އެމްޑީޕީގެ މެންބަރުން ވަގަށް ޕީއެންސީއަށް ވެއްދުމުގައި އިސްކޮށް އުޅޭ މީހުންގެ ފޮޓޯތައް އެމްޑީޕީ ހަރުގެ ބޭރުގައި އާންމުކުރުމާއެކު ކަޅުތެޔޮ ޖަހައިފިއެވެ.
ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީ ހަރުގެ ބޭރުގައި ފޮޓޯތައް އާންމުކޮށްފައިވަނީ މިހާތަނަށް އެމްޑީޕީގެ މެންބަރުން ޕީއެންސީއަށް ވެއްދުމަށް ވަހު ފޯމްތައް ފުރި އިރު އެ ފޯމުތަކުގައި ޒިންމާދާރު ވެރިޔާ އާއި އަދި ހެކީންގެ ގޮތުގައި ސޮއިކުރި މީހުންނާއި ޖަހާފައިހުރި އިނގިލީގެ ނިޝާން އެޕްރޫވް ކުރި މީހުންނެވެ. މި ފޮޓޯތައް ހަރުކުރީ އަންގާރަ ދުވަހުގެ ހަވީރުއެވެ. އަދި އެއަށް ކަޅުތެޔޮ ޖެހީ ރޭ ދަންވަރުގެ ވަގުތެއްގައެވެ.
ފުލުުހުންވެސް ފަހުން އެތަނުގައި ހަރަކާތްތެރި ވެފައިވެއެވެ.
އެމްޑީޕީން ހަރުގެ ބޭރުގައި އާންމު ކުރި ފޮޓޯތަކުގައި ހުރީ، ވިލިމާލެ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު އަފޫ ހާމިދާއި، ހޯމްލޭންޑް މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރ ސޫދާ އަބްދުﷲ އާއި، އައިޝަތު އުމައިރާގެ އިތުރުން ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު ހުސައިން ޒިޔާދު ވަގަށް ޕީއެންސީއަށް ވެއްދި ފޯމުގައި ހެކިންގެ ގޮތުގައި ސޮއިކޮށްފައިވާ އަލީ އިޒުހާން އަދި އާމިނަތު އަލީއެވެ.
ޕީއެންސީއަށް ވަގަށް މެންބަރުން ވައްދާ މައްސަލަ ފަޅާ އަރާފައިވާއިރު މިހާތަނަށް އެމްޑީޕީގެ އާންމު މެންބަރުންނާއި، ގައުމީ މަޖިލީހުގެ މެންބަރުންގެ އިތުރުން ދުވަހަކު ޕާޓިއަށްވެސް ނުވަންނަ މީހުން ހިމެނެއެވެ.
މީގެ އިތުރުން ވަގު ފޯމު ހުށަހަޅައިގެން މެމްބަރުން އިތުރު ކުރުމުގެ ތުހުމަތު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަށް ކުރެވިފައި ވަނިކޮށް އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ސައްހަ ނޫން ފޯމުތަކެއް ހުށަހެޅި ކަމަށް އެ ޕާޓީން ވަނީ އެއްބަސްވެފައެވެ.