ބިދޭސީ މީހާ މަރުވި އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނެއްގެ ލައިސަންސް ހިފަހައްޓާ ސައިކަލް ޓޯކޮށްފިއެވެ.
ހޮނިހިރު ދުވަހު ފުލުހުން ބުނީ 1 ފެބްރުއަރީ 2025 ވަނަ ދުވަހުގެ ހެނދުނު 8:19 ގައި ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގެ ސޯލަރ ޕެނަލްތައް ކައިރީގައި މަސައްކަތް ކުރާކަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ދުވާފައި ދިޔަ ސައިކަލެއް ޖެހި އެކްސިޑެންޓްވި މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި އެކްސިޑެންޓް ވި މީހާ ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންގޮސްފައިވާ ކަމަށާއި، އެމީހާއަށް ފަރުވާ ދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ހެނދުނު 9:05 ހާއިރު އެމީހާ މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން ބުނީ ނިޔާވެފައިވަނީ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ.
ނަމަވެސް ފުލުހުން އިތުރު މައުލޫމާތެއް ހާމައެއް ނުކުރެއެވެ. ފަހުން ސޯޝަލް މީޑިއާގައި ވަނީ އެކްސިޑެންޓްވި މީހާ ވެއްޓިފައި އޮއްވާ އޭނާގެ ބޯމަތިން ސައިކަލެއްދާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖެއް ދޫކޮށްލާފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި މީހާ ވެއްޓިފައި އޮއްވާ ފަަހަތުން ވަރަށް ބާރަށް އައި ސަކަލެއް އެމީހާގެ ބޯމަތިންދެއެވެ.
އެ ސައިކަލް ދުއްވަން އިނީ 60 އަހަރުގެ ދިވެހި އަންހެނެއްކަމަށް ފުލުހުން ހާމަކޮށްފައިވަނީ، ސޯޝަލް މީޑިއާގައި ދޫކޮށްލާފައިވާ ސީސީޓީވީ ފުޓޭޖާއެކު ނޫސްވެރިންގެ ޕްރެޝަރުބޮޑުވެގެންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދުވަހުގެ އެކްސިޑެންޓް ސީންގައި އެ އަންހެން މީހާ މަޑުކުރިއެވެ. އަދި ފަހުން ފުލުހުން ވަނީ އޭނާ އެތަނުން ފޮނުވާލާފައެވެ. އަދި އެއްވެސް ފިޔަވަޅެއް އެއިރު ނާޅައެވެ.
ފުލުހުން އަންގާރަ ދުވަހު ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ ބިދޭސީ މީހާ މަރުވި އެކްސިޑެންޓާއި ގުޅިގެން 60 އަހަރުގެ ދިވެހި އަންހެނަކާއި ސުވާލުކޮށްފައިވާ ކަމަށެވެ. އަދި އޭނާގެ ލައިސަންސް ހިފަހައްޓާ އޭނާ ދުއްވި ސައިކަލް ޓޯވ ކޮށްފައިވާ ކަަމަށެވެ. އަދި މި މައްސަލަ އިތުރަށް ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
ފުލުހުންގެ މި މެސެޖާއި ގުޅިގެން ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން މި މައްސަލައިގެ އިތުރުއެއްވެސް ސުވާލަކަށް ޖަވާބެއް ނުދިނެވެ.