާއިރު، އޭނާގެ ކެރިއަރުގައި މިހަލަ ތަޖުރިބާއެއް މީގެ ކުރިން ކޮށްފައި ނެތް ކަމަށް ވެސް ފްލިކް ބުންޏެވެ.

އިތުރަށް ފްލިކް ބުނީ އޭނާ ބޭނުން ވަނީ ބާސެލޯނާ އާއެކު ކާމިޔާބީތައް ހޯދައ، ކުލަބުން ބޭނުންވާ އަމާޒަށް ވާސިލްވެ، އަނެއްކާ ވެސް ބާސެލޯނާ ކުރިއަށް ގެންދިޔުމަށް ކަމަށެވެ. އަދި މިހާރު ކުރަމުން އަންނަ މަސައްކަތަށް ބަލާއިރު، އެކަން ޙާސިލު ކުރެވޭނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވެސް ފްލިކް ބުންޏެވެ.

- ކޮމެންޓް