ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރު މުޙައްމަދު މުޢިއްޒު އެންމެ ފަހުން ރ.އަތޮޅުގެ ރަށްތަކަށް ކުރެއްވި ދަތުރުފުޅުގައި، އެ އަތޮޅު މާކުރަތުގައި ފުޓްސަލް ދަނޑެއް އަޅައިދޭން ވައުދުވެ ވަޑައިގެންނެވިއިރު، އެ ރަށުގައި ފުޓްސަލް ދަނޑެއް އަދި ބޮޑު ފުޓުބޯޅަ ދަނޑެއް ވެސް އޮންނަކަން ހާމަވެއްޖެ އެވެ.
މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ރައީސް މުޢިއްޒު މާކުރަތަށް ވަޑައިގެން، އެ ރަށުގެ ކުޑަ ކުދިންތަކަކާ ބައްދަލުވި ވަގުތު އެ ރަށުގައި ފުޓްސަލް ދަނޑެއް ޤާއިމު ކޮށްދެއްވާނެ ކަމަށް ވިދާޅުވެ، ވައުދުވެ ވަޑައިގެންނެވި އެވެ. އެވަގުތު އެ ތަނުގައި ކުޅިވަރު ވަޒީރު ވެސް ހުންނެވިއިރު، އެކަން ކޮށްދެއްވުމަށް ރައީސް ވަޒީރަށް ވެސް އެންގެވި އެވެ.
މާކުރަތުގައި ފުޓްސަލް ދަނޑެއް ޤާއިމު ކޮށްދެެއްވުމަށް ރައީސް މުޢިއްޒު ވައުދުވެ ވަޑައިގެންނެވިއިރު، އެ ރަށުގައި ފުޓްސަލް ދަނޑެއް އޮވެ އެވެ. އެއީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލް ޤައްޔޫމުގެ ވެރިކަމުގައި، 2016 ވަނަ އަހަރު އެ ރަށުގައި ތަރައްޤީ ކޮށްފައިވާ ފުޓްސަލް ދަނޑެކެވެ.
މީގެ އިތުރުން މާކުރަތުގައި ބޮޑު ފުޓުބޯޅަ ދަނޑެއް ވެސް އޮތީ ޤާއިމު ކޮށްފަ އެވެ. އެއީ ނިމުނު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގައި މާކުރަތުގައި ޤާއިމު ކޮށްފައިވާ ދަނޑެކެވެ. އެއީ މުޅި ރާއްޖޭގައި ބޮޑު ފުޓުބޯޅަ ދަނޑުތައް ޤާއިމު ކުރުމަށް އެ ސަރުކާރުން ކުރިއަށް ގެންދިޔަ މަޝްރޫޢުގެ ތެރެއިން ތަރައްޤީ ކޮށްފައިވާ ދަނޑެކެވެ.
އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ވަޙީދު (ވައްޑެ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މާކުރަތަކީ އާބާދީގައި 1400 މީހުން ހަމަނުވާ ރަށެއް ކަމަށާއި، އެ ރަށުގައި މިހާރު ވެސް ފުޓްސަލް ދަނޑަކާއި، ބޮޑު ފުޓުބޯޅަ ދަނޑެއް އޮންނަ ކަމަށެވެ.
މީގެ އިތުރުން ވެސް މާކުރަތުގައި ފުޓްސަލް ދަނޑެއް އޮއްވާ، އެ ރަށުގައި އިތުރު ފުޓްސަލް ދަނޑެއް އަޅައިދެއްވާނެ ކަމަށް ވިދާޅުވެ ރައީސް މުޢިއްޒު ވައުދުވެވަޑައިގެންނެވުމުން ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.