ޕީއެންސީ އަށް މެމްބަރުން އިތުރުކުރަން މީހުންގެ ޒާތީ މައުލޫމާތުން ވައްކަން ކުރި މައްސަލައިގެ ތަހުގީގުގެ ވާނުވާ ބަލަން އެމްޑީޕީ އިން ފުލުހަށް ހިނގައްޖެއެވެ.
ފުލުސް އޮފީހަށް އެމްޑީޕީގެ ގާނޫނީ ޓީމުގެ މެމްބަރުން ގޮސްފައިވަނީ ބުދަ ދުވަހުގެ ހެނދުނުއެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) ގެ ޑޭޓާ ބޭސް ބޭނުން ކޮށްގެން މީހުންގެ ޒާތީ މައުލޫމާތު ބޭނުން ކޮށްގެން ޕީއެންސީ އަށް މެމްބަރުން އިތުރުކުރުމަށް ވަގު ފޯމު ފުރި މައްސަލަ ތަހުގީގު ކޮށް ދިނުމަށް އެމްޑީޕީ އިން ވަނީ ފުލުސް އޮފީހަށް ހުށަހަޅާފައެވެ.
ގާނޫނީ ޓީމާއެކު އެމްޑީޕީގެ ބައެއް އާންމު މެމްބަރުންވެސް ފުލުސް އޮފީސްދޮށަށް ގޮސްފައިވެއެވެ.
ގިނަ އަދަދެއްގެ ބަޔަކު ސޯޝަލް މީޑިއާގައި އެމީހުންނަށް ނޭނގި ޕީއެންސީ އަށް ވައްދާފައިވާ ކަމުގެ ކަންބޮޑުވުން ފާޅު ކުރަމުންދަނިކޮށް ޑީއެންއާރުގެ ތެރޭގައި ޕީއެންސީ މެމްބަރޝިޕް ފޯމު ފުރުމުގެ މަސައްކަތް ހިނގަމުންދަނިކޮށް ނަގާފައިވާ ފޮޓޯ ތަކެއް ސޯޝަލް މީޑިއާ ގައި ވަނީ ލީކުވެފައިވެއެވެ.
ފޮޓޯތަކުން ފެންނަ ގޮތުގައި އެ މަސައްކަތް ހިނގަމުން ދިޔައިރު އެތަނުގައި ހޯމްލޭންޑް މިނިސްޓަރ އަލީ އިހުސާންވެސް ހުންނެވިއެވެ.
މި މައްސަލަ ހޫނު ވެފައިވަނިކޮށް ނޫސްވެރިންނަށް ދައުވަތު ދީގެން ޑީއެންއާރަށް އަންގާރަ ދުވަހު "އެތަނުގެ މަސައްކަތް ދައްކާލުމަށް" ކަމަށް ގެންދިއުމުން ނޫސްވެރިން ވަނީ ޑީއެންއާރުގެ ތެރޭގައި ފޯމު ފުރި މައްސަލައިގައި ގިނަ ސުވާލުތަކެއް ޑީއެންއާރުގެ އޮފިޝަލުންނާ ކުރިމަތި ކޮށްފައެވެ.
ނޫސްވެރިންގެ ގިނަ ސުވާލުތަކަށް ޖަވާބު ނުދީ ވާހަކަ އޮޅުވާލަން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެމީހުންގެ ވާހަކައިން ލީކުވެފައިވާ ފޮޓޯ ތަކުގައި ފެންނަނީ ޑީއެންއާރުގެ މީޓިނގް ރޫމް ކަން ވަނީ ޔަގީން ކުރެވިފައެވެ.
ރާއްޖޭގެ އެންމެ ބޮޑު އިދިކޮޅު ޕާޓީ އެމްޑީޕީ އިން މި މައްސަލަ ތަހުގީގު ކޮށްދިނުމަށް އެދި ފުލުހުންގެ އިދާރާގެ އިތުރުން އެންޓި ކަރަޕްޝަން ކޮމިޝަނަށް ވެސް ވަނީ ހުށަހަޅާފައެވެ.
ދައުލަތުގެ ވަސީލަތްތަކުގެ ބޭނުން ނުހަމަ ގޮތުގައި ހިފާ ނާޖާއިޒް ފައިދާ ހޯދަން މަސައްކަތް ކޮށްފައިވާތީ ހޯމް މިނިސްޓަރުގެ އިސްތިއުފާ އަށް ސޯޝަލް މީޑިއާގައި އަންނަނީ ގޮވާލަމުންނެވެ.
ރައިސް މުއިއްޒު ކުރިން ވިދާޅުވެފައިވަނީ ކަރަޕްޝަންގެ މައްސަލަތައް ހެއްކާއެކު އެމަނިކުފާނާ ހަމަ އަށް ގެނެސްފިނަމަ ވަގުތުން ފިޔަވަޅު އަޅުއްވާނެ ކަމަށެވެ.
އެހެން ނަމަވެސް ރާއްޖޭގެ ތާރީހުގައި ހިނގި ޒާތީ މައުލޫމާތުން ވައްކަން ކުރުމުގެ އެންމެ ސީރިއަށް ހާދިސާ އާ ގުޅިގެން އެމަނިކުފާނު އެެއްވެސް ފިޔަވަޅެއް އަޅުއްވާފައެއް ނުވެއެވެ އަދި އެކަމާ ބެހޭ ގޮތުން މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.
އެހެން ޕާޓީތަކުން ރައީސް މުއިއްޒުގެ ޕާޓީ އަށް ގިނަ އަދަދެއްގެ މީހުން ވައްދަން ފޯމު ފުރާފައިވާކަން ފަޅާއަރާފައިވާއިރު، އެއްވެސް ޕާޓީއަކަށް ވަންނަން ދުވަހަކު ވެސް ފޯމު ނުފުރާ މީހުންގެ ނަމުގައިވެސް ފޯމު ހުށަހަޅާފައިވާ ކަން ވަނީ ހާމަވެފައެވެ.