ސްޕެނިޝް ކޮޕަ ޑެލް ރޭ ފުޓުބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލްގައި ލެގާނެސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، ރެއާލް މެޑްރިޑުން މުބާރާތުގެ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.
ބުދަ ދުވަހުގެ ރޭ ލެގާނެސްއާ ދެކޮޅަށް ކުޅުނު މެޗު ރެއާލް އިން ކާމިޔާބު ކުރީ 3-2 އިންނެވެ. މެޗުގައި ރެއާލުން ދެ ލަނޑު ޖަހައިގެން ކުރި ހޯދާފައި ވަނިކޮށް، ލެގާނެސް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން ނަތީޖާ އެއްވަރު ވެސް ކޮށްފަ އެވެ. ނަމަވެސް މެޗުގެ އެންމެ ފަހު ވަގުތުގައި ލަނޑު ޖަހައިގެން ރެއާލް ވަނީ މެޗުން މޮޅުވެފަ އެވެ.
އެ މެޗާ ކުރިމަތިލީއިރު ވެސް ރެއާލަށް އޮތީ އަނިޔާގެ މައްސަލަ ބޮޑުވެފަ އެވެ. އަނިޔާގެ ސަބަބުން ރެއާލްގެ އެންޓީނިއޯ ރޫޑިގާ އަދި ޑޭވިޑް އަލަބާ އަށް އެ މެޗުގައި ނުކުޅެވެ އެވެ. އޭގެ އިތުރުން ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ، ބެލިންހަމް، އެޑާ މިލިޓާއޯ، ޑެނީ ކާވަހާލް، އަދި އެޑުއާޑޯ ކަމަވިންގާ ވެސް ހުރީ އަނިޔައިގަ އެވެ.
މެޗު ފަށައިގެން 18 ވަނަ މިނެޓުގައި ރެއާލުން ވަނީ ލެގާނެސް ކޮޅަށް ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ރޮޑްރީގޯ ތަނަވަސްކޮށްދިން ފުރުސަތެއްގައި ރެއާލަށް އެ ލަނޑު ޖަހައިދިނީ ކްރޮއޭޝިއާގެ ލޫކާ މޮޑްރިޗް އެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި އެންޑްރިކް ވަނީ ރެއާލްގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައި ލެގާނެސް އަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމުގެ ފުރަތަމަ ލަނޑު ޖެހީ ހުއާން ކްރޫޒް އެވެ. އޭގެ ފަހުން މެޗުގެ ދެ ވަނަ ހާފު ފަށައިގެން ސާދަ ވަނަ މިނެޓުގައި ކްރޫޒް ވަނީ ދެ ވަނަ ލަނޑެއް ޖަހައި ލެގާނެސް އަށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލް މޮޅުވީ ފްރާން ގާސިއާ ޖެހި ލަނޑުންނެވެ. މެޗުގައި އޭނާ ކުޅެން ނިކުތީ ވެސް ބަދަލު ކުޅުންތެރިޔެއްގެ ގޮތުގަ އެވެ.
މުބާރާތުގެ ސެމީ ފައިނަލް އިން ރެއާލް ފުރުސަތުު ހޯދާފައިވާއިރު، އެ ޓީމުން ވަނީ މިހާތަނަށް 20 ފަހަރެއްގެ މަތިން އެ މުބާރާތް ކާމިޔާބު ކޮށްފަ އެވެ.