ސްޕެނިޝް ލީގުގައި ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗުން ބާސެލޯނާ ބޮޑު މޮޅެއް ހޯދައިފި އެވެ.
އާދީއްތަ ދުވަހުގެ ރޭ ވެލެންސިއާ އާއި ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 7-1 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ވަނީ ފަސް ލަނޑު ޖަހައިފަ އެވެ. ދެ ވަނަ ހާފުގައި ބާސެލޯނާ އިން އަނެއް ދެ ލަނޑު ޖެހިއިރު، ވެލެންސިއާ އިން ވެސް ވަނީ ލަނޑެއް ޖަހައިފަ އެވެ.
މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ފްރެންކީ ޑި ޔޯން އެވެ. އޭގެ ހަތަރު މިނެޓު ފަހުން ފެރާން ޓޮރޭސް ވަނީ ބާސެލޯނާގެ ދެ ވަނަ ލަނޑު ޖަހައި ލީޑު ފުޅާ ކޮށްފަ އެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބާސެލޯނާގެ ތިން ވަނަ ލަނޑު ޖެހީ ރަފީނިއާ އެވެ. އަދި މި ހާފުގައި ފާމިން ލޮޕޭޒް ވަނީ ދެ ލަނޑު ޖަހައި، ބާސެލޯނާ އަށް ފަސް ލަނޑުގެ ލީޑެއް ހޯދައިދީފަ އެވެ.
މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ވެލެންސިއާގެ ހަމައެކަނި ލަނޑު ޖެހީ ހޫގޯ ޑުރޯ އެވެ. އޭގެ ފަހުން މެޗުގެ 66 ވަނަ މިނެޓުގައި ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ހަ ވަނަ ލަނޑު ޖަހައިފަ އެވެ. އަދި މެޗުގައި ބާސެލޯނާގެ ހަތް ވަނަ ލަނޑަކީ ވެލެންސިއާގެ ސެސާ ޓަރޭގާ އަތުން ބައި ކޮޅަށް ވަތް ލަނޑެކެވެ.
މެޗުން މޮޅުވެ ބާސެލޯނާ އޮތީ ލީގު ތާވަލްގެ ތިން ވަނައިގަ އެވެ. އެއީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 21 މެޗުން 42 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ލިބެނީ 45 ޕޮއިންޓެވެ. އެއް ވަނައިގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑަށް ލިބެނީ 49 ޕޮއިންޓެވެ.