2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު އިހަވަންދިއްޕޮޅުގައި ފެށި ބަންކަރިންގެ ޚިދުމަތަށް ބޭނުން ކުރުމަށް ތައްޔާރު ކުރި ވޯޓަރ ބަންކަރިން އުޅަނދު ތިލަފުށީ ބަނދަރުގައި އޮވެ ހަލާކުވާން ފަށައިފިއެވެ.
ރާއްޖެ ޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މައުލޫމާތު ދިން މީހަކު ކިޔައިދިން ގޮތުގައި ވޯޓަރ ބަންކަރިންގ އަށް ތައްޔާރުކުރި އުޅަނދު ތިލަފުށީ ފަޅުތެރޭގައި އޮންނަތާ މިހާރު ވަނީ ތިންމަސްވެފައެވެ. އަދި އެތަނުގައި އެ އުޅަނދު އޮވެ، ހަލާކުވުމާއި ގާތަށް ގޮސްފައިވާ ކަމަށް ވެސް މައުލޫމާތު ދިން ފަރާތުން ވަނީ ބުނެފައެވެ.
ފަށާއިރު، ޕްރޮގްރާމުގައި ވޯޓަރ ބަންކަރިންގ ގެ ވާހަކަ ދެއްކުމުން މިހާރު އެ އުޅަނދު ވަނީ ސެކިއުއަރ ބޭގް ނައްތާލަން ގެންގޮސްފައި އޮތް ބާޖަކާއި، ކޯސްޓްލައިންގެ ބާޖަކާއި، ދެމެދަށް ގެންގޮސް ފޮރުވާފައެވެ. އެހެންނަމަވެސް، މި އުޅަނދު އެ ދެ ބާޖުގެ ދެމެދަށް ލާފައި އޮތްނަމަވެސް، އޭގެ ފަހަތުކޮޅު ސާފުކޮށް ފެންނަން ހުރިކަން ފާހަގަކުރެވެއެވެ.
އެމްޕީއެލްގެ ބައެއް މުވައްޒަފުން ބުނާގޮތުގައި މި އުޅަނދު ތައްޔާރުކޮށް ވޯޓަރ ބަންކަރިންގ ޖެހުމަށް ފަހު، ނެރުނީ ރައްޔިތުންގެ ލޯކުރިމައްޗަށް އޮލުވާލުމަށް ހަމަ އެކަނި ފޮޓޯއެއް ނެގުމަށެވެ. މީގެ އިތުރުން، އުޅަނދު ކަނޑުމައްޗަށް ނެރުމަށްފަހު، ޑްރޯނަކުން ފޮޓޯތަކެއް ނަގައި، އޭގެ ފަހުން އަނބުރާ ތިލަފުށީ ފަޅުތެރެއަށް ގެންގޮސް އަޅާފައިވާ ކަމަށްވެސް އެ ފަރާތްތަކުން މަޢުލޫމާތު ދީފައިވެއެވެ.
އެ އުޅަނދުގެ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް ރާއްޖެއެމްވީއާ ހިއްސާކުރަމުން، އެމްޕީއެލްގެ މުވައްޒަފަކު މަޢުލޫމާތު ދިން ގޮތުގައި، އެ ވީޑިއޯގައި ފެންނަނީ ތިލަފުށީ ފަޅުތެރޭގައި އޮތް ފިނިފެންމާ ސަޢީދުގެ ބަންކަރިންގ ޚިދުމަތްދޭ އުޅަނދެވެ. އަދި އެ އުޅަނދުގެ ފޮޓޯ ނެގުމަށްފަހު، އުޅަނދު ތިލަފުށީ ފަޅުތެރެއަށް ގެނެސް ވައްދާފައިވާ ގޮތަށް، އެތަނުގައި ފެހިބޯވެ، މިއަދާ ހަމައަށްވެސް އޮތީ އެ ޙާލަތުގައި ކަމަށެވެ.
ފިނިފެންމާ ސައީދުގެ ބަންކަރިންގެ ޚިދުމަތް މިހާރު މިއޮއް ފެންނަނީ މިތާ ތިލަފުށީގަ. މީތި ހަމަ ހަަދާފަ ނިންމާފަ މޫދަށް ބާލާފަ، ޑްރޯން އަރުވާފަ، ފޮޓީ ނަގާފަ ގެނެސް ވެއްދިގޮތަށް އަދިއަދަށް ވެސް މިއޮތީ ފެހި ބޯވެފަ. އެއްކޮޅު އަޑީގަ މިހާރު މިއޮތީ. ރައްޔިތުން ގުނބޯހެއްދިޔަސް ތަންކޮޅެއް ބޮޑުވަރު މީ.އެމްޕީއެލް މުވައްޒަފެއް
މިކަމާއި ގުޅޭގޮތުން އެމްޕީއެލަށް ގުޅުމުން އެތަނުގެ އޮފިޝަލަކު ބުނެފައި ވަނީ ވޯޓާ ބަންކަރިންގ އުޅަނދު ތިލަފުށީ ފަޅުގައި ބާއްވާފައި އޮތީ ޓަގު ޖަހައިގެން ނުދުއްވޭތީ އިންޖީނުއަޅަން ކަމަށާއި ނަމަވެސް ކަމާއިގުޅޭ ތަޖުރިބާކާރުން ބުނާގޮތުން މި ބާޖަކީ އިންޖީނު އަޅާގޮތަށް ހާދައިފައި އޮތް ބާޖެއް ނޫންކަމަށެވެ. މި ބާޖުގައި އިންޖީނު އެޅުމަށް ނިންމައިފިނަމަ، އުޅަނދުގެ ފަހަތު ބަޔަށް ބޮޑު ބަދަލެއް ގެންނަން ޖެހޭނެ ކަމަށާއި، އަދި މިކަމަށް ގިނަ ޢަދަދެއްގެ ފައިސާ ޚަރަދުކުރަން ޖެހިދާނެ ކަމަށް އޭނާ މަޢުލޫމާތު ދެއްވިއެވެ.
ދިވެހިރާއްޖޭގައި ބައިނަލްއަޤްވާމީ ބަންކަރިންގ ޚިދުމަތް ރަސްމީކޮށް ފަށައިފާވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ހޯރަފުށީގައި ބޭއްވި ބޮޑު ރަސްމިއްޔާތެއްގައެވެ.
ބައިނަލްއަގްވާމީ ބަންކަރިންގެ ޚިދުމަތް ރާއްޖޭގައި ފެށިކަމަށް ސަރުކާރުން ބުނާއިރު، އަދި މިހާތަނަށް ބޭރުގެ އެއްވެސް ބޯޓަކަށް ތެޔޮ އަޅާފައި ނުވާކަން މި ކަމުގެ މައުލޫމާތު އެނގޭ ފަރާތަކުން އޭނާގެ ނަން ހާމަނުކުރުމަށް ޝަރުތުކޮށް މި ނޫހަށް ވަނީ މައުލޫމާތު ދީފައިވެއެވެ.
ބައިނަލްއަގްވާމީ ބަންކަރިން ފެށި ދުވަހުވެސް ރަސްމިއްޔާތުގައި މަންޒަރު ދައްކާލުމަށް ތެޔޮ އަޅާފައިވަނީ އެމްއެސްއެސް އިން ކޮޅުނބާ މާލެއާ ދެމެދު މުދާ އުފުލަން ބޭނުންކުރާ ބޯޓް ވައިސީ ބެރިއަރ އަށެވެ. މި ހިދުމަތް ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ހިދުމަތް ދިން މި ބޯޓުތަކަށް ވަނީ ވޯޓަރ ސެލިއުޓް ދީފައެވެ.
ސަރުކާރުން އޭރު ބުނެފައިވަނީ ބަންކަރިންގެ ޚިދުމަތް ފޯރުކޮށްދެނީ ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ބައިނަލްއަޤްވާމީ ހަކަތައިގެ ވިޔަފާރި ކުންފުނި ވިޓޯލް ގުޅިގެންނެވެ.