ޔުއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްވީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވެ، ލިވަޕޫލް ފުރަތަމަ ފަހަރަށް މުބާރާތުގައި ބަލިވެއްޖެ އެވެ.
ޕީއެސްވީގެ އަމިއްލަ ދަނޑުގައި ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުގައި އެ ޓީމުން ވަނީ 3-2 އިން ލިވަޕޫލްގެ މައްޗަށް ކުރި ހޯދައިފަ އެވެ. މެޗުގައި ލިވަޕޫލް އިން ދެ ފަހަރެއްގެ މަތިން ލީޑު ވެސް ނެގި އެވެ. ނަމަވެސް ޕީއެސްވީން ވަނީ ފަހަތުން އަރައި ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.
މެޗުގެ ފުރަތަމަ ހާފުގެ 28 ވަނަ މިނެޓުގައި ލިވަޕޫލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، އެ ޓީމަށް ކުރި ހޯދަައިދިނީ ކޯޑީ ގަކްޕޯ އެވެ. އޭގެ ފަހުން 35 ވަނަ މިނެޓުގައި ޕީއެސްވީ އަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ޔޯހަން ބަކަޔޮކޯ އެވެ. އޭގެ ފަސް މިނެޓު ފަހުން ހާވޭ އެލިއޮޓް ވަނީ ލަނޑު ޖަހައި ދެ ވަނަ ފަހަރަށް ލިވަޕޫލަށް ކުރި ހޯދައިދީފަ އެވެ. އެއީ ފެޑެރިކޯ ޗިއެސާ ތަނަވަސްކޮށްދިން ފުރުސަތެއްގައި އޭނާ ޖެހި ލަނޑެކެވެ. އޭގެ ފަހުން ޕީއެސްވީން ނަތީޖާ ހަމަހަމަ ކުރީ އިސްމާއިލް ސައިބަރީ ޖެހި ލަނޑުންނެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ޕީއެސްވީގެ ތިން ވަނަ ލަނޑު ޖެހީ ރިކާޑޯ ޕެޕީ އެވެ.
މޮޅާއެކު ޕީއެސްވީ އަށް ޖެހޭނީ މުބާރާތުގެ ޕްލޭ އޮފްގައި ވާދަކުރުމަށެވެ. ލިވަޕޫލަށް ގަދަ 16 ވަނަ ބުރުން ޖާގަ ލިބެނީ އެއް ވަނަ ޓީމުގެ ގޮތުގަ އެވެ. ގަދަ 16 ވަނަ ބުރުގައި ލިވަޕޫލް ވާދަކުރަން ޖެހޭނީ ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ)، ބެންފީކާ، މޮނާކޯ ނުވަތަ ބްރެސްޓާ އެވެ.