ރާއްޖޭގެ ކަޅު ބާޒާރުގައި އެންމެ ދަށްކޮށް ވެސް ޑޮލަރު ގަންނަން ލިބެނީ 19 ރުފިޔާ އަށްކަން ހާމަވެއްޖެއެވެ.
ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ދަށަށްދާން ފަށާފައިވާ ކަަމަށް ބުނެ ސަރުކާރުން ދަނީ އެކަމުގެ ކްރެޑިޓް ވަރަށް ބޮޑަށް ނަގަމުންނެވެ. އަދި އެކަމުގެ ސަބަބުން އާއްމުންނާއި ވިޔަފާރިވެރިން ވަރަށް ބޮޑަށް ހިތްހަމަޖެހިގެން ތިބި ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. ސަރުކާރުން ދަނީ މިއީ ސަރުކާރުން ބޭރު ފައިސާގެ ނިޒާމަށް ގެންނަން ފެށި ބަދަލުގެ ނަތީޖާ ކަމަށް ދެއްކުމަށް މަސައްކަތްކުރަމުންނެވެ.
އެގޮތުން ދާދިފަހުން އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް އެކްސްގައި ކުރެއްވި ޕޯސްޓަކާއި ހަވާލާދީ ސަރުކާރުގެ ޑޮލަރުގެ ސިޔާސަތުތަކާއި މެދު ވިޔަފާރިވެރިން ރުހިގެން ތިބި ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ. އެ ޕޯސްޓު ދައުރު ކުރުމަށް ފަހު ސަރުކާރު ހިންގާ ޕީއެންސީގެ ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ވަނީ ރައީސް މުއިއްޒު އާއި ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފު ކޮށްފައެވެ.
އެ ޕޯސްޓުގައި ފިރާޤް ވިދާޅުވީ، ކަޅު ބާޒާރުގައި ޑޮލަރުގެ އެކްސްޗޭންޖް ރޭޓް ކުރީ ހަފްތާތަކުގައި 19.20 ރުފިޔާއަށް ހުރި ކަމަށެވެ. އަދި މިހާރު އެ އަގު ވަނީ 50 ލާރި ދަށްވެފައި ކަމަށް ފިރާގު ވަނީ ވިދާޅުވެފައެވެ. އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް އެއީ ފަހި ދުވަހެއް ކަމަށް އެ ޕޯސްޓުގައު އޭނާ ވަނީ ވިދާޅުވެފައެވެ.
މި ބަދަލަކީ ހާލަތު ބަދަލުވުމުގެ ފެހި ސިގްނަލެއްގެ ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާގެ ތަޖުރިބާކާރެއްކަމަށްވާ ފިރާޤް ވަނީ ސިފަކުރައްވާފައެވެ. މިގޮތުގައި ދެމެހެއްޓިއްޖެނަމަ ރާއްޖޭގެ މާލީ ޙާލަތު ރަނގަޅު ގޮތުގައި ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމަށްވެސް ފިރާޤް ވަނީ ވިދާޅުވެފައެވެ.
ރާއްޖެއެމްވީން އެކަމާއި ގުޅޭގޮތުން ސުވާލުކުރުމުން ފިރާގް ވިދާޅުވީ އޭނާ ކުރެއްވި ޕޯސްޓް ސަރުކާރަށް ރަނގަޅަށް ވިސްނިފައި ނެތް ކަމަށެވެ. މިދިޔަ ބުދަ އަދި ބުރާސްފަތި ދުވަހު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 19.20 ރުފިޔާ އަށް ކަމަށާއި ނަމަވެސް ހުކުރު ހޮނިހިރު ދުވަހު 18.50 އަށް ޑޮލަރު ލިބެން ހުރި ކަމަށް އޭނާގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވާނެ ކަމަށް ފިރާގު ވިދާޅުވިއެވެ. އެ ޕޯސްޓާ އެކު އެއީ ސަރުކާރުގެ މޮޅުކަމުން ވީ ކަމެއް ކަން ދައްކަމުންދާ ކަމަށާއި އޭނާގެ ޕޯސްޓުގައި ވިދާޅުވީ އެ ދުވަހުގެ ހާލަތު ކަމަށެވެ.
އެހެންނަމަވެސް އާއްމުންނަށް ފައިދާ އެއް ކުރާނީ އެ މިންވަރުގައި ޑޮލަރުގެ އަގު ހިފެހެއްޓި، ސަސްޓެއިންކުރެވިގެން ކަމަށް ޤަބޫލުކުރައްވާ ކަމަށް ފިރާގު ވިދާޅުވިއެވެ. މިހާތަނަށް އެކަން އެގޮތަށް ސަރުކާރަށް އަދި ނުކުރެވޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފިރާގު ވަނީ އަބަދުވެސް ބަލަނީ މާކެޓްގައި ހުރި އެންމެ ފަހި ފުރުސަތުތަކަކަށް ބެލޭތޯ ކަމަށެވެ.
ޕޮސިބްލް މާކެޓްތާ އަޅުގަނޑުމެން ބަލާނީ. އެއީ އަތުގަ ހުރި އެއްޗެއް ނިކުމެގެން ނޫނީނެތް އެއްޗެއް ވިއްކާލާ ފަހަރުވެސް އަންނާނެ. އެކަހަލަ ގޮތަކަށް ދަނީ. އެކަން ސަސްޓެއިން ކުރެވިއްޖެއްޔާ ރަނގަޅު. ސަސްޓެއިން ކުރެވޭނެ ކަމަކަށް އަދި ޤަބޫލެއް ނުކުރެވޭ. އަދި ކަންތައްތައް ހުރި ގޮތުން. އެހެންނަމަވެސް މިހާރު ކަންތައްތައް ދާގޮތުން ސަސްޓެއިންކުރަން އަދި މާ އަވަސް ކަންނޭނގެ.އިނަރ މޯލްޑިވްސްގެ ސީއީއޯ މުޙައްމަދު ފިރާޤް
މިކަމާ ގުޅިގެން ރާއްޖެއެމްވީން ވަނީ ޑޮލަރ މާރުކުރާ ތަންތަނަށް ގުޅައިގެން އަގުތަށް ހުރި ގޮތް އޮޅުން ފިލުވާފައެވެ. އެގޮތުން ބެލި ބެލުމުން އެނގުނު ގޮތުގައި ގިނަ ތަންތަނުން ޑޮލަރު ވިއްކަމުން ދަނީ 19 އާއި 19:50 އާއި ދެމެދުގެ އަގެއްގައެވެ.
އެހެންކަމުން ޑޮލަރުގެ އަގު ހެޔޮވެއްޖެ ކަމަށް ސަރުކާރުން ބުނި ނަމަވެސް ޑޮލަރ މާރުކުރަމުންދާ ރޭޓަށް ބަލާއިރު އެއީ ހަގީގަތެއް ނޫންކަން ހާމަވެއެވެ.
ރާއްޖޭގެ ރިސޯޓުތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވައިލައި އަމަލުކުރަން ފެށި ބޭރުފައިސާގެ ގަވާއިދުގެ ދަށުން ޖެނުއަރީ މަހުގެ މެދާއި ހިސާބަށް، 30 މިލިއަން ޑޮލަރާއި 40 މިލިއަންއާ ދެމެދުގެ އަދަދެއް މާރުކުރާނެ ކަމަށް އެމްއެމްއޭއިން ނިމިދިޔަ ވަނީ ބުނެފައެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބޭރު ފައިސާއާ ބެހޭ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައި ވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 14ވަނަ ދުވަހުގައެވެ. މި ގަވާއިދުގެ ދަށުން ޓޫރިސްޓު ރިޒޯޓުތަކުން ފަތުރުވެރިއެއްގެ ބޮލަކަށް 500 އެމެރިކާ ޑޮލަރު ދިވެހި ބޭންކުތަކުގައި މާރުކުރަންޖެހެއެވެ.
ހއ. އަތޮޅުގެ ރަށްތަކަށް ޖެނުއަރީ މަހުގެ ފަހު ހަފްތާގައި ކުރެއްވި ދަތުރުގެ ތެރެއިން ހޯރަފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލު ކުރައްވައި ރައީސް މުއިއްޒު ވިދާޅުވީ ޓޫރިޒަމް ވިޔަފާރިތަކަށް ޑޮލަރުން ލިބޭ އާމްދަނީގެ ބައެއް ބޭންކުތަކުން މާރުކުރަން މަޖުބޫރުކުރާ ބޭރު ފައިސާއާ ބެހޭ ގާނޫނަށް ގިނަ ރިސޯޓުތަކުން އެއްބާރުލުން ލިބޭ ކަމަށާއި އެގޮތުން މިހާތަނަށް 25 މިލިއަން ޑޮލަރު މާރު ކޮށްފައިވާ ކަމަށެވެ.
ބޭރުފައިސާގެ ގާނޫނުގެ ދަށުން 25 މިލިއަން ޑޮލަރު މާރުކުރި ކަމަށް ރައީސް ވިދާޅުވި ވާހަކަފުޅާ ކަޅު ބާޒާރުގައި ޑޮލަރުގެ އަގުހެޔޮ ވެއްޖެ ކަމަށް ދެކެވޭ ވާހަކަތަކާ ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ގުޅުވަމުން އަންނަ ކަންވެސް ފާހަގަ ކުރެވިފައިވެއެވެ.
އެހެން ނަމަވެސް ޑޮލަރު ވިއްކާ ތަންތަނުން ޑޮލަރު ވިއްކަމުންދާ ރޭޓުތަކަށް ބަލާއިރު ޑޮލަރުގެ އަގު ތިރިވެފައި ނުވާކަން ފާހަގަ ކުރެވެއެވެ.