ޖަރުމަނު ކަޕްގެ ކުއާޓާ ފައިނަލްގައި އެފްސީ ކޮލޯންއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ބަޔާ ލެވަކޫސަން އިން މުބާރާތުގެ ސެމީ ފައިނަލްގެ ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ކޮލޯންއާ ދެކޮޅަށް ކުޅުނު ކުއާޓާ ފައިނަލްގެ މެޗު ލެވަކޫސަން އިން ކާމިޔާބު ކުރީ 2-3 އިންނެވެ. އެއީ މެޗުގައި ކޮލޯން އިން ދެ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ތިން ލަނޑު ޖަހައިގެންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވީއިރު ދެ ޓީމު އެއްވަރުވެފައޮ އޮތުމުން، ދެން ވަނީ ފަނަރަ މިނެޓުގެ ދެ ހާފު ކުޅެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކޮލޯން އަށް ލީޑު ނަގައިދިނީ ޑޭމިއޮން ޑޯންސް އެވެ. އޭގެ ފަހަން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ނުވަ ވަނަ މިނެޓުގައި ކޮލޯން އިން ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ލިންޓޮން މައިނާ އެވެ. އޭނާ އެ ލަނޑު ޖެހީ ޑޯންސް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ.
އޭގެ ހަތް މިނެޓު ފަހުން މެޗުގައި ލެވަކޫސަންގެ ފުރަތަމަ ލަނޑު ޖެހީ ޕެޓްރިކް ޝިކް އެވެ. އެއީ ފްލޯރިއަން ވާާޓްޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ޝިކް ވަނީ ދެ ވަނަ ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ލެވަކޫސަނަށް ހަމަހަމަ ކޮށްދީފަ އެވެ. އެ ލަނޑު ޖަހަން އޭނާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޖެރެމީ ފްރިމްޕޮން އެވެ.
ދެ ޓީމު އެއްވަރުވެފައި އޮތުމުން ކުޅުނު އިތުރު ހާފުގައި ލެވަކޫސަން އިން ވަނީ ތިން ވަނަ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގައިފަ އެވެ. އެ ލަނޑު އެ ޓީމަށް ޖަހައިދިނީ ވިކްޓޯ ބޮނިފޭސް އެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ. އިތުރު ވަގުތުގެ މި ހާފުގައި ކޮލޯން އިން ނަތީޖާ ހަމަހަމަ ކުރުމަށް އެ ޓީމުގެ އިމާޑް ރޮންޑިކް ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.
އެންމެ ފަހުން ޖަރުމަނު ކަޕް ކާމިޔާބު ކޮށްފައިވާ ލެވަކޫސަން އިން ވަނީ މިހާތަނަށް ދެ ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.