އައްޑޫ ސިޓީ ހަންކެޑެ ބްރިޖު އާއްމުންނަށް ހުޅުވާލަން މާބޮޑަށް ވެސް ލަސްވެފައިވާ ކަމަށާއި މިހާރު އެތަން އާއްމުންނަށް ހުޅުވާލީ އާއްމުންގެ ޕްރެޝަރ އާއި ހުރެ ކަމަށް އައްޑޫގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ޝުއާއު ވިދާޅުވެއްޖެއެވެ.
އެތަނުގެ މަސައްކަތް ނިމުނުކަން ސަރުކާރުން ވަނީ މިދިޔަ އޮގަސްޓް މަހު އިއުލާންކޮށްފައެވެ. އެހެންނަމަވެސް ހަންކެޑެ ބްރިޖް ހުޅުވާލާފައިވަނީ ހުކުރު ދުވަހުގެ ރޭ މެންދަރު 12 އިން ފެށިގެންނެވެ. އައްޑޫ ސިޓީ ހިތަދޫއާއި މަރަދޫ ގުޅުވާލަދޭ ހަންކެޑެ ބްރިޖުގެ ޢަމަލީ މަސައްކަތް ފޭށީ 2021 ވަނަ އަހަރުގެ ތެރޭގަ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ކަމަށް ވާއިރު މި ސަރުކާރުން އެ މަޝްރޫޢަށް ދޭންވާ ސަމާލުކަން ދީފައި ނުވާ ކަމަށް ޝުއާއު ވިދާޅުވިއެވެ. އެތަނުގެ ރަސްމީ މަސައްކަތް ނިމުނު ނަމަވެސް އާއްމުންނަށް ބްރިޖް ހުޅުވާލާފައި ނުވަނީ ބްރިޖް ދަށުގައި ހުރި ވެލި ނަގަން ކޮންޓްރެކްޓަރ މަސައްކަތް ކުރުމާއި، ސައިންބޯޑުތަކާއި ދަވާދުލުމުގެ މަސައްކަތް ކުރިއަށްދާތީ ކަމަށް ވެސް އެނާ ވިދާޅުވިއެވެ.
އެހެންނަމަވެސް އެ މަސައްކަތް އަވަސްކުރުމަށް ކޮންސްޓްރަކްޟަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ މިނިސްޓްރީގެ ފަރާތުން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށް ޝުއާއު ވިދާޅުވިއެވެ. ޝުއާއު ވިދާޅުވީ އެ މަސައްކަތުގެ ވެރިފަރާތަކީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޟަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗަރ ކަމަށް ވުމާއި އެކު މިއަށް ވުރެ އަވަހަށް އާއްމުންނަށް އެތަނުން ޚިދުމަތް ދެވެންވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަންކެޑެ ނުހުޅުވުމުން އާއްމުންނާއި ކައުންސިލުން ނުކުމެ އެ ވާހަކަ ނުދައްކަނީސް ސަރުކާރުން ޒިންމާ ނަގައިގެން މަސައްކަތް ކުރި ނަމަ މިއަށް ވުރެ އެ މަރުހަލާ އަވަސް ވާނެ ކަަމަށް ޝުއާއު ވަނީ ވިދާޅުވެފައެވެ. ނަމަވެސް އާއްމުންނާއި ކައުންސިލްގެ ފާޑުކިޔުން ބޮޑުވެ ސަރުކާރު ޕްރެޝަރ އަށް ވެއްޓުމާއި ހަމައަށް މިނިސްޓްރީން ވަނީ އެ މަސައްކަތް ދިގުދަންމާލާފައި ކަމަށާއި އެކަމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.
ހަންކެޑެ ބްރިޖް ހުޅުވުމަށް ކައުންސިލުން ކުރަން ޖެހޭ ކަންކަން ކުރުމަށް އައްޑޫ ސިޓީ ކައުންސިލަށް ލިބުނީ އެންމެ ދުވަހެއް ކަމަށާއި ކައުންސިލުން ފުރިހަމަކުރަން ޖެހޭ ކަންކަން ވީ އެންމެ ރަނގަޅަކަށް ކޮށްދީފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އިންޑިއާގެ އެފްކޮންސް ކުންފުނިން ވަނީ ބްރިޖްގެ މަސައްކަތް ނިންމާ ސަރުކާރާއި އެތަން އޮގަސްޓް މަހުގެ ތެރޭގައި ހަވާލުކޮށްފައެވެ. އެތަން ހުޅުވުން ލަސްވުމުން ސަރުކާރު ހޫނުފެނަށް ވެއްޓިފައި ވަނިކޮށް ހައުސިން މިނިސްޓްރީން ބުނެފައި ވަނީ މަގު ހުޅުވުން ލަސްވީ މަގުގައި ސަލާމަތީގޮތުން ކަށަވަރު ކުރަންޖެހޭ ބައެއްކަންކަން ބެލުމަށް ސަރވޭކުރާތީ ކަމަށެވެ.