ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 22:53
ޕީޓްރަލް ޕާރކް ކަންމަތީ ޖަލްސާ
ޕީޓްރަލް ޕާރކް ކަންމަތީ ޖަލްސާ
ރާއްޖެއެމްވީ
ރައީސް މުއިއްޒުގެ ސަރުކާރު
ސަރުކާރުން ދަނީ ޒާތްޒާތުގެ ކުއްޔާއި ފީގެ ނަމުގައި، ރައްޔިތުންގެ ފައިކޭޓަށް އަތް ބާނާ ފައިސާ ނަގަމުން - ޝާހިދު
ޝާހިދު ވިދާޅުވީ ބުރާސްފަތި ދުވަހު އެ ޕާޓީން ބޭއްވި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުން އެނގުނީ މި ސަރުކާރާއި މެދު އާއްމުން މާޔޫސްވެފައިވާ މިންވަރު ކަމަށް

ސަރުކާރުން ދަނީ ޒާތްޒާތުގެ ކުއްޔާއި ފީގެ ނަމުގައި، ރައްޔިތުންގެ ފައިކޭޓަށް އަތް ބާނާ ފައިސާ ނަގަމުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވިއެވެ.

ޝާހިދު މިހެން ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޕީޓްރަލް ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޝާހިދު ވިދާޅުވި ގޮތުގައި ސަބްސީޑީތައް ކަނޑާލުމާއި، ތަފާތު ޓެކްސްތަކުގެ ނަމުގައި ސަރުކާރުން ކުރަމުންދާ ކަމަކީ ރައްޔިތުންގެ ފައިސާ ރައްޔިތުންގެ ޖީބުން ނެގޭނެ ގޮތެއް ހޯދުމެވެ. މީގެ އިތުރުން، ޝާހިދު ވިދާޅުވީ ބުރާސްފަތި ދުވަހު އެ ޕާޓީން ބޭއްވި ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތުން އެނގުނީ މި ސަރުކާރާއި މެދު އާއްމުން މާޔޫސްވެފައިވާ މިންވަރު ކަމަށެވެ. ރައްޔިތުން ދަނީ އެތައް އުނދަނގުލަކާއި ތަކުލީފެއް ތަހައްމަލްކުރަމުންކަން އެ ހަރަކާތުން ވެސް ހާމަވިކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެކަންކަމުގެ މާޔޫސްކަން ސަރުކާރުގެ ބީރު ކަންފަތަށް އިއްވޭނީ އަޑު ހަރުކޮށް އެ ވާހަކަދައްކައިގެން ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އެ އަޑުތައް އިއްވުމަށް 31 ޖެނުއަރީގައި ބާއްވާ އެމްޑީޕީގެ އެއްވުމަށް ވީހާވެސް ގިނަ އާއްމުން އެއްވުން މުހިންމު ކަމަށް ޝާހިދު ވިދާޅުވިއެވެ. ސަރުކާރުން ދަނީ ޚީލާތްތެރިކަމާއި އެކު ކަންކަން އޮޅުވާލަމުންކަމަށް ސިފަކުރައްވާ ޝާހިދު ވަނީ އާސަންދަ އާއި މެދު ސަރުކާރުން ޢަމަލުކުރަނީ އެ ބީދައިން ކަަމަށް ވިދާޅުވެފައެވެ.

މީހަކު ބުނި އެނގޭހޭ ދުބާއީ އާ ބެންކޮކަށް މީހުން އާސަންދައިން ފޮނުވާ ވާހަކައިގެ ޝަރުތުތައް. ވިދާޅުވި ޝަރުތަކީ މި ޖެހެނީ ކަޅު ހިލަދަޔެއްގެ މަދާއި، ނުފޯދޭ ރުކެއްގެ އެތަކާއި، ނުވިހާ ކުއްޖެއްގެ ފޫޅަކާ ގެންގޮސްދޭށޭ. އޭރުން އެއޮތީ ބެންކޮކަށް ދެވިފައޭ. ދުބާއީ އަށް ދެވިފައޭ. އެ ނޫން ގޮތަކަށް ނެތޭ ރައްޔިތަކަށް ބެންކޮކުން ނޫނީ ދުބާއީ އިން އާސަންދައިން ޚިދުމަތް ހޯދަން. ޚިދުމަތް ލުއިކޮށް ލިބޭ ގައުމުތައް ހުއްޓާ، އެ ޤައުމުތަކުން އާސަންދަ ހުއްޓާލާ ރައްޔިތުން ސަލާންޖަހަން ނެތެފަ އެތިބީ. ބޭނުންވާ ބޭސްތައް އާސަންދައިން ނުލިބޭ ވާހަކަ އެބަ ބުނޭ އާއްމުން. ދެން ކިހިނެތްތޯ ހަދާނީ؟
އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު

މި ސަރުކާރަކީ ދޮގާއި މަކަރާއި އޮޅުވާލުމުގެ ސަރުކާރެއް ކަމަށް ޝާހިދު ވިދާޅުވިއެވެ. އިތުރަށް ޝާހިދު ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް އެމްޑީޕީން ފަށާފައިވާ މަސައްކަތް ފަހަތަށް ނުޖައްސާނެ ކަމަށާއި އެ ޕާޓީން އޮތީ ދޫދޭ ގޮތަށް ނޫން ކަަމަށެވެ. އެ މަސައްކަތް ނިންމާނީ ބޮޑުތަނުން ސަރުކާރު ބަލިކުރުމަށް ފަހުގައި ކަމަށް ޝާހިދު ވަނީ ވިދާޅުވެފައެވެ. އެމްޑީޕީގެ މަޤްސަދަކީ ރައްޔިތުންނަށް އުންމީދު ގެނެސްދިނުން ކަމަށާއި ތާރީހަށް ބަލާ އިރު އެ ޕާޓީން މީގެކުރިން ވެސް މަސައްކަތްކޮށްފައިވާނީ އެ މޭރުމުން ކަަމަށް ޝާހިދު ވިދާޅުވިއެވެ. އެގޮތުން ރައްޔިތުންގެ އަޑު އަހާ އެ އަޑުތައް މައިކުތަކާއި ހަމައަށް އެ ޕާޓީން ގެނެސްދޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް