ކ. މާލެ
|
14 ޖެނުއަރީ 2025 | އަންގާރަ 00:13
ޖޫން 15، 2024 - ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހައްޖުވެރިން ޢަރަފާތުގެ ޖަބަލުއް ރަހްމާނުގައި ތިބި އިރު މީހަކު ދުއާ ކުރަނީ
ޖޫން 15، 2024 - ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމަށް ހައްޖުވެރިން ޢަރަފާތުގެ ޖަބަލުއް ރަހްމާނުގައި ތިބި އިރު މީހަކު ދުއާ ކުރަނީ
ގެޓީ އިމޭޖަސް
ހައްޖު އަދި އުމުރާ
2024 ވަނަ އަހަރު 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި: ސަޢޫދީ ވަޒީރު
އަޅުކަން އަދާ ކުރުމަށް ދާ މީހުންގެ ފަސޭހަ އަށް ސައުދީން ތައާރުފް ކުރި "ނުސުކް" އެޕްގެ އަޕްގްރޭޑް ކުރެވިފައިވާ ވަރޝަން އެއް ވަޒީރު ވަނީ ލޯންޗް ކޮށްދެއްވާފައި.

2024 ވަނަ އަހަރު ސަޢޫދީ ޢަރަބިއްޔާއިން ބޭރުން 18.5 މިލިއަނަށްވުރެ ގިނަ މީހުން ޙައްޖާއި ޢުމްރާ އަދާކުރި ކަމަށް ސަޢޫދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާ އާ ބެހޭ ވަޒީރު، ތައުފީޤް އަލް-ރަބީޢާ ހޯމަ ދުވަހު ވިދާޅުވެއްޖެއެވެ.

ޖިއްދާގައި ބޭއްވުނު ހަތަރުވަނަ ޙައްޖާއި ޢުމްރާ ކޮންފަރެންސް އަދި އެގްޒިބިޝަންގައި ވާހަކަފުޅު ދައްކަވަމުން، ހައްޖާއި އުމުރާ އަދާ ކުރުމުގެ ކަންކަން ހަރުދަނާ ކުރުމަށް ސައުދީ ސަރުކާރުން ކޮށްފައިވާ މަސައްކަތްތައް އޭނާ ވަނީ ފާހަގަ ކުރައްވާފައެވެ. ޚާއްޞަކޮށް މަދީނާގެ މަސްޖިދުއް ނަބަވީގެ ރައުޟާ އަލް-ޝަރީފާ އަށް ޒިޔާރަތްކުރުން ހަރުދާނާ ކުރުމަށް ކުރެވުނު މަސައްކަތްތަކެވެ. އެ ގޮތުން މުވައްޒަފުންގެ ފެންވަރު މަތިކޮށް، އޮންލައިން ބުކިންގ ނިޒާމު ހަރުދަނާކޮށް، އަދި ޕްރޮފެޝަނަލް ކޮށް ޒިޔާރާތް ކުރާ މީހުން ބެލެހެއްޓުމުގެ ނިޒާމެއް ޤާއިމުކުރުމުގެ ސަބަބުން، 2022 ވަނަ އަހަރު 4 މިލިއަން މީހުން ޒިޔާރަތްކުރި އިރު 2024 ވަނަ އަހަރު 13 މިލިއަނަށްވުރެ ގިނަ މީހުން ޒިޔާރަތްކުރިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން، އަޅުކަން އަދާ ކުރުމަށް ދާ މީހުންގެ ފަސޭހަ އަށް ސައުދީން ތައާރުފް ކުރި "ނުސުކް" އެޕްގެ އަޕްގްރޭޑް ކުރެވިފައިވާ ވަރޝަން އެއް ވަޒީރު ވަނީ ލޯންޗް ކޮށްދެއްވާފައެވެ. މިހާރު މި އެޕްގައި އިތުރު 100 ޚިދުމަތް ހިމެނިފައިވާ ކަމަށާއި، މިއީ ފުރިހަމަ ޙައްޖު އަދި ޢުމްރާގެ ތަޖުރިބާއެއް ފޯރުކޮށްދިނުމަށް ފަރުމާކުރެވިފައިވާ އެޕެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ކުރީގައި ޙައްޖާއި ޢުމްރާގެ ދަތުރަކީ އުނދަގޫ އަދި ވަރުބަލިކަން ބޮޑު ދަތުރެއް ކަމުގައި ވީނަމަވެސް، މިހާރު އެ ދަތުރު ބަދަލުވެފައިވަނީ ފަސޭހަ އަދި ހިތްހަމަޖެހޭ ދަތުރަކަށެވެ. އަދި ހުރިހާ ޙާޖީންނަށް ވެސް ފުރިހަމަ ޚިދުމަތްތަކެއް ލިބެން ހުރެއެވެ." އޭނާ ވިދާޅުވިއެވެ.                   

- ކޮމެންޓް