މީޑިއާއާއި އިންޓަނެޓް ރެގިއުލޭޓްކުރުމަކީ މީޑިއާގެ ވަސީލަތްތައް ބްލޮކްކޮށް، މީޑިއާގެ މިނިވަންކަން ނިގުޅައިގަތުން ނޫންކަމަށް ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވެފައި މިވަނީ އިންޓަނެޓާއި މީޑިއާ ރެގިއުލޭޝަނާ ގުޅޭ ބިލެއް އެކުލަވާލާ މަޖިލިހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވުމުން އެކަމާއި ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.
އެ ފާޑުކިޔުންތަކަށް ރައްދުދެއްވާ ނާޒިމް "އެކްސް"ގައި ނެރުއްވި ބަޔާނެއްގައި ވިދާޅުވީ މީޑީއާ ރެގިއުލޭޓް ކުރުމާއި ގުޅޭ ގޮތުން އޭނާ ދެއްކެވި ވާހަކަތައް ހަގީގަތް އޮޅޭގޮތަށް ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާކަމަށެވެ.
އަޅުގަނޑަކީ އެއްވެސް ޒަމާނެއްގައި މިނިވަން މީޑިއާއާ ދެކޮޅު ފަރާތެއް ނޫން. އަދި މީޑިއާގެ މިނިވަންކަމަށް ހުރަސް އަޅާނެ މީހެއް ނޫން. އަދި އެފަދަ ކަމަކަށް ތާއިދުކުރާނެ މީހެއްވެސް ނޫންރައްޔިތުން މަޖިލީހުގައި ނައިބު ރައީސް އަހްމަދު ނާޒިމް
ނާޒިމް ވިދާޅުވީ ރާއްޖޭގައި މީޑިއާތައް ރެގިއުލޭޓްކުރަން މިހާރުވެސް ދެ މުވައްސާސައެއް އޮންނަކަމަށާއި އެހެންނަމަވެސް އެ ތަންވެސް އެންމެ ފުރިހަމަ ގޮތުގައި ހިގަމުން ނުދާކަން މީޑިއާތައްވެސް ގަބޫލު ކުރާކަމަށެވެ. އަދި އެއީ ދައުލަތުގެ ރިސޯސްތައް ޑުޕްލިކޭޓްވުމުގެ އިތުރުން ނަތީޖާ ނުނެރެވޭ ފަދަގޮތަކަށް އޮތް 2 މުވައްސަސާކަމަށެވެ. ނާޒިމް އެ އިޝާރާތްކުރައްވަނީ މޯލްޑިވްސް މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިންގ ކޮމިޝަނަށެވެ.
ނާޒިމް ވިދާޅުވީ 2024 ވަނަ އަހަރުވެސް މި ދެ މުވައްސަސާއަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 18 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހަރަދުކޮށްފައިކަމަށެވެ. އަދި އޭނާގެ މަގުސަދަކީ މި ފަދަ ދޯހަޅި ގޮތްގޮތަކަށް ހުރި މުވައްސަސާތައް ރިފޯމްކުރުންކަމަށްވެސް ނާޒިމް ވިދާޅުވިއެވެ.
ފަހަކަށް އައިސް ޒުވާނުން މުނިފޫހިފިލުވުމުގެ އިތުރުން ޒުވާނުން އާމްދަނީ ހޯދާ އަދި އެމީހުންގެ ޝުއޫރުތައް ފާޅުކުރާ އެންމެ ވަރުގަދަ ޕްލެޓް ފޯމަކީ ސޯޝަލް މީޑިއާކަމަށެވެ. އެހެންކަމުން އެ ޕްލެޓްފޯމްތައް ރެގިއުލޭޓްކުރުމަކީ އެއްވެސް ހާލެއްގައި އެތަކެތި ބްލޮކޮށް ނުވަތަ މީޑިއާގެ މިނިވަންކަމަށް ނިގުޅައިގަތުން ނޫންކަމަށް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ މިފަދަ މަންސަތައް ބޭނުންކުރެވޭއިރު، އަނެކާއިގެ އިއްޒަތްވެސް އެއީ އޮންނަ އެއްޗެއްކަން ދެނެގަންނަން އެބަޖެހޭކަމަށާއި އަނިޔާ ލިބޭ ފަރާތުން އިންސާފު ހޯދުމަށް ދޮރުގައި ޓަކި ޖަހާއިރު، އިންސާފު ހޯދައިދިނުމަށް އޮންނާނެ ވަސީލަތަކީ ކަޅާއި ހުދުން ލިޔެފައި އޮންނަ ގާނޫނުކަމާއި އަދި މިވަގުތު އެފަދަ ގާނޫނެއް ރާއްޖޭގައި ނެތްކަން އެއީ ދެބަސްވެވެން ނެތް ހަގީގަތެއް ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
މީޑިއާ އާއި އިންޓަނެޓް ރެގިއުލޭޓްކުރަން ބިލެެއް މި ދައުރުގައި ހުށައަޅުއްވާނެކަމަށް ނާޒިމް ވިދާޅުވުމުން ސަރުކާރުން ވަނީ އެފަދަ ބިލެއް ހުށައަޅަން ނިންމާފައި ނުވާކަމަށް ބުނެފައެވެ.