ކ. މާލެ
|
16 ޖެނުއަރީ 2025 | ބުރާސްފަތި 20:04
"ފުދިއްޖެ، ފުނޑިއްޖެ" ދޮރުން ދޮރަށް ތެރެއިން
"ފުދިއްޖެ، ފުނޑިއްޖެ" ދޮރުން ދޮރަށް ތެރެއިން
ރާއްޖެ އެމްވީ
އެމްޑީޕީ ދޮރުން ދޮރަށް
"ރާއްޖޭގެ ކަންކަން މިހާ ދަށަށް ދާއިރު، ސަރުކާރުން ރައްޔިތުންނާއި މެދު ހަމްދަރުދީގެ ނަޒަރަކުން ބަލާތަނެއް ނުފެނޭ"
ޝާހިދު ވިދާޅުވި އެ އެއްވުން ބާއްވަން ޖެހުނީ ސަރުކާރަށް މެސެޖެއް ދިނުމަށްޓަކާ ކަމަށް
ސަރުކާރުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިކޮށްލާފައިވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ

ރާއްޖޭގެ ކަންކަން މިހާ ދަށަށް ދާއިރު، ސަރުކާރުން ރައްޔިތުންނާއި މެދު ހަމްދަރުދީގެ ނަޒަރަކުން ބަލާތަނެއް ނުފެންނަ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ޝާހިދު އެފަދައިން ވިދާޅުވީ އެމްޑީޕީން ބޭއްވުމަށް ރާވާފައިވާ 'ފުދިއްޖެ، ފުނޑިއްޖެ' އެއްވުމާއި ގުޅިގެން ހިންގާ ދޮރުން ދޮރަށް ހަރަކާތުގެތެރެއިން ރާއްޖެއެމްވީ އަށް ދެއްވި ބަސްތީގަތުމެއްގައެވެ.

ޝާހިދު ވިދާޅުވި އެ އެއްވުން ބާއްވަން ޖެހުނީ ސަރުކާރަށް މެސެޖެއް ދިނުމަށްޓަކާ ކަމަށެވެ. ސަރުކާރުން ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިކޮށްލާފައިވާ ކަމަށް ފާހަގަކުރައްވާ ޝާހިދު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އެ އެއްވުމުގައި ރައްޔިތުން އުޅެމުންދާ ދަތި ހާލު ސަރުކާރަށް އިއްވާނެ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ބޮޑެތި ސިނާއަތްތައް ފުނޑާލާ ރާއްޖޭގެ އިގްތިސާދަކީ ކުޅޭކުޅޭ އެއްޗަކަށް މި ސަރުކާރުން ހަދަމުންދާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ. ދޮގުމައްޗަށް ދޮގު ހެދުން ނޫން ކަމެއް ސަރުކާރުން ނުކުރާ ކަމަށް ޝާހިދު ވިދާޅުވިއެވެ. އެކަމުގެ ސަބަބުން އެއް އަޑަކުން ރައްޔިތުން ބުނަމުންދަނީ "ފުދިއްޖެ" މިހެން ކަމަށް ޝާހިދު ވިދާޅުވިއެވެ. އެހެންކަމުން އެ އަޑު ސަރުކާރަށް ސާފުކޮށް އިއްވުމަށް 31 ވަނަ ދުވަހު އެމްޑީޕީން ބާއްވާ އެއްވުމަށް ދާން ޖެހޭ ކަމަށް ޝާހިދު ވިދާޅުވިއެވެ.

އެމްޑީޕީން ބުނީ އެ ދޮރުން ދޮރަށް ހަރަކާތް 31 ޖެނުއަރީ އާއި ހަމައަށް މެދު ނުކެނޑި ކުރިއަށް ގެންދާނެ ކަމަށެވެ. އެ ހިނގާލުމުގައި ބައިވެރިވެ އަޑު އުފުލުން މުހިންމުކަމަށާއި ކަންކަމާއި އަޑުއުފުލާ ސަރުކާރައި މެދު އާއްމުންގެ ހުރި ނުރުހުންތައް އިއްވަން ޖެހޭ ކަމަށް އެމްޑީޕީން ދަނީ ބުނަމުންނެވެ.

ގާނޫނު އަސާސީގެ ދިފާއުގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަން އެ ޕާޓީގެ ގައުމީ މަޖިލީހުން ފާސްކުރީ 9 ޖެނުއަރީ 2025ގައެވެ. އިދިކޮޅު މައި ސިޔާސީ ޕާޓީ، އެމްޑީޕީން މަގުމައްޗަށް ނުކުންނަން ފާސްކުރީ އެ ޕާޓީން ބޭއްވި ގައުމީ މަޖިލީހަށް ހުށަހަޅައި ފާސްކޮށްގެންނެވެ. މި ބައްދަލުވުމުގައި ރިޔާސަތުން ހުށަހެޅީ 31 ޖެނުއަރީގައި "ގާނޫނުއަސާސީގެ ދިފާއުގައި" މަގުމައްޗަށް ނުކުތުމަށެވެ. އެ އެއްވުން ބާއްވަން ހަމަޖެހިފައި ވަނީ ހިނގާލުމެއްގެ ސިފައިގައެވެ.

- ކޮމެންޓް