2024 ވަނަ އަހަރު ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބޭންކް އޮފް މޯލްޑިވްސް އިން ބުނީ 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ހޯދައިފިއެވެ. މި ކުއާޓަރގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިން ވަނަ ކުއާޓަރއާ އަޅައިބަލާއިރު 47 އިންސައްތަ ކުރިއެރުމެކެވެ. ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޜަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުންނެވެ.
2024 އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުގައި ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 4 އިންސައްތަ އިތުރުވުމެކެވެ. އަދި ޖުމްލަ އެސެޓް ވަނީ 2023 ވަނަ އަހަރަށްވުރެ 3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ބެންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅުވެފައިވާއިރު، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.
މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ "ފާއިތުވި އަހަރު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރަން. 2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދޭ. 2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކު. އަދި ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދީ، ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު."
ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ 2025 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް "މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އިއުލާންކޮށްފައެވެ. އަދި ޖަމިއްޔާތައް ބާރުވެރިކުރުވައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ 5 ފަރާތެއް ހޮވާފައިވެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިންގ ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.