އިސްރާއީލުން ގަދަކަމުން ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ޔަހޫދީންގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ އަނިޔާވެރި ޖަރީމާތަކުގައި ބައިވެރިވާ ހައްދުފަހަނަ އެޅި ޔަހޫދީ ފަރާތްތަކާ ދެކޮޅަށް އެމެރިކާ ސަރުކާރުން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ޓްރަމްޕްގެ ވެރިކަމުގެ ފުރަތަމަ ދުވަހު އުވާލައިފިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޯމަ ދުވަހު އެ ފިޔަވަޅުތައް އުވާލެއްވީ އެގްޒެކެޓިވް އޯޑަރަކުންނެވެ. ކުރީގެ ރައީސް ބައިޑެންގެ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތައް އުވާލިކަން ހާމަކުރީ ވައިޓް ހައުސްގެ ވެބްސައިޓް ގައެވެ.
ޓްރަމްޕްގެ މި ނިންމުމާއެކު ކުރީގެ ރައީސް ޖޯ ބައިޑެންގެ އިދާރާއިން ހުޅަނގު އައްސޭރީގައި ވަޒަންވެރިވެގެން އުޅޭ ހައްދުފަހަނަ އެޅި ޔަހޫދީ ފަރުދުންނާއި ޖަމާޢަތްތަކުގެ މައްޗަށް އަޅާފައިވާ ފިޔަވަޅުތައް އުވާލެވޭނެއެވެ. މި ފިޔަވަޅުތަކުގެ ދަށުން އެމެރިކާގައި ހުރި އެފަރާތްތަކުގެ އެސެޓްތައް ހިފެހެއްޓުމާއި، އާންމު ގޮތެއްގައި އެމެރިކާގެ ރައްޔިތުން އެފަރާތްތަކާ މުޢާމަލާތް ކުރުން ވަނީ މަނާކޮށްފައެވެ.
ދުނިޔޭގެ ސަމާލުކަން ޣައްޒާގެ ހަނގުރާމައަށް އަމާޒުވެފައިވާއިރު، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ވަޒަންވެރިން ފަލަސްތީނުގެ މީހުންނާ ދެކޮޅަށް ހިންގާ ޖަރީމާތައް އިތުރުވަމުން ދިޔުމާއި، ފަލަސްތީނުން ހިފާފައިވާ ބިންތަކުގެ ބޭރުންވެސް އިތުރު ސަރަހައްދުތައް އިސްރާއީލުން ހިފަމުން ގެންދިއުމުގެ ކަންބޮޑުވުން އިސްރާއީލުގެ ހުޅަނގުގެ ބައެއް އެކުވެރިން ފާޅުކޮށްފައިވެއެވެ.
އެމެރިކާއިން ފިޔަވަޅު އަޅާފައިވަނީ، ޔަހޫދީ ވަޒަންވެރިންގެ އަމަލުތަކުގެ ސަބަބުން އިސްރާއީލާއި ފަލަސްތީނުގެ ގެ މެދުގައި ދެ ދައުލަތުގެ ހައްލު ހޯދުމަށް ކުރަމުންދާ މަސައްކަތައް ހުރަސް އެޅޭތީ ކަމަށް ބުނެއެވެ. އަދި ގަވައިދާ ޚިލާފަށް ވަޒަންވެރިވެފައިވާ ފަރާތްތަކުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހުއްޓުމެއްނެތި ހިންގާ ޖަރީމާތައް ހުއްޓުވުމަށް އިސްރާއީލުގެ ސަރުކާރު ނުކުޅެދިފައިވާ ކަމަށް ބުނެއެވެ.
1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައި، އިސްރާއީލުން ވަނީ އުރުދުން ކޯރުން ފެށިގެން ހުޅަނގު އައްސޭރި ހިސޯރުކޮށްފައެވެ. މިއީ ފަލަސްތީނުގެ މިނިވަން ދައުލަތެއްގެ މައި ބިމުގެ ގޮތުގައި އޮންނަން ބޭނުންވާ ސަރަޙައްދެކެވެ. އިސްރާއީލުން ވަނީ އެ ސަރަޙައްދުގައި ޔަހޫދީ އާބާދީތައް ޤާއިމުކޮށްފައެވެ. ގިނަ ޤައުމުތަކުން މިއީ ޣައިރު ޤާނޫނީ ކަމެއް ކަމަށް ބުނަމުން ދިޔަ ނަމަވެސް އިސްރާއީލުން ތަރީޚީ އަދި ދީނީ އެކި ބަހަނާ ދައްކާ އެ ސަރަހައްދަށް ވަނީ ގަދަކަމުން ވެރިވެގަނެފައެވެ.