ސްޕެނިޝް ލީގުގައި ލަސް ޕަލްމާސްއާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑުން ލީގު ތާވަލްގެ އެއް ވަނަ މަގާމަށް ޖެހިލައިފި އެވެ.
ރެއާލްގެ އަމިއްލަ ދަނޑުގައި އާދީއްތަ ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 4-1 އިންނެވެ. އެއީ މެޗުގައި ލަސް ޕަލްމާސް އިން ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދާފައި ވަނިކޮށް، ފަހަތުން އަރައި ހަތަރު ލަނޑު ޖަހައިގެންނެވެ.
މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ލަސް ޕަލްމާސް އަށް ކުރި ހޯދައިދިނީ ފަބިއޯ ސިލްވާ އެވެ. ނަމަވެސް މެޗުގެ 18 ވަނަ މިނެޓުގައި ރެއާލަށް ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކީލިއަން އެމްބާޕޭ ވަނީ އެ ޓީމަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ. އޭގެ ފަހުން މެޗުގެ 33 ވަނަ މިނެޓުގައި ރެއާލަށް ލީޑު ލިބުނީ ބްރަހިމް ޑިއާޒް ޖެހި ލަނޑުންނެވެ. އޭގެ ތިން މިނެޓު ފަހުން ރެއާލްގެ ތިން ވަނަ ލަނޑު ޖެހީ އެމްބާޕޭ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު، ރެއާލްގެ ހަތަރު ވަނަ ލަނޑު ޖެހީ ރޮޑްރީގޯ އެވެ.
މޮޅާއެކު ރެއާލް އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ 20 މެޗުން 46 ޕޮއިންޓާ އެކު އެވެ. ހަމަ އެ އަދަދަށް މެޗު ކުޅެގެން ދެ ވަނައިގައި އެތުލެޓިކޯ މެޑްރިޑަށް 44 ޕޮއިންޓު ލިބޭއިރު، ތިން ވަނައިގައި ބާސެލޯނާ އަށް ލިބެނީ 39 ޕޮއިންޓެވެ. ހަތަރު ވަަނައިގައި އޮތް އެތުލެޓިކޯ ބިލްބާއޯ އަށް ވެސް ލިބެނީ 39 ޕޮއިންޓެވެ.